Roadha Mihaaru
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ

ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، އަދަބު ކުޑަވުމުން މިނިވަންވެއްޖެ

01 ޖޫން 2023

މީގެ 10 އަހަރު ކުރިން މާލޭގައި، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވިޔަސް، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމުން އިއްޔެ އޭނާ އެއްކޮށް މިނިވަންވެއްޖެ އެވެ.

މީގެ 10 އަހަރު ކުރިން މާލޭގައި، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވިޔަސް، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމުން އިއްޔެ އޭނާ އެއްކޮށް މިނިވަންވެއްޖެ އެވެ.

ސެޕްޓެމްބަރު، 2013 ގައި މާލެ ގެއަކާއި ވޯކްޝޮޕަކުން، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ފެނުނު މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމާއި ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި ނަސީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިޔަސް، ގާނޫނަށް އައިސްފައިވާ ބަދަލާ އެކު އެ ކުށް މިހާރު ފެތެނީ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާގެ ދަށުން ބަޑި ގެންގުޅުމުގެ ކުށަށް ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި އެ ކުށުގައި އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިޔަސް، ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ހުކުމެއް ނެތް ކަމަށެވެ.

އޭރު އަމަލުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަތިޔާރު ގެންގުޅުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޑި ގެންގުޅުމުގެ އަދަބަކީ އެއަށް ވުރެ ކުޑަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ކުރުމާއި ހުކުމް ކުރުމާ ދެމެދު ގާނޫނަށް ބަދަލަކުން، އަދަބު ލުއިކޮށްފިނަމަ އެ މީހަކަށް ދޭންޖެހޭނީ ފަހުން އަންނަ ގާނޫނުގައި އޮންނަ ލުއި އަދަބެވެ.

ކޯޓުން ބުނީ މޫސާ ޔޫސުފާ އެތަކެއްޗާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށެވެ.

އެ މައްސަލާގައި ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރިން އެ މައްސަލަ ބޭރުކޮށްލި އެވެ. އެކަމަކު 2021 ވަނަ އަހަރު ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.