Roadha Mihaaru
ސިއްހީ ރައްކާތެރިކަމަށް ތިމާވެށި ހިމަޔާތްކުރަން ޖެހޭ

ސިއްހަތު ރައްކާތެރިކުރުމަށް ތިމާވެށި ހިމަޔާތްކުރަން ޖެހޭ: ރައީސް

07 އެޕްރީލް 2022

އަމިއްލަ ސިއްހަތަށް ރައްކާތެރިވާ ފަދައިން، ތިމާވެށީގެ ރައްކާތެރިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވޭނީ ތިމާވެށި ހިމާޔަތްކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމިއްލަ ސިއްހަތަށް ރައްކާތެރިވާ ފަދައިން، ތިމާވެށީގެ ރައްކާތެރިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވޭނީ ތިމާވެށި ހިމާޔަތްކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، މި ޒަމާނުގެ އިލްމީ ހޯދުންތަކުން ބުރަވަނީ، ތިމާވެށީގެ ކޮންމެ މައްސަލައަކީ އިންސާނުންގެ ސިއްހަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމަށެވެ. އިންސާނުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީ ވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމެކެވެ.

"ދުނިޔެ ހޫނުވުމާއި ވައި ނުސާފުވުމާއި ފެން ތަޣައްޔަރުވުމާއި އުދައެރުމާއި ގޮނޑުދޮށްތައް ގިރުމަކީ ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ސިއްހީ ދުޅަހެޔޮ ކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.

ސިއްހަތާ ގުޅޭ ގޮތުން، މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ކަމަށް ވާތީ، އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް، މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަން ޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ.

ކޮވިޑް-19 އަށް ފަހު، ދިވެހިންގެ ދިރިއުޅުމުގެ އާންމު ހާލަތު ކުރިއެކޭ އެއްގޮތަށް ބަދަލުވަމުން އަންނައިރު، ގައިންގަޔަށް ނާރާ ބަލިތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ. އެންމެ ގިނައިން ދިވެހިން މަރުވަނީ، ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ގައިންގަޔަށް ނާރާ ފަދަ ބަލިތަކުގައި ކަމަށާއި އެ ހުރިހާ ބަލިތަކަކީ ވެސް، ދުންފަތުގެ އިސްތިއުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކެއް ކަމަށް ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަން ޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ،" ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ނުރަނގަޅު އެހެން ހުރިހާ އާދަތަކެއް ދޫކޮށްލަން ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.