Roadha Mihaaru
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!

އޭޝިއަން ކަޕް އަތްފޯރާ ފަށަށް، މިވަރުގެ ފުރުސަތެއް ދެން ލިބިދާނެތަ؟

28 ޖެނުއަރީ 2017

މާގިނަ ބަޔަކަށް އަދި މިކަން ނަގައިގަނެވުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ހަގީގަތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަކަށް ކޮލިފައިވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުން ލާފައި އޭޝިއަން ކަޕަށް ދާން އޮތް މަގަށް ވުރެ މިމަގު މާ ފުޅަލެވެ، ސީދަލެވެ. ދެކުނު އޭޝިއާ ފުޓްބޯޅައިގެ މަތިން ވަގުތީ ނަމަވެސް ހަނދާން ނައްތާލުމަށް ފަހު މުޅި ދިވެހި ފުޓްބޯޅަ މި ފަހަރު ސަމާލުކަންދޭންވީ މި އަގުހުރި ފުރުސަތަށެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މާގިނަ ބަޔަކަށް އަދި މިކަން ނަގައިގަނެވުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ހަގީގަތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަކަށް ކޮލިފައިވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުން ލާފައި އޭޝިއަން ކަޕަށް ދާން އޮތް މަގަށް ވުރެ މިމަގު މާ ފުޅަލެވެ، ސީދަލެވެ. ދެކުނު އޭޝިއާ ފުޓްބޯޅައިގެ މަތިން ވަގުތީ ނަމަވެސް ހަނދާން ނައްތާލުމަށް ފަހު މުޅި ދިވެހި ފުޓްބޯޅަ މި ފަހަރު ސަމާލުކަންދޭންވީ މި އަގުހުރި ފުރުސަތަށެވެ.

ދެކުނު އޭޝިއާ ފުޓްބޯޅައިގައި 1984 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައިސް ސަރަހައްދުގެ ޗެމްޕިއަންކަން ނޫން އެހެން ހުރިހާ ކާމިޔާބެއް ރާއްޖޭން 2005 ވަނަ އަހަރުގެ ނިޔަލަށް ހޯދި އެވެ. ފައިނަލުގައި ތިން ފަހަރު ވާދަކޮށް ވެސް ތަށި ނުލިބިވަނިކޮށް، އެފްއޭއެމުން އެ ދުވަސްވަރު ނިންމީ ދެކުނު އިރުމަތީ އޭޝިއާގެ ފުޓްބޯޅައާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާށެވެ. ރާއްޖެ އަށް ވުރެ ފެންވަރު މަތީ ގައުމުތަކާ ވާދަކޮށް ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިކުރުމަށްޓަކަ އެވެ.

އެ ވާހަކަތަކަށް އަމަލީ ސިފައެއް ނާންނަނީސް ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ. އެ ހިސާބުން ދިވެހިން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލި އެވެ. މިއީ ގިޔަރު މަތިކޮށްލަން ލިބުނު ރަނުގެ ފުުރުސަތެއް ނަމަވެސް ދިވެހިން ބޭނުންވީ އަނެއްކާ ވެސް ސަރަހައްދީ ތަށްޓެވެ. އެފަހަރު ލިބުނު އުފާވެރިކަން ބޮޑުވުމުން އެ އިހުސާސް އަލުން ކުރުމަށްޓަކަ އެވެ. އެހެންވެ ޖެހިގެން އައި އަހަރު އަދި އޭގެ ފަހުން ހަތަރު އަހަރެއްހާ ދުވަހު ރާއްޖޭން ހުރިހާ ސަމާލުކަމެއް ދިނީ ސާފް ޗެމްޕިއަންޝިޕް އަލުން ކާމިޔާބުކުރުމަށެވެ.

އެ މުބާރާތް އަލުން ހޯދުމުގެ އަވައިގައި ޖެހި އެކަން ކާމިޔާނުމެވެ، ފަސް ވަރަކަށް އަހަރު ފާއިތުވީ ފަހުން ޗެލެންޖް ކަޕެއްގެ ވާހަކަ ދިވެހިން އަޑުއަހަން ފަށައިފި އެވެ. މިއީ ރާއްޖެ ފަދަ އަރަމުން އަންނަ ގައުމުތަކަށް އޭޝިއަން ކަޕަށް ފަސޭހައިން ދިއުމަށް އޭއެފްސީން ކޮށައިދިން މަގެކެވެ. ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭން ވާދަކުރި ނަމަވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެކަމަކު 2014 ވަނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖޭން ހޯދައި ތަށި ހޯދުމަށް އާ އުއްމީދެއް ކުރަން ފެށި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ވަރުގަދަ ސްކޮޑަކާ އެކު ރާއްޖޭން 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕާ ކުރިމަތިލީ، އޭޝިއަން ކަޕުގެ ހުވަފެން ސީދާ ކުރުމަށެވެ. އޭޝިއާގެ އެންމެ މަތީ ފެންވަރުގެ މުބާރާތަށް ދިއުމަށް ރާއްޖެ އަށް އެހާތަނަށް ލިބުނު އެންމެ ފަސޭހަ ފުރުސަތަށްވާތީ އެވެ. މިއިން ދުވަހަކު ދިވެހިންގެ ތެރޭގައި ފުޓްބޯޅައިގެ ފޯރިގަދަނުވާ މިންވަރަކަށް ފޯރިގަދަވެ، މުޅި ގައުމު ޓީމުގެ ފަހަތަށް ދިޔަ އެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސް އަދި ސެމީ ފައިނަލުގައި ފިލިޕީންސް އަތުން ދެންމެ ދެންމެ މޮޅުވެދާނެހެން ހީވި އެތައް ވަގުތެއް ދިއުމަށް ފަހު މެޗު ނިމިގެން ދިޔައީ ރާއްޖެ ބަލިވެގެންނެވެ. އަދި އެ އަހަރަށް ފަހު އޭއެފްސީން އެ މުބާރާތް އުވާލުމާ އެކު ރާއްޖެ އަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އަހަރުތަކަށް ގެއްލުނީ ކަމަށް ގިނަ ބަޔަކު ނިންމި އެވެ.

މަންޒަރު ބަދަލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އޮނިގަނޑު އޭއެފްސީން އިއުލާންކުރުމާ އެކު އެވެ. އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާ އިން ވޯލްޑް ކަޕް ކޮލިފައިން ރާވާފައި އޮތީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެކު އެވެ. މާނައަކީ ފުރަތަމަ ބުރުން ގަދަ ދެ ޓީމުގެ ތެރޭ ނުހިމެނުނަސް އޭޝިއަން ކަޕަށް ދެވޭނެ ފަސޭހަ މަގެއް އަނެއްކާ ވެސް ކޮށައިދީފައި އޮތުމެވެ. ފުރަތަމަ ބުރުން 12 ޓީމެއް ކޮލިފައިވެފައިވާއިރު އަނެއް 12 ޓީމަކަށްވާނީ ހަތަރު ޓީމު ހިމެނޭ ހަ ގްރޫޕުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މީގެ ކުރިން އޭޝިއަން ކަޕަށް ސީދާ ކޮލިފައިވެވޭނެ ފަދަ ގްރޫޕް ސްޓޭޖަކުން ރާއްޖެ ފުރުސަތު ލިބުނީ 2000 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި 1999 ވަނަ އަހަރެވެ. އެކަމަކު އެ ފަހަރު ގްރޫޕުގައި ހިމެނުނީ އޭޝިއާގެ ގަދަބާރުތައް ކަމަށްވާ އީރާނާއި ސީރިއާ އަދި ބަހުރޭން ފަދަ ގައުމުތަކަށް ކަމުން ރާއްޖެ އަށް އެއްވެސް ފުރުސަތެއް ނެތެވެ. އޭގެ ފަހުން 2004 ގެ ކޮލިފައިންގައި ޕްރިލިމިނަރީ ބުރެއް ކުޅެން ޖެހުނުއިރު އެ ބުރުން ރާއްޖެ ކެޓީ އެވެ. ރާއްޖޭގެ ރޭންކިން އަށް ބެލުމަށް ފަހު 2007 ގެ ކޮލިފައިން ފުރުސަތު ނުވެސް ލިބުނެވެ. އަދި 2011 އަދި 2015 ވަނަ އަހަރުގެ ކޮލިފައިން އިން ފުރުސަތު ނުދީ ރާއްޖެ އަށް ފުރުސަތު ދިނީ ޗެލެންޖް ކަޕުންނެވެ.

މި ފަހަރު ތަފާތުވަނީ ކީއްވެ؟

ޗެލެންޖް ކަޕުގެ ތަށި ނަގައިގެން 2011 އަދި 2015 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެކަމަކު އެއީ އަށް ޓީމު ވާދަކުރި މުބާރާތެކެވެ. ރާއްޖެ އަށް ވުރެ ވަރުގަދަ ގައުމުތައް ނިސްބަތުން ގިނަ އެވެ. އަދި އޭގެ ތެރެއިން 2012 ވަނަ އަހަރު މުބާރާތް އޮތީ ރަށުން ބޭރުގައި ކަމަށް ވުމުން ފުރުސަތު ހަނިވި އެވެ. މި ފަހަރު ތަފާތަކީ ހަތަރު ޓީމު ހިމެނޭ ގްރޫޕަކުން ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެން ކޮލިފައިވުމުގެ ފުރުސަތު އޮތުމެވެ. ގްރޫޕުގައި މިއޮތީ އޮމާނާއި ފަލަސްތީނާއި ބޫޓާނެވެ. އޭޝިއާގެ މަތީ ފެންވަރުގެ އެންމެ ޓީމެކެވެ. ރާއްޖެ ފެންވަރުގެ ދެ ޓީމު އޮތްއިރު ބޫޓާނަކީ އޭޝިއާގެ ތިން ވަނަ ދަރަޖައިގެ ޓީމެކެވެ. މި ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށްވާ އޮމާނަކީ ވެސް މީގެ ކުރިން ރާއްޖެ ހިމެނުނު ގްރޫޕްތަކުގައި އެއް ވަނައަށް ސީޑްކޮށްފައިވާ ޗައިނާ އާއި ސީރިއާ އާއި އީރާން އަދި ދެކުނު ކޮރެއާ އަށް ވުރެ ދަށް ޓީމެކެވެ. ފުރަތަމަ ބުރުގައި އޮމާނަށް ރަށުން ބޭރުގައި އިންޑިއާ އަތުން މޮޅުވީ 2-1 އިންނެވެ. އޮމާނަކީ ވެސް ރާއްޖެ އަށް އަމިއްލަ ދަނޑުގައި ދަށްވެގެން ޕޮއިންޓް ހޯދޭ ފެންވަރުގެ ޓީމެކެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންނާ އެކު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި ފެންވަރުގެ ސަޕޯޓެއް ބޭނުންވޭ. --ފޮޓޯ:ނިޝާން އަލީ/ މިހާރު

ކުޅުދުއްފުށީ ސަޕޯޓަރުންނާ އެކު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި ފެންވަރުގެ ސަޕޯޓެއް ބޭނުންވޭ. --ފޮޓޯ:ނިޝާން އަލީ/ މިހާރު

އެކަމަކު މީގެ ކުރިން ރާއްޖެ ހިމެނުނު ގްރޫޕްތަކުގެ އެއް ވަނައިގައި ސީޑްކޮށްފައިވާ ޗައިނާ އާއި ގަތަރާއި ސީރިއާ އަދި އީރާން ފަދަ ގައުމުތަކާ ބަލާއިރު އޮމާނަކީ ރާއްޖެ އަށް ފައިޓްކުރެވިދާނެ ފެންވަރުގެ ޓީމެކެވެ. ރާއްޖެ ވަނީ މީގެ ކުރިން މާލޭގައި އޭޝިއާގެ ގަދަބާރުތަކަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ގަދަފަދަ ޗައިނާ އާއި ގަތަރަށް އަދި އީރާނަށް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ. ދެކުނު ކޮރެއާގެ ރަންޒަމާނުގައި ރާއްޖެ އަތުން މާލޭގައި މޮޅެއް ނުވެވުނެވެ.

ގްރޫޕުގެ އެއް ވަނަ އޮމާން ހޯދާނެ ކަމަށް ބަލަމާ ހިނގާށެވެ. އޭރުން ދެ ވަނަ އަށް ފައިޓްކުރާނީ ރާއްޖެ އާއި ފަލަސްތީނެވެ. އެ ގައުމަކީ ފެންވަރުގެ ގޮތުން ބަލާއިރު ރާއްޖެ އަށް މޮޅުވެވިދާނެ ޓީމެކެވެ. އެކަން ވަނީ ސާބިތުވެފަ އެވެ. މި ދެ ޓީމު 2014 ވަނަ އަހަރުގެ މުބާރާތުގައި މާލޭގައި ކުޅުނު މެޗު 0-0 އިން އެއްވަރުވީ އެވެ. އެކަމަކު 2012 ވަނަ އަހަރު ނޭޕާލުގައި ރާއްޖޭގެ މައްޗަށް 2-0 އިން ފަލަސްތީން ކުރި ހޯދި އެވެ. ދެން އޮތީ ބޫޓާނެވެ. އެ ގައުމުން ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް އަދިވެސް އެ ގައުމަކީ ރާއްޖެ އަށް ފަަސޭހައިން މޮޅުވެވިދާނެ ޓީމެކެވެ. ބޫޓާނުން މިހާތަނަށް ރާއްޖެ ހާސްކޮށްލި ދެ މެޗުގައި ވެސް އެކަންވީ އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ކުޅުންތެރިން ހެދި ގޯސްތަކެވެ.

ރާއްޖެ ކުޅެން ޖެހޭ މެޗުތައް:

ދިވެހިރާއްޖެ - ފަލަސްތީން (28 މާޗް 2017 މާލެ)

ބޫޓާން - ދިވެހިރާއްޖެ (13 ޖޫން 2017 ތިމްޕޫ)

އޮމާން - ދިވެހިރާއްޖެ (5 ސެޕްޓެމްބަރު 2017، މަސްކަޓް)

ދިވެހިރާއްޖެ - އޮމާން (10 އޮކްޓޫބަރު 2017، މާލެ)

ދިވެހިރާއްޖެ - އޮމާން (10 އޮކްޓޫބަރު 2017، މާލެ)

ފަލަސްތީން - ދިވެހިރާއްޖެ (14 ނޮވެމްބަރު 2017، އަލް-ރާމް)

ރާއްޖޭގެ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި އޮތުމާއި އަދި ފަހު ތިން މެޗުގެ ތެރެއިން ދެ މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ވެސް މީގެ ކުރިން ނުލިބޭ ފަދަ ފުރުސަތެކެވެ. އަދި ހާއްސަކޮށް ފަހު މެޗުގައި ފަލަސްތީނާއި އޮމާން ކުޅޭއިރު ރާއްޖެ އަށް ބޫޓާން ލައްވާލާފައި އޮތުމަކީ ވެސް ފަހު މެޗާ ހަމައިން ނަތީޖާ ނެރެން ޖެހުނަސް ރާއްޖެ އަށް އޮތް އެޑްވާންޓޭޖެކެވެ.

ކުރުކޮށް ބުނާ ނަމަ، އެންމެ ކުރިން އޭޝިއަން ކަޕަށް ދާން ރާއްޖެ އަށް ޖެހުނީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތައް ބަލިކުރާށެވެ. މި ފަހަރު މިއޮތީ ނިސްބަތުން އެވްރެޖް ޓީމުތަކެކެވެ. އެހެންކަމުން އޮމާނާއި ފަލަސްތީން އަދި ބޫޓާން ހިމެނޭ ގްރޫޕަކުން ރާއްޖެ އަށް ދަށްވެގެން ދެ ވަނަ ނުހޯދޭންވީ ސަބަބެއް ނުފެނެ އެވެ.

އެ ސަބަބު ފަހަރެއްގައި ބަޔަކު ދައްކަފާނެ އެވެ. އެއީ އެފްއޭއެމަށް ތައްޔާރުނުވެވުމާއި ކުޅުންތެރިންގެ ގައުމީ ރޫހު ދަށްވުމާއި ސަޕޯޓަރުންގެ ދައުރު އަދާނުކުރުމެވެ. ތެދެކެވެ. އަމިއްލަ ދަނޑުގައި ރާއްޖެ ހޯދާފައިވާ ރަނގަޅު ނަތީޖާތަކުގެ ބޮޑު ޝުކުރެއް ސަޕޯޓަރުންނަށް ހައްގުވާތީ، ސަޕޯޓަރުންގެ އެއްބާރުލުން ނުލިބި އޮމާނާއި ފަލަސްތީން ފަދަ ގައުމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން އުނދަގޫވާނެ އެވެ. އެހެންކަމުން މިފަހަރު ވެސް ސަޕޯޓަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެ އެވެ. މިދިޔަ ތިން އަހަރެއްހާ ދުވަހު ސަޕޯޓަރުންނަށް ދަނޑު ފުރާނުލެވުނަސް މި ފަހަރު ތަފާތުވާން ޖެހެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާ: އެފްއޭއެމްގެ ދައުރު ވަރަށް ބޮޑު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ޖެނެރަލް ސެކްރެޓަރީ ޖަވާ: އެފްއޭއެމްގެ ދައުރު ވަރަށް ބޮޑު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެން އޮތީ ކުޅުންތެރިންގެ ވާހަކައެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު ބައެއް ފަހަރު ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ވުރެ، އަމިއްލަ މަސްލަހަތާއި ކްލަބް މަސްހަަލަތު އަދި އެފްއޭއެމްގެ ޕޮލިޓިކްސް އިސްކުރިތަން ފެނިފައިވެ އެވެ. އެ ހުރިހާ މައްސަލަތަކާއި ހިތްހަމަނުޖެހުންތައް މި ފަހަރު އެއްފަރާތްކޮށްލަން ޖެހެ އެވެ. އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދީފި ނަމަ ޓީމުގެ ކުޅުންތެރިން އަބަދަށް ވެގެންދާނީ ބަތަލުންނަށެވެ. ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދުމަށް ވުރެ އެތައް ގުނައެއް ބޮޑު ކާމިޔާބަކަށް އެކަން ވާނެ އެވެ. އެކަންވާން އޮތީ ކުޅުންތެރިން ގައުމީ ރޫހު ވަރަށް ބޮޑަށް އިސްކޮށްގެންނެވެ.

ކުޅުންތެރިން ނިސްބަތްވަނީ ކްލަބްތަކަށެވެ. އެހެންކަމުން އެފްއޭއެމުން ވެސް ކްލަބަކާ ގުޅުން ރަނގަޅުކުރަން ޖެހެ އެވެ. އިންތިހާބުގެ ހޫނުގައި ދިޔަ ހަތަރު އަހަރަށް ފަހު ކްލަބްތަކާއި އެފްއޭއެމާ ދެމެދު އަދިވެސް ހިތްހަމަނުޖެހުންތައް އުޅޭނެ އެވެ. އެކަމަކު ގައުމީ ޓީމުގެ ހައްގުގައި ނަމަވެސް އެކަން ހައްލުކުރަން ޖެހެ އެވެ. ގައުމީ ޓީމަށް ބޭނުންވާ ކަންކަން އެފްއޭއެމުން ފަހިކޮށްދޭން ޖެހޭއިރު ގައުމީ ޓީމަށް ކްލަބްތަކުން ވެސް އެއްބާރުލުން ދޭން ޖެހެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ސްރީ ލަންކާ އަދި ބަންގްލަދޭޝަށް ވުރެ ފަހަތުގައި އޮވެ 80ގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމު ފެށި ދަތުރުގައި އެ ހުރިހާ ޓީމެއް ފަސްދީގޮސް ރާއްޖޭން ސަރަހައްދުގެ ރަސްކަން ވެސް ކުރި އެވެ. އެކަމަކު މިހާރު ފެންނަނީ އަނެއްކާ ވެސް މަޑުމަޑުން ފަހަތަށްދާ މަންޒަރެވެ. އެކަން ބަދަލުކޮށްލައި، މުޅިން އެހެން ހަރުފަތަކަށް އަރަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ރާއްޖެ އަށް ކައިރި މުސްތަގުބަލެއްގައި ލިބޭނެހެން ހީނުވެ އެވެ.