Roadha Mihaaru
ފޯނު ހުޅުވަން ދެކޮޅު ހެދުމުން ބޮޑު ޖޫރިމަނާއެއް

ފޯނު ހުޅުވަން ދެކޮޅު ހެދުމުން 21،000ރ. ގެ ޖޫރިމަނާއެއް

29 އޮކްޓޯބަރ 2023

ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ހުޅުވަން އެންގުމުން ފޯނު ހުޅުވަން ދެކޮޅު ހެދި މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ހުޅުވަން އެންގުމުން ފޯނު ހުޅުވަން ދެކޮޅު ހެދި މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މެއި، 2018 ގައި ފުލުހުން ތަހުގީގުކުރި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނުތައް ހިފެހެއްޓުމަށްފަހު ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅު ހެދި މައްސަލާގައި ދައުލަތުން ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފެހެއްޓުމުން، ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ ކަމަށް ބުނެ، ފޯނު ހުޅުވަން އޭނާ އިންކާރު ކުރި ކަމަށެވެ. އަދި އެއީީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުން ކަމަށް ހުކުމުގައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބު ލުއިކޮށްދޭން އެދިފައިވާތީ ކޯޓުގެ ހުކުމުގައިވަނީ އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ. އެހެންވެ، 21،600ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ހަތަރު މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

މީގެކުރިން މިފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވި އެވެ.