Roadha Mihaaru
ވެންޓިލޭޓަރާއެކު އިތުރު ސާމާނު ޗައިނާއިން ހަދިޔާކޮށްފި

ވެންޓިލޭޓަރާ އެކު އިމަޖެންސީ ފަރުވާދޭ އިތުރު ސާމާނު ޗައިނާއިން ރާއްޖެ އަށް ހަދިޔާކޮށްފި

06 ޖޫން 2023

ޗައިނާގެ އެހީގައި ޔޫއެންޑީޕީން އިމަޖެންސީ ފަރުވާ އަށް ބޭނުންވާ އެކި ކަހަލަ އާލަތްތައް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗައިނާގެ އެހީގައި ޔޫއެންޑީޕީން އިމަޖެންސީ ފަރުވާ އަށް ބޭނުންވާ އެކި ކަހަލަ އާލަތްތައް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީން ވަނީ އެ ތަކެތި އެ އިދާރާއާ ހަވާލުކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

އިމަޖެންސީގައި ބޭނުންކުރާނެ ސާމާނު ޔޫއެންޑީޕީން ހަދިޔާކުރީ ކޮވިޑްއާ ގުޅިގެން އެ ޖަމިއްޔާއިން ފެށި "ޗައިނާ-ޔޫއެންޑީޕީ ޓްރޭންގިއުލާ ކޯޕަރޭޝަން ރެސްޕޯންސް ޓު ކޮވިޑް-19 އިން ދަ އޭޝިއާ އެންޑް ޕެސިފިކް ރީޖަން ޕްރޮގްރާމް"ގެ ދަށުންނެވެ.

ޔޫއެންޑީޕީންގެ ނޫސްބަޔާނުގައި ބުނީ މިއީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ކޮވިޑް ބަލި ޖެހޭ މީހުންނަށް ރަނގަޅު ފަރުވާއެއް ދިނުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

ޗައިނާގެ އެހީގައި ޔޫއެންޑީޕީން ރާއްޖެއަށް ހަދިޔާކުރި އިމަޖެންސީ ފަރުވާދޭ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ތަންތަނުގެ އިސްވެރިން.-- ފޮޓޯ: ޔޫއެންޑީޕީ

ޗައިނާގެ އެހީގައި ޔޫއެންޑީޕީން ރާއްޖެއަށް ހަދިޔާކުރި އިމަޖެންސީ ފަރުވާދޭ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ތަންތަނުގެ އިސްވެރިން.-- ފޮޓޯ: ޔޫއެންޑީޕީ

މި ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ހަދިޔާކުރީ 4،000 އަށް ވުރެ ގިނަ އަންގި އާއި 16 އޮޓޮމޭޓެޑް އެކްސްޓާނަލް ޑެފިބްރިލޭޓާސް އަދި 10 ނިއޮނޭޓަލް ވެންޓިލޭޓަރެވެ.

ޔޫއެންޑީޕީން ބުނީ މި ހުރިހާ ސާމާނެއް ފޮނުވާނީ އަތޮޅު ހޮސްޕިޓަލުތަކަށް ކަމަށެވެ.

އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި ލިބުނު އެހީގެ ފައިދާ 10 އަތޮޅު ހޮސްޕިޓަލަށް ލިބި ކެޕޭސިޓީ ވަރުގަދަވާނެތީ: ނަސީމް، ހެލްތު މިނިސްޓަރު

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ އެހެން ސާމާނު ހޯދުމަށް ރާއްޖެއިން ބޭރު ގައުމުތަކަށް ބަރޯސާވާން ޖެހޭއިރު، ޗައިނާ އާއި ޔޫއެންޑީޕީގެ ފަރާތުން މިއަދު ހަދިޔާކުރި ސާމާނަކީ ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި ލިބުނު އެހީގެ ފައިދާ 10 އަތޮޅު ހޮސްޕިޓަލަށް ލިބި ކެޕޭސިޓީ ވަރުގަދަވާނެތީ،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން އާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ވެރާ ހާކިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.