Roadha Mihaaru
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް

10 ކިލޯގެ ޑްރަގް ގެނައި ޕާކިސްތާނު މީހާއަށް ދޭހަވާ ގޮތަށް ކިޔައިދޭން ތަރުޖަމާނެއް ހޯދަން ބަންދަށް އެއް ދުވަސް

06 ޖޫން 2023

ވައިގެ މަގުން 10 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އެތެރެވާން އުޅެނިކޮށް ކަސްޓަމްސް އިން އިއްޔެ ހިފެހެއްޓި ޕާކިސްތާނު މީހާއަށް ދޭހަވާ ގޮތަށް ކިޔައިދޭން ތަރުޖަމާނެއް ހޯދަން އޭނާގެ ބަންދަށް އެއް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވައިގެ މަގުން 10 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އެތެރެވާން އުޅެނިކޮށް ކަސްޓަމްސް އިން އިއްޔެ ހިފެހެއްޓި ޕާކިސްތާނު މީހާއަށް ދޭހަވާ ގޮތަށް ކިޔައިދޭން ތަރުޖަމާނެއް ހޯދަން އޭނާގެ ބަންދަށް އެއް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށްވާ ހަމްޒާ ނައީމް، 25، އެވެ.

އޭނާގެ ބަންދުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާ ރާއްޖެ އައިރު ގެނައި ލަގެޖުން 10.14 ކިލޯގެ ހެރޮއިން ހުރިކަން ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. އެ ފޮއްޓަކީ ރައްޓެއްސަކު އޭނާއާ ހަވާލުކުރި ފޮއްޓެއް ކަމަށް ކަސްޓަމަސް އޮފިސަރުން ގާތުގައި އޭނާ ބުނެފައިވެ އެވެ.

ގާޒީ އިސްމާއިލް ޝާފިއު ބެއްލެވި މައްސަލާގައި ބުނީ އޭނާގެ ބަންދު ޖަހަން ޝަރީއަތުގެ މަޖިލީހަށް މިއަދު ހާޒިރުވި ތަރުޖަމާނު ތަރުޖަމާކޮށްދިނުމުގައި ތުހުމަތުކުރެވޭ މީހާއަށް ސާފުނުވާ ކަމަށް ފާހަގަކޮށްފައި ވާތީ، އެހެން ތަރުޖަމާނަކު ހަމަޖެއްސުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެއް ދުވަހުގެ މުއްދަތެއް ދޭން ނިންމީ ކަމަށެވެ.

ހަމަ މި މައްސަލައާ ގުޅުންހުރި ޕާކިސްތާނުގެ އިތުރު މީހަކު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު އަޔާޒު ރާޖާ، 30، އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

އެ މީހާ ވަނީ ވަކީލަކު ހަމަޖައްސައިދޭން ވެސް އެދިފަ އެވެ. އަމިއްލަ އަށް ވަކީލަކު ހަމަޖެއްސުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ އޭނާ އެދުނީ ދައުލަތުން ވަކީލެއް ހަމަޖައްސައި ދިނުމަށެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނި ގޮތުގައި އެއީ ޕާކިސްތާނުގެ ފައިސަލްއާބާދުން އައި މީހެކެވެ. އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނުނީ އޭނާގެ ފަރާތުން ޝައްކުކުރެވޭ ކަންތައްތަކެއް ފެނުމުން ބަލައިފާސްކުރުމުންނެވެ. އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާ އަށް ވުރެ މަތި ވާނެ ކަމަށް ކަސްޓަމްސް އިން ލަފާކޮށްފައިވެ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕާކިސްތާނުގެ ބަޔަކު ހައްޔަރުކުރި އެވެ. އަތުލައިގަތް ޕާކިސްތާނުގެ ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓުނެވެ. އެއީ 2.8 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހުކުރު ދުވަހު އެ އެންމެންގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

ވައިގެމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. މިގޮތަށް އަތުލައިގެންފައިވާ އެތައް ބައެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.