Roadha Mihaaru
ވެންޓިލޭޓަރު ހޯދުން: އޭސީސީ ރިޕޯޓުގައި ތުހުމަތެއް ނެތް

ވެންޓިލޭޓަރު ހޯދުން: އޭސީސީގެ ދިރާސާގައި ކޮރަޕްޝަންގެ ތުހުމަތެއް ނެތް

22 މެއި 2020

ކޮވިޑް-19ގެ ފަރުވާ އަށް ދައުލަތުން 57.2 މިލިއަން ރުފިޔާ ހޭދަކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުކޮށްފައި ވީ ނަމަވެސް ބޮޑެތި މައްސަލަތަކެއް ފާހަގަނުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރޭ ރިޕޯޓެއް ނެރެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް ދައުލަތުން 57.2 މިލިއަން ރުފިޔާ ހޭދަކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުކޮށްފައި ވީ ނަމަވެސް ބޮޑެތި މައްސަލަތަކެއް ފާހަގަނުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރޭ ރިޕޯޓެއް ނެރެފި އެވެ.

ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ މައްސަލައިގައި އޭސީސީން ރޭ ނެރުނު ރިޕޯޓުގައި، ކޮވިޑްގެ ފަރުވާއަށް 149 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަކަށް ސީދާ ބުނެފައެއް ނުވެ އެވެ. ކޮމިޝަނުން ބުނީ ނެރުނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުން މިހާތަނަށް ލިބިފައިވާ މައުލޫމާތު ދިރާސާކޮށް، ފާހަގަކުރެވުނު ކަންކަމުގެ ޚުލާސާ ރިޕޯޓެއް ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރި ކުންފުނިތައް

- ނާޑް ޕްރައިވެޓް ލިމިޓެޑް: 24 ވެންޓިލޭޓަރު (8.3 މިލިއަން ރުފިޔާ)

- މެޑް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: 50 ވެންޓިލޭޓަރު (14.4 މިލިއަން ރުފިޔާ އަށް)

- އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން، ދުބާއީ: 75 ވެންޓިލޭޓަރު (34.5 މިލިއަން ރުފިޔާ)

އޭސީސީގެ ރިޕޯޓު ނެރުނީ ތަހުގީގު މުޅިން ފުރިހަމަ ނުވަނީހެވެ. އިތުރު ލިޔެކިޔުންތައް ހޯދައިގެން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ އިރު، މައިގަނޑު ގޮތެއްގައި ރިޕޯޓުގައި ވަނީ ތިން ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ހަވާލުކުރި ގޮތެވެ. ބިޑަށް ނުލައި ހަވާލުކުރި މި މަރުހަލާގައި، މާ ބޮޑެތި ގޯސްތަކެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ކަމަކަށް އޭސީސީގެ ރިޕޯޓުން ފާހަގައެއް ނުވެ އެވެ.

އެކަމަކު ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ނިންމީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅުވައިގެން ކަމަށް ވިޔަސް، އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަން ލިބޭ ފުރުސަތެއް ނޫން ކަމަށް، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ހާލަތްތަކުގައި ވެސް ހުއްދަތައް ދޭން ޖެހޭ ގޮތްތަކާއި ފަރާތްތައް ތަފްސީލްކޮށް ބަޔާންކޮށްފައިވާ އިރު، އުސޫލުތަކުގެ ބޭރުން ހުއްދަ ދިނުމަކީ ނިޒާމުގެ މަގްސަދު ހާސިލްކުރަން ހުރަސްއެޅި ކޮރަޕްޝަނަށް ހުރި ފުރުސަތުތައް އިތުރުވާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އޭސީސީގެ މެމްބަރުން: ޖިނާއީ ތަހުގީގުގެ ބަދަލުގައި ދިރާސާ ރިޕޯޓްތައް ނެރޭތީ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީގެ މެމްބަރުން: ޖިނާއީ ތަހުގީގުގެ ބަދަލުގައި ދިރާސާ ރިޕޯޓްތައް ނެރޭތީ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބަލިމަޑުކަމުގެ ފަރުވާ އަށް ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވެގެން ހެލްތު މިނިސްޓްރީން އިތުބާރު ހިފޭ ކުންފުނިތަކަކާ ހަވާލުކުރި ނަމަވެސް އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ހަވާލުނުކޮށް، އިތުރު މުއްދަތަށް އެދިފައިވާ ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. ތިން ކުންފުންޏަކާ އެކު އެއްބަސްވުން އެކުލަވާލާފައި އޮތަސް މިހާތަނަށް ފައިސާ (31 މިލިއަން ރުފިޔާ) ދައްކާފައި ވަނީ، އެގްޒެކިއުޓާސް ކުންފުންޏަށް އެކަންޏެވެ.

މިހާތަނަށް ވެންޓިލޭޓަރުތައް ގެނެސްދީފައި ވަނީ އެގްޒެކިއުޓާސް ކުންފުންޏާއި މެޑްޓެކް މޯލްޑިވްސް އިންނެވެ. އެގޮތުން އެގްޒެކިއުޓާސް އިން ގެނެސްދީފައި ވަނީ 75 ވެންޓިލޭޓަރުގެ ތެރެއިން 10 އެވެ. މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރުގެ ތެރެއިން ވަނީ 18 ވެންޓިލޭޓަރު ގެނެސްދީފަ އެވެ. ވެންޓިލޭޓަރު ހޯދުމުގައި ހުރި ދަތިތަކާއި ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓައިލުމަކީ އެ ތަކެތި ސަޕްލައި ކޮށްދިނުމުގައި ކުރިމަތިވާ މައްސަލަތަކެއް ކަމަށް ސަރުކާރާއި ބައެއް ކުންފުނިތަކުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު، ސަރުކާރުން ހަވާލުކުރި ވެންޓިލޭޓަރުތައް ގެނެސްދޭނެ ތާވަލެއް އެ ކުންފުނިތަކުން ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.

ބިޑްނުކުރީ ބޭނުންވާ މުއްދަތަށް ނުލިބުމުގެ ބިރު އޮތުމުން

ވެންޓިލޭޓަރުތައް ގެންނަން ބިޑަށް ނުލައި ތިން ކުންފުންޏަކާ ހަވާލުކުރީ އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮވިޑް-19އާ ގުޅިގެން ހޯދަން ޖެހޭ ތަކެތި އިމަޖެންސީގައި ހޯދުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަން ރައީސް އޮފީހުގެ ޕޮލިސީ ގްރޫޕްގެ ބޭފުޅުންނާ އެކު މާޗް 15 ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާތީ އެވެ.

ކޮމިޝަނުން ބުނިގޮތުގައި، ވަކި ކުންފުނިތަކެއް ހޮވައި އެ މީހުންނާ ހަވާލުކުރީ އެއް ބަޔަކާ ހަވާލުކުރުމުން ބޭނުންވާ މުއްދަތަށް ނުލިބިދާނެތީ އެވެ. އިތުބާރު ހިފޭ ކުންފުނިތަކަކަށް ބަހާލައިގެން އެކަން ކުރަން ނިންމީ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ކޮވިޑުގެ ފަރުވާ އަށް ބޭނުންވާ ސާމާނު ހޯދުމުގައި ދަތިތަކެއް ހުރުމާ އެކު 2.5 މިލިއަން ރުފިޔާ އަށް ވުރެން އަގު ބޮޑުވާ މަސައްކަތްތައް ޓެންޑަ ބޯޑަށް ހުށަހަޅަން ނުޖެހި ހެލްތު މިނިސްޓްރީގެ ކޮމިޓީން ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް އޮތީ ފިނޭންސް މިނިސްޓްރީން ހޯދައިފަ އެވެ. ފުރަތަމަ ދިނީ އެއް މަސް ދުވަހުގެ ހުއްދަ އެކެވެ. ފަހުން މުއްދަތު އިތުރުކުރަން އެދުމުން އަނެއްކާ ވެސް އެއް މަސް ދުވަސް އިތުރުކޮށްދިން ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

މިނިސްޓްރީ އޮފް ހެލްތަށް 50 ވެންޓިލޭޓަރު ހޯދުމުގެ ޕްރޮކިއުމަންޓާއި 20 ވެންޓިލޭޓަރު ހޯދުމުގެ ޕްރޮކިއުމަންޓްގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން ނިންމާފައި ވަނީ މަތީގައިވާ [ފިނޭންސް މިނިސްޓްރީގެ] ހުއްދައިގެ ދަށުން ކަން ފާހަގަކުރެވެ އެވެ. --އޭސީސީ

ނާޑް ކުންފުންޏާ އެކު ވީ އެއްބަސްވުން

ނާޑް ޕްރައިވެޓް ލިމިޓެޑާ، 24 ވެންޓިލޭޓަރު ހޯދަން ހަވާލުކުރީ، ދެ އެއްބަސްވުމަކުންނެވެ. މާޗް، 8 ގައި ފުރަތަމަ އެއްބަސްވީ 10 ދުވަހުގެ ތެރޭގައި ހަތަރު ވެންޓިލޭޓަރު ގެންނާށެވެ. އޭގެ ފަހުން، އަނެއްކާ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މާޗް، 19، ގަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނިގޮތުގައި، ފަރުކޮޅުފުށީގެ އައިސީޔޫގެ ޚިދުމަތަށް ޓްރާންސްޕޯޓަބަލް ހަތަރު ވެންޓިލޭޓަރު ގަތުމަށް ނާޑް ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ 10.23 ގައި ބުނާ ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުންނެވެ. މި ހަތަރު ވެންޓިލޭޓަރަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ފެބުރުއަރީ، 23 ގައި 16 ފަރާތަކަށް ހެލްތު މިނިސްޓްރީން ފޮނުވި ކަމަށް ރިޕޯޓުގައިވެ އެވެ. ޕްރީބިޑް މީޓިން އެ ރޭ ބާއްވައި ޖެހިގެން އައި ދުވަހު ބިޑްތައް ބަލައިގެންފައިވާ އިރު، މިއީ ގަވާއިދުގައި ރެސްޓްރިކްޓެޑް ޓެންޑަރިން އުސޫލުން ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތެއް ކަމަށް އޭސީސީން ބުންޏެވެ.

އެއާއެކު ވެސް އެ ކޮމިޝަނުން ފާހަގަކުރީ، ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތުގެ ޕްރޮކިއުމެންޓްތަކުގައި މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އެންމެ ކުރު މުއްދަތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށެވެ.

ބިޑް ހުށަހަޅަން ދައުވަތު ދިން 16 ކުންފުނީގެ ތެރެއިން އެކަމަށް ކުރިމަތިލީ ހަތަރު ފަރާތަކުންނެވެ. މީގެ ތެރެއިން ހެލްތު މިނިސްޓްރީން ބޭނުންވި މުއްދަތުގައި (10 ދުވަސް ތެރޭގައި) އެކަން ކުރެވޭނެ ކަމަށް ބިޑް ހުށަހެޅީ ނާޑް ކުންފުނިން އެކަނި ކަން އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ކުންފުންޏާ އެކު ހެލްތު މިނިސްޓްރީގެ ސަޕްލައި ޑިވިޒަންގެ ބޭފުޅުން ސޮއިކުރީ، 10 ދުވަހުގެ ތެރޭގައި އެ ތަކެތި އެ ކުންފުންޏަށް ސަޕްލައި ކޮށްދެވިދާނެ ކަމަށް ފެންނާތީ ކަމަށް ރިޕޯޓުގައިވެ އެވެ.

ހުށަހަޅާފައިވާ ބިޑްތަކުގެ ޓެކްނިކަލް އިވެލުއޭޝަނާއި ފައިނަލް އިވެލުއޭޝަނެއް، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ހެލްތު މިނިސްޓްރީން ހަދާފައިވެ އެވެ. އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންްޓް ލިބުނީ ނާޑް ކުންފުންޏަށެވެ.

ނާޑް ކުންފުންޏަށް މި ޕްރޮކިއުމެންޓް ލިބުނު މައިގަނޑު ސަބަބަކީ އެހެން ސަޕްލަޔަރުންނަށް ވުރެން ކުރު މުއްދަތެއް ހުށަހަޅައިގެން ގިނަ ޕޮއިންޓް ލިބުމެވެ.

ނާޑް ކުންފުނިން ހެލްތު މިނިސްޓްރީއާ އެކު އެއްބަސްވި މުއްދަތަކަށް ހަތަރު ވެންޓިލޭޓަރު ރާއްޖެ ގެނެސް ހަވާލެއް ނުކުރެ އެވެ. ކަނޑައެޅި 10 ދުވަހުގެ ތެރޭގައި އެ ތަކެތި ޑެލިވަރީ ކޮށްދެވެން ނެތް ކަމަށް ބުނެ ފަހުން އެޕްރީލް 1، އާ ހަމައަށް މުއްދަތު އިތުރުކުރަން އެދުނެވެ. ކޮންޓްރެކްޓަރު ހުށަހަޅާ ސިޓީއަކަށް ބަލައި މުއްދަތު އިތުރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މުއްދަތު އިތުރުކުރަން ހުށަހަޅާ ސަބަބު ހެލްތު މިނިސްޓްރީން ކަށަވަރު ކުރަން ޖެހޭ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނީ ނާޑް ކުންފުނިން ހަތަރު ވެންޓިލޭޓަރު ހަވާލުކުރީ، އެއްބަސްވި މުއްދަތަށް ވުރެ 20 ދުވަސް ފަހުން ކަމަށެވެ.

ފަހުން އެ ކުންފުންޏާ އެކު ހަތް މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރީ 20 ވެންޓިލޭޓަރު ގެންނާށެވެ. މާޗް، 19 ގައި މި އެއްބަސްވުމުގައި ސޮއިކުރީ ދެ ހަފުތާ (14 ދުވަހުގެ ތެރޭގައި) މި ތަކެތި ރާއްޖެ ގެނައުމަށެވެ.

އޭސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުށަހަޅަން ޖެހޭ ޕާފޯމަންސް ގެރެންޓީ ނާޑް ކުންފުނިން ހުށަހަޅާފައި ނުވާ ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހެދި ބޭންކްތަކުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް ހުރެގެން ކަން އަންގާފައިވިޔަސް ފަހުން ވެސް ޕާފޯމަންސް ގެރެންޓީ ހުށަހަޅާފައި ނުވާ ކަން ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ކުންފުންޏާ ހަވާލުކުރި އެއްވެސް ވެންޓިލޭޓަރެއް މިހާތަނަކަށް ނުލިބެ އެވެ. މިނިސްޓްރީގައި އެ ކުންފުނިން އެދުނީ މުއްދަތު ސެޕްޓެމްބަރަށް އިތުރުކޮށްދޭށެވެ. އެކަމަކު، މިނިސްޓްރީން އެންގީ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ތަކެތި ރާއްޖެ ގެނެސް މިނިސްޓްރީ އަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ،

މެޑް ޓެކާ އެކު ވީ އެއްބަސްވުން

އޭސީސީން ބުނީ 50 ވެންޓިލޭޓަރު 10 ދުވަސް ތެރޭގައި ގެންނަން މާޗް، 19، ގައި މެޑްޓެކާ އެކު އެއްބަސްވީ 14.4 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުންޏާ މިކަން ހަވާލުކުރީ 10 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށްދެވޭނެ ކަމަށް ކޯޓޭޝަންގައި ހިމަނާފައި ވުމުންނެވެ.

އެކަމަކު މިނިސްޓްރީއާ އެކު އެއްބަސްވީ މުއްދަތަށް މި ކުންފުންޏަކަށް ވެސް ވެންޓިލޭޓަރުތަކެއް ނުގެނެވުނެވެ. މި ކުންފުނިން ފަހުން މިނިސްޓްރީގައި އެދުނީ އެއްބަސްވުމުގައި ބުނާ މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވޭނެތީ ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އެކި ތާރީޚްތަކަކަށް ބަހާލައިގެން ވެންޓިލޭޓަރުތައް ގެންނަ އިރު އެންމެ ފަހުގެ ވެންޓިލޭޓަރުތައް ފޯރުކޮށްދެވޭނެ މުއްދަތެއް ކަމަށް ހެލްތު މިނިސްޓްރީ އަށް އެ ކުންފުނިން އަންގާފައި ވަނީ ޖުލައި 15، އެވެ.

"މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދިނުމާ މެދު މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީން ވަކި ގޮތެއް ނިންމާފައިވާ ކަން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި މެޑްޓެކުން މިހާތަނަށް ގެނައީ 18 ވެންޓިލޭޓަރެވެ. ބާކީ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު މި މަހުގެ 31 ގައި ޑެލިވަރީކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓްރީގައި އެ ކުންފުނިން ބުނެފައިވާ ކަން އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގްޒެކިއުޓާސް ޖެނެރްލްއާ އެކު ވީ އެއްބަސްވުން

މި ކުންފުންޏާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ އޭސީސީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، މުޅި ދުނިޔޭގައި ވެސް ވެންޓިލޭޓަރުގެ ޑިމާންޑް އުފުލިފައިވާތީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެ ތަކެތި ލިބޭނެ ގޮތެއް ހޯދަން ކުރި މަސައްކަތުންނެވެ. މި އެއްބަސްވުމުގެ އަގަކީ 2.2 މިލިއަން ޑޮލަރެވެ.

އޭސީސީން ބުނިގޮތުގައި އެ ކުންފުނީގެ ޝަރުތަކަށް ވީ 75 ވެންޓިލޭޓަރުގެ އަގުގެ 75 ޕަސެންޓަށް ވާ 25.8 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމެވެ. މިކަން ހަމަޖައްސައިދޭން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގައި އެދުމުން ހުއްދަ ވެސް ދޫކުރި ކަމަށް ރިޕޯޓުގައިވެ އެވެ.

- އެއްބަސްވީ މެއި 18 ގައި 10 ވެންޓިލޭޓަރު ރާއްޖެ ފޮނުވަން.

- ބާކީ 25 ވެންޓިލޭޓަރު މެއި، 25 ގައި ފޮނުވަން.

އޭސީސީގެ ރިޕޯޓް އެކުލަވާލި ތާރީޚާ ހަމައަށް އެއްވެސް ވެންޓިލޭޓަރެއް ލިބިފައި ނުވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. އެކަމަކު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފައި ވަނީ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އޭސީސީން އެދެނީ ނިޒާމުގައި ހުރި ލުއިތަކުގެ ނާޖާއިޒު ފައިދާ ނުނަގަން

އޭސީސީގެ ރިޕޯޓުގައި، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ވެންޓިލޭޓަރުތައް ހޯދަން ކުންފުނިތަކާ ހަވާލުކުރި ގޮތެވެ. ވަކިވަކި ކުންފުނިތަކާ ހަވާލުކުރުމުގައި ހުރި މައްސަލަތައް ސީދާ ފާހަގަކޮށްފައެއް ނުވެ އެވެ.

ކޮމިޝަނުން ބުނީ ދައުލަތުން ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. މާލިއްޔަތުގެ ގާނޫނީ ނިޒާމުގައި، ދައުލަތުގެ މާލިއްޔަތަށާއި ޕްރޮކިއުމަންޓުގެ އެންމެހާ ކަންކަމަށް ޒިންމާވުމާއި ޖަވާބުދާރީވުމާއި ޖަބާވުދާރީ ކުރުވަން އެކި ކޮންޓްރޯލްތައް ހިމަނާފައިވެ އެވެ.

މީގެ ތެެރެއިން އެންމެ މުހިއްމު ކޮންޓްރޯލަކީ ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރޭގައި ޕްރޮކިއުމަންޓުގެ އެކި ކަންކަމާގުޅޭ ގޮތުން ދޭން ޖެހޭ ތަފާތު އެކި ހުއްދަތަކެވެ.

އޭސީސީން ބުނިގޮތުގައި މި ހުއްދަތައް ދޭން ޖެހޭ ގޮތްތަކާއި ފަރާތްތައް ތަފްސީލްކޮށް ބަޔާންކޮށްފައިވާ އިރު އުސޫލްތަކުގެ ބޭރުން ހުއްދަ ދިނުމަކީ ނިޒާމުގެ މަގްސަދު ހާސިލްކުރަން ހުރަސްއެޅި ކޮރަޕްޝަނަށް ހުރި ފުރުސަތުތައް އިތުރުވާނެ ކަމެކެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމަށް އާއްމުން ކުރާ އިތުބާރު ކުޑަވެ ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހްތިމާލު ނުހަނު ބޮޑުވެގެންދާނެ ކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމުގައި ދެވިފައި ހުންނަ އިހްތިޔާރުތަކަކީ ވަގުތާ ހާލަތަށް ރިއާޔަތްކޮށް ލުއި ދިނުމަށް ދެވިފައި ހުންނަ އިޚްތިޔާރު ކަމުގައި ވިޔަސް އެއިން ހަމަ ކޮންމެ ހާލަތެއްގައި ވެސް އިހްތިޔާރު ކުރަން ޖެހޭނީ ދައުލަތުގެ ޕްރޮކިއުމެންޓްގެ ނިޒާމުގެ މައިގަނޑު މަގްސަދުތަކާއި އެ ޕްރޮކިއުމަންޓް ހަރަކާތެއްގެ މައިގަނޑު މަގްސަދު އެންމެ ރަނގަޅަށް ހާސިލްވާނެ، ރައްޔިތުންނާ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްތަކަކަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ޖިނާއީ ތަހުގީގެއްގެ ބަދަލުގައި މިގޮތަށް ދިރާސާ ރިޕޯޓެއް ނެރުމުން ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ސީ ޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިން މައްސަލައިގައި ވެސް އޭސީސީން ނެރުނީ މައްސަލަ ދިރާސާކޮށްފައި ރިޕޯޓެކެވެ. އެކަމަކު އޭގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާއި އެކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުންތައް ތަފްސީލްކޮށްދީފައިވެ އެވެ.

acc.gov.mv

ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރި ގޮތް ދިރާސާ ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓު

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ރިޕޯޓް ނެރުނު ގޮތުން އެކި މީހުންނަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭ ކަމަށާއި ކޮމިޝަނުގެ ޒިންމާއަކީ އެއީ ނޫން ކަމަށް ސޯޝަލްމީޑިއާގައި ބައެއް މީހުން ލިއެފައިވެ އެވެ.

ވެންޓިލޭޓަރު ގެނައުމާ ގުޅޭ ގޮތުން އޭސީސީން ދިރާސާ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓުގެ އެންމެ މުއާމަލާތެއް ބަލަން ވެސް އޭސީސީ އަށް އެތައް މަހެއް ބޭނުންވާ ކަމަށެވެ. ޒަރިޔަންދު ވިދާޅުވީ، ދިރާސާ ރިޕޯޓެއް ލިޔެވޭނީ ކަން ހިނގި ގޮތް އެނގިގެން ކަމަށާއި އޮޅުވައިލުމަކީ އެންމެ ބޮޑު ކޮރަޕްޝަން ކަމަށެވެ.