Roadha Mihaaru
7 ދުވަހުން 3،500 މީހުން، އެކަށީގެންވާ އަދަދެއް؟

7 ދުވަހުން 3،500 މީހުން، އެކަށީގެންވާ އަދަދެއް؟

01 ޖޫން 2023

އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވި "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން މިއަދު ހުށަހެޅިއިރު، ގިނަ ބަޔަކު ހީކޮށްގެން ތިބީ މަދުވެގެން 10،000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ވައްދާނެ ކަމަށެވެ. އެ ގޮތަށް ހީކުރެވުނު މައިގަނޑު އެއް ސަބަބަކީ އެ އެމްޑީޕީން ވަކިކުރި 39،000 މެމްބަރުން ތިބީ ނަޝީދާ އެކުގައި ކަމަށް އެ ފެކްޝަނުން ބުނަމުން އަންނާތީ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވި "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން މިއަދު ހުށަހެޅިއިރު، ގިނަ ބަޔަކު ހީކޮށްގެން ތިބީ މަދުވެގެން 10،000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ވައްދާނެ ކަމަށެވެ. އެ ގޮތަށް ހީކުރެވުނު މައިގަނޑު އެއް ސަބަބަކީ އެ އެމްޑީޕީން ވަކިކުރި 39،000 މެމްބަރުން ތިބީ ނަޝީދާ އެކުގައި ކަމަށް އެ ފެކްޝަނުން ބުނަމުން އަންނާތީ އެވެ.

ޕާޓީ އުފެއްދުމުގެ ރޫހު ސޯޝަލް މީޑިއާގައި ދެއްކި ގޮތުން ނަމަ، އެ އެންމެންގެ ތެރެއިން އެކަށީގެންވާ އަދަދަކަށް ފޯމު ނެރުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އެކަމަކު އީސީ އަށް މިއަދު ހުށަހެޅީ 3،500 ފޯމެވެ. މިއީ ހަފުތާއަކުން ހަމަކުރަން އަމާޒުކުރި އަދަދު ކަމަަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އިސް ބޭފުޅުން ވިދާޅުވިޔަސް އެ އަދަދާ މެދު ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ ގާނޫނީ އަދަދު ކިރިޔާ ހަމަވުމަކީ، ނަޝީދު ދިރުވަން ބޭނުންފުޅުވާ އާ ސިޔާސީ ފިކުރަށް އެކަށީގެންވާ އަދަދެއް ހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ޕްރައިމަރީގައި ނުކުންނެވި ނަޝީދަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެ ޕްރައިމަރީ 61 ޕަސެންޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުވެވަޑައިގަތީ ނަޝީދަށް ތާއީދުކުރާ 39،000 މީހުން، އެމްޑީޕީގެ ދަފްތަރުން އުނިކޮށްގެން ކަމުގެ ޝަކުވާ އެ މަނިކުފާނު އޭރު ވެސް ކުރެއްވި އެވެ.

އެ ޝަކުވާތަކާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުމަށް" 50،000 މީހުން ސޮއިކުރި ކަން އޮތީ އިއުލާންކޮށްފަ އެވެ.

އެކަމަކު އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، އީސީއަށް މިއަދު ހުށަހެޅި ފޯމުތަކުން އެ އަދަދެއް ނުދެއްކުނެވެ. އެ ބުނާ 50،000 މީހުން ކޮބައި ހެއްޔެވެ؟ އެންމެ 3،000 ސޮޔަކީ ނަޝީދުގެ ސައިޒު ކަމަށް ފެނުމުން ކަމަށް ގަބޫލެއް ނުކުރެވޭ އެތައް ބަޔަކު އެބަތިއްބެވެ.

ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ: ޑިމޮކްރެޓްސް އުފައްދަން އެމަނިކުފާނުގެ ލަފަޔާއި އިރުޝާދު ލިބޭ ކަމަށް އެ ޕާޓީގައި އިސްކޮށް އުޅޭ މީހުން އޮތީ ވިދާޅުވެފައި. -- ފޮޓޯ | މިހާރު

ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ: ޑިމޮކްރެޓްސް އުފައްދަން އެމަނިކުފާނުގެ ލަފަޔާއި އިރުޝާދު ލިބޭ ކަމަށް އެ ޕާޓީގައި އިސްކޮށް އުޅޭ މީހުން އޮތީ ވިދާޅުވެފައި. -- ފޮޓޯ | މިހާރު

ޕާޓީ އުފައްދަން ބޭނުންވާ ފޯމުތައް އީސީއަށް މިއަދު ހެނދުނު ހުށަހަޅާނެ ކަން އިއުލާންކޮށް، މިއަދު ކޮމިޝަނަށް ހަ ފޮށިގަނޑު ގެންދިޔަ އެވެ.

އޭގައިވާ އަދަދު އިއުލާންކުރައްވަމުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އީސީއަށް މިއަދު ހުށަހެޅީ ޕާޓީ އުފައްދަން ބޭނުންވާ ގާނޫނީ އަދަދަށް ކަަމަށެވެ. އެއީ ކުރިން ވެސް ޕްލޭންކޮށްގެން މަސައްކަތް ކުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މިއަދު މި ހުށަހެޅީ 3،564 ފޯމު: ހަސަން ލަތީފް

"މާގިނަ ރަށްތަކަށް ދަތުރުކޮށްގެން ނޫން އަޅުގަނޑުމެން ފޯމު މި ހަމަކުރީ. އަޅުގަނޑުމެން ޓާގެޓުކުރީ 3،500 ފޯމު ހަމަކުރަން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، އެ އަށް ވުރެ ގިނައިން ފޯމު ހުށަނޭޅީ، ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި 3،000 އަށް ވުރެ ގިނަ ފޯމު ޕްރޯސެސް ނުކުރާނެ ކަމަށް އީސީން ބުނެފައިވާތީ އެވެ. ބާކީ 500 އެއްހާ ފޯމު ހުށަހެޅީ "ބެކްއަޕް" ގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ހަސަން އެހެން ވިދާޅުވި ނަމަވެސް، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމާ އެކު ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވަނީ ރަށްތަކަށް ދަތުރުކޮށް މެމްބަރުން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއަދު އީސީއަށް މި ހުށަހެޅީ މާލެ އާއި އަތޮޅުތަކުން ލިބުނު ފޯމުތަކެވެ.

އަދި ޑިމޮކްރެޓްސް އިން ފުރަތަމަ ޓާގެޓު ކުރީ 3،000 ފޯމު ހަމަކުރަން ނޫން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެނގިފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން އަމާޒުހިފީ، އީސީގެ ހުއްދަ ދިނުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 3،000 ހަމަކޮށް ހުށަހެޅުމެވެ. އަދި 10 ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކުރުމަކީ ވެސް ޑިމޮކްރެޓްސް ލީޑަޝިޕުން ކަނޑައެޅި އަމާޒެއްކަން އެނގިފައި ވެ އެވެ.

ހިޔާލު ތަފާތު އަދަދެއް

އެހެންކަމުން، ޕާޓީ އުފައްދަން ބޭނުންވާ ގާނޫނީ އަދަދު ކިރިޔާ ހަމަވުމަކީ، އެއް ބައެއްގެ ނަޒަރުގައި ވަރަށް ބޮޑު ވެއްޓުމެކެވެ.

"މަދުވެގެން ހައެއްކަ ހާސް ފޯމު ލާނެކަމަށް ހީކުރެވުނީ..." ފޯމު ހުށަހަޅައިގެން "މިހާރު" ނޫހުން ޝާއިއުކުރި ޚަބަރަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ފޯމުގެ އަދަދު އެހެން މީހަކު އަޅާކިޔާފައި ވަނީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދާއި މީގެ ކުރިން އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފާހަގަކުރައްވާފައިވާ އަދަދުތަކާ އެވެ.

"ރައީސް ނަޝީދަށް ތާއީދު ކުރާތީ އެމްޑީޕީއިން ކަނޑާލި 39،000 މީހުންނާއި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ވޯޓުދިން 15،000 މީހުން އެއްކުރީމާ މި އަންނަނީ 3،500؟" އެހެން މީހަކު އެހި އެވެ.

އެކަމަކު އަނެއް ބަޔަކަށް، އެންމެ ހަތް ދުވަސް ތެރޭގައި ޑިމޮކްރެޓްސްއަށް ހަމަކުރެވުނު އަދަދު މާބޮޑަށް ވެސް ރަނގަޅެވެ.

"ހަގީގަތަށް ވާހަކަ ދައްކަން ވާނީ. އެންމެ ދެތިން ހަތަރު ދުވަސް ތެރޭގައި 3،560 ފޯމު އެއްކޮށްލެވުނުކަމީ ރަނގަޅު ކަމެއް،" ހަމަކުރެވުނު އަދަދު ރަނގަޅު ކަމަށް ގަބޫލުކުރާ މީހަކު ކޮމެންޓު ކުރި އެވެ.

އެހެން މީހަކު ބުނި ގޮތުގައި މިއީ، ފުރަތަމަ މަރުހަލާގައި ހުރިހާ ޕާޓީތަކުން ވެސް އަމަލުކުރި ގޮތެވެ.

"ހުރިހާ ޕާޓީއެއް ވެސް އަލަށް އުފައްދަން ޝަރުތު ހަމަވާވަރު ވީމަ އެ ހިސާބުން ދެން އުޅެނީ ޕާޓީ ރަޖިސްޓްރީ ކުރަން ކަން ނޭނގޭ. އޭގެ ފަހުގަ ދެން ހުރި ހަރަކާތްތައް ކުރިއަށް ގެންދާނީ. މި ނޫން ގޮތަކަށް އެއްވެސް ޕާޓީއެއް ވުޖޫދަށް އައިސްފައެއް ނެތް،" އޭނާ ބުންޏެވެ.

ހުށަހެޅި ފޯމުގެ އަދަދު އާންމުން ކޮންމެ ގޮތަކަށް ސިފަ ކުރިޔަސް، ޑިމޮކްރެޓްސް އަށް ތާއީދު އޮތް ހަގީގީ މިންވަރު ދައްކާލެވޭނީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކަން ސާފެވެ.