Roadha Mihaaru

ތާރީހަށް ބަދަލު ގެނެސް ގައުމީ ބޮޑީބޯޑިން ލީގު މި މަހު ފަށަނީ

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ މުބާރާތްތަކުގެ ތާރީހުތަކަށް ބަދަލު ގެނެސް، މި މަހު ލީގު ފަށަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމައިފި އެވެ.

ގައުމީ ބޮޑީބޯޑިން ލީގު މި މަހު ފަށަނީ
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

04 ޖޫން 2023

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ މުބާރާތްތަކުގެ ތާރީހުތަކަށް ބަދަލު ގެނެސް، މި މަހު ލީގު ފަށަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމައިފި އެވެ.

މާޗު މަހު އެމްބީބީއޭ އިން މި އަހަރުގެ އަހަރީ ކަލަންޑަރު އާއްމު ކުރި އިރު، ލީގު ފެށުން އޮތީ މެއި 5-13 އަށް މާލޭގައި ކުރިއަށް ގެންދާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުންނެވެ. ނަމަވެސް މިހާރު މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 17-23 އަށެވެ.

މި އަހަރުގެ ގައުމީ ލީގުގައި ހަތަރު އިވެންޓެއް ބާއްވަން ހަމަޖެހިފައި ވެއެވެ. ދެވަނަ އިވެންޓް ކަމަށްވާ ފުވައްމުލަކު ޗެލެންޖް މި މަހުގެ 21-30 އަށް ބާއްވާ ގޮތަށް ހަމަޖެހުނު ނަމަވެސް މިހާރު މި މުބާރާތް ތާވަލް ކުރެވިފައި ވަނީ ސެޕްޓެމްބަރު މަހުގެ 21-29 އަށެވެ.

ތުލުސްދޫގައި ބާއްވާ ރާނދަ ބޮޑީބޯޑިން ޗެލެންޖް ސެޕްޓެމްބަރު 8-16 އަށް ކުރިން ތާވަލް ކުރެވުނު ނަމަވެސް މިހާރު މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު 13-21 އަށެވެ. ލީގުގެ ފަހު އިވެންޓް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް އޮކްޓޫބަރު 5-14 އަށް ބާއްވާގޮތަށް ތާވަލް ކުރެވުނަސް މިހާރު މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 އަށެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަނަކީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ޗެމްޕިއަނަކީ އާމިން އުމަރު މޫސާ އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ ގައި ހިމެނޭ މޯލްޑިވްސް ޕްރޯ މުބާރާތް ކުރިން ތާވަލް ކުރެވުނު ގޮތަށް އޮގަސްޓް މަހުގެ 3-12 އަށް ބާއްވާނެ އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި މިދިޔަ އަހަރު ރާއްޖޭގެ އެތުލީޓުން ވަނީ ފާހަގަ ކޮށްލެވޭ ރަނގަޅު ކާމިޔާބީއެއް ހޯދައިފަ އެވެ.

އެގޮތުން ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުގައި ކުޑަ އައްޔަ ވާދަ ކުރި އިރު، ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކޮށް އާމިން ވަނީ ދެވަނަ ހޯދައިފަ އެވެ.