Roadha Mihaaru
މިކުރަނީ އަލިފާނާ ދެކޮޅު ހަނގުރާމައެއް: ގްރީސް

އަހަރެމެން މިކުރަނީ އަލިފާނާ ދެކޮޅު ހަނގުރާމައެއް: ގްރީސް

25 ޖުލައި 2023

އެތެންސް (ޖުލައި 25) - ގްރީސް ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށްޓަކައި، ގައުމީ ފެންވަރުގައި މިހާރު ފަށައިގެން ކުރިއަށް ދަނީ ހަނގުރާމައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިރިއާކޯސް މިތުސޮތާކީސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެތެންސް (ޖުލައި 25) - ގްރީސް ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށްޓަކައި، ގައުމީ ފެންވަރުގައި މިހާރު ފަށައިގެން ކުރިއަށް ދަނީ ހަނގުރާމައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިރިއާކޯސް މިތުސޮތާކީސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގްރީސްގައި ރޯވެ އަނދަމުން ދަނީ ވަކިން އޮންނަ ދެ ރަށް ކަމަށްވާ ރޮޑް ޖަޒީރާ އާއި ކޮރްފޫ ޖަޒީރާގައި އޮންނަ ޖަންގަލިތަކުގަ އެވެ. ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ރޮޑް ޖަޒީރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ އަނދަމުން ދާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.

އެ ގައުމުގެ އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި އެ ދެ ޖަޒީރާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވައިލުމުގައި އަދިވެސް ކުރިއެރުމެއް ނުލިބި އާންމުންނަށް ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެ ދެ ޖަޒީރާގެ އެތައް ހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ދުރު ހިސާބުތަކަށް ގެންގޮސްފަ އެވެ.

އައްސޭރިފަށާ ކައިރީގައި ފަރުބަދަތަކުގައި ހެދިފައި އޮންނަ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ފެތުރެމުން، ބައެއް ސަރަހައްދުތަކުން އައްސޭރިފަށާ ހަމައަށް މިހާރު ވަނީ ފައިބައިފަ އެވެ. އެ ސަރަހައްދުތަކުގެ ހޮޓާތަކުގައި ތިބި 19،000 އަށް ވުރެ ގިނަ ފަރުތުވެރިން އެހެން ސަރަހައްދުތަކަށް ގެންދިއުމަށް ފަހު، މިހާރު ކުރަމުން އަންނަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ދުރަށް ގެންދިއުމުގެ މަސައްކަތެވެ.

ގްރީސް ސަރުކާރުން ބުނާ ގޮތުގައި ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތައް ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކުރިމަތިވި ނަމަވެސް، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ، މިހާތަނަށް ކުރެވޭ މިބާވަތުގެ އެންމެ ބޮޑު މަސައްކަތެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އަހަރެމެން ތިބެންޖެހޭނީ ވަރަށް ބޮޑަށް ސަމާލުވެގެން. އަހަރެމެން މިތިބީ ހަނގުރާމައެއްގެ ތެރޭގައި. އަހަރެމެންގެ ތެރެއިން ސުންނާފަތިވި ސަރަހައްދު އަހަރެމެން އަލުން އާރާސްތުކުރާނަން. ގެއްލުން ލިބުނު މީހުންނަށް އަހަރެމެން ބަދަލު ދޭނަން. މޫސުމީ މައްސަލަތައް މިއޮތީ ލައިގެންފައި،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ކިރިއާކޯސް މިތުސޮތާކީސް އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ވެސް ލަފާކުރެވެނީ ވަރަށް ހޫނު ގަދަ ތިން ދުވަހުގެ ގޮތުގައި ކަމަށްވާތީ، އަލިފާންގަނޑު އިތުރަށް ފެތުރި ނުރައްކާތެރިކަން އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.