Roadha Mihaaru
ފޫ ވައް ވެއްޓިއްޖެ، އެމްޑީޕީ ރޫޅާލާނަން: ނަޝީދު

ފޫ ވައް ވެއްޓިއްޖެ، އެމްޑީޕީ ރޫޅާލާނަން: ނަޝީދު

13 ޖުލައި 2023

ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވުމަށްފަހު، ނަޝީދު އިސްވެ އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ރަސްމީކޮށް ސޮއި ކުރައްވަން މިރޭ އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މައިގަނޑު އަމާޒަކަށްވީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.

އެކަމަކު އެ އުސޫލުތައް އެމްޑީޕީން ގެއްލުވާލުމުން، ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފައްދަވަން މަޖުބޫރުވި އެ ހަމަތައް ހިފެހެއްޓުމަށްޓަކައި ކަމަށެވެ.

އެ އާއެކު އެމަނިކުފާނު ވަނީ އެމްޑީޕީގައި މިވަގުތު ތިއްބެވި ބޭފުޅުންނަށް އެ ހަމަތަކާއި އުސޫލުތައް ދޫކޮށްނުލައްވަން އެދިވަޑައިގަންނަވާފަ އެވެ.

"އެމްޑީޕީގައި މިވަގުތު ތިއްބެވި އަޅުގަނޑުގެ ރައްޓެހިންނަށް ދަންނަވާލަން އޮތީ. މިހާރު ތި ތިބީ ގޯސް ތަނުގައި. މާއްދީ ތަނަވަސްކަމަކަށް ގޮތް ދޫނުކޮށްލައްވާ،" ނަޝީދު އެދިވަޑައިގެންނެވި އެވެ.

އެއާ ވިދިގެން ނަޝީދު ވަނީ ތަކުރާރުކޮށް އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ހަރުއަޑުން ވިދާޅުވެފަ އެވެ.

"އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ވަރަށް ކުރުކޮށް ދެއްކެވި ވާހަކަ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހު އެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީ އެވެ.

ނަޝީދު އިސްކޮށް ހުންނަވައި އުފައްދާ އާ ޕާޓީއަށް އެމަނިކުފާނުގެ ގާތް ހުރިހާ ބޭފުޅުން ވެސް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ އިމްތިޔާޒު ފަހުމީ އަދި ހަސަން ލަތީފް ހިމެނެ އެވެ. އެ ޕާޓީން އަންނަނީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.

އެކަމަކު އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރާނެ ކަމަށް އަދި ސީދާ ބުނެފައެއް ނުވެ އެވެ. އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީގެ އިތުރުން މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާ އެކު ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ގެންދަވަނީ ކުރައްވަމުންނެވެ.