Roadha Mihaaru
އެމެރިކާގެ ޑީލުން މެސީއަށް މަޔާމީގެ އޯނަރަކަށް ވެވޭނެ

އެމެރިކާއިން މެސީ އަށް ދިން ޑީލުން މަޔާމީގެ އޯނަރަކަށް ވެސް ވެވޭނެ

08 ޖޫން 2023

ފްލޮރިޑާ (ޖޫން 8) - އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އަށް ބަދަލުވާން ލިއޮނެލް މެސީ އެއްބަސްވީ އެ ކްލަބްގެ ހިއްސާއިން ބައެއް ގަނެ ކްލަބްގެ އޯނަރަކަށް ވާން ވެސް ފުރުސަތު ލިބޭގޮތަށް އޮތުމުން ކަމަށް މީޑިއާ ތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފްލޮރިޑާ (ޖޫން 8) - އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އަށް ބަދަލުވާން ލިއޮނެލް މެސީ އެއްބަސްވީ އެ ކްލަބްގެ ހިއްސާއިން ބައެއް ގަނެ ކްލަބްގެ އޯނަރަކަށް ވާން ވެސް ފުރުސަތު ލިބޭގޮތަށް އޮތުމުން ކަމަށް މީޑިއާ ތަކުން ބުނެފި އެވެ.

މިދިޔަ ދެ ސީޒަންގައި ޕީއެސްޖީ އަށް ކުޅުމަށް ފަހު އެ ޓީމުގެ ކޮންޓްރެކްޓް ހަމަވުމުން މެސީ ވަނީ، މަޔާމީ އަށް ބަދަލުވާން އިއްޔެ ނިންމައިފަ އެވެ. އޭގެ ކުރިން ސައުދީ އަރަބިއާގެ އަލް ހިލާލް އާ ވެސް ޓްރާންސްފާގެ ވާހަކަތައް މެސީ ކުރިއަށް ގެންދިޔަ އެވެ.

ސައުދީ އަށް މެސީ ގެންދިއުމަށް ފަހި ކުރަން އެ ގައުމުގެ ޓްއަރިޒަމް ބޯޑުން ވަނީ އެމްބަސެޑަރެއްގެ ގޮތުގައި މެސީ ހަމަޖައްސައި އަހަރަކު 400 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް ވެސް އޭނާއާ އެކު ގޮސްފަ އެވެ. އޭގެ އިތުރަށް އަލް ހިލާލުން އޭނާ އަށް ހުށަހަޅާ މުސާރަ އާ އެކު އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އާންމުދަނީ މެސީ އަށް ސައުދީން ހޯދޭނެ އެވެ.

މަޔާމީގައި ހަރުކޮށްފައިވާ ބިލްބޯޑެއްގައި މެސީގެ ފޮޓޯ: އޭނާ އެމެރިކާގެ ލީގަށް ބަދަލުވުމަކީ ލީގުގެ އާންމުދަނީ ވެސް އިތުރުވެގެންދޭނެ ކަމެއް --- ފޮޓޯ: އޭއެފްޕީ

މަޔާމީގައި ހަރުކޮށްފައިވާ ބިލްބޯޑެއްގައި މެސީގެ ފޮޓޯ: އޭނާ އެމެރިކާގެ ލީގަށް ބަދަލުވުމަކީ ލީގުގެ އާންމުދަނީ ވެސް އިތުރުވެގެންދޭނެ ކަމެއް --- ފޮޓޯ: އޭއެފްޕީ

އެކަމަކު އަލް ހިލާލްގެ ހުށަހެޅުން އޭނާ ގަބޫލު ނުކޮށް، އިންޓަ މަޔާމީގެ ޑީލަށް އާނ ބަސް ބުނީ އެމެރިކާގެ ހުށަހެޅުމުން މެސީ އަށް މާ ބޮޑު ނަފާއެއް ވާނެތީ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ދި އެތުލްޓިކް" އިން ބުނި ގޮތުގައި ކުޅުން ހުއްޓާލުމުން، މެސީ ބޭނުންނަމަ މަޔާމީގެ ހިއްސާ ގަނެ ކްލަބްގެ ކޯ އޯނަރަކަށް ވުމުގެ ފުރުސަތު ވެސް އެ ޑީލްގެ ތެރެއިން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމްއެލްއެސްގެ ބްރޮޑްކާސްޓިން ރައިޓްސް ގަނެފައިވާ އެޕަލް ޓީވީން، އެމްއެލްއެސް ބެލުމަށް އަލަށް ހަދާ ކޮންމެ ސަބްކްރިޕްޝަނަކުން ޕަސަންޓެއް ވެސް މެސީ އަށް ދިނުމަށް ނިންމާފައިވާ ކަމަށް އީއެސްޕީންއިން ބުންޏެވެ.

ޖަރުމަންގެ އެޑިޑާސް ކުންފުންނިން، އެމްއެލްއެސް އާ އެކު ހަދައިފައިވާ ޑީލާ ނުބައްސައި އެޑިޑާސްއިން ވަކި ޑީލެއް މެސީ އާއެކު ހެދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. މެސީއަކީ މިހާރު ވެސް އެޑިޑާސްގެ އެމްބަސެޑަރެވެ. އަލަށް ހަދާ އެއްބަސްވުން، އެ އެއްބަސްވުމާ ވެސް ގުޅުމެއް ނެތެވެ.

އެމެރިކާގެ ލީގަށް މެސީ ބަދަލުވުމަކީ އެ ލީގަށް ވެސް ބޮޑު ފައިދާއެއް ހޯދޭނެ ޑީލެކެވެ. ފްރެންޗައިޒް އުސޫލުން ހިންގާ ލީގުގެ މާކެޓް ވެލިއު މެސީގެ އެއްބަސްވުމާ އެކު އިތުރުވެގެންދާނެ އެވެ.