Roadha Mihaaru
ޕާސްޕޯޓް ހިފެހެއްޓީ ލީޑަރުން އުފައްދަން ކުރާ މަސައްކަތް ފަނޑުކޮށްލަން: އަދާލަތު

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ އަންހެން ލީޑަރުން އުފައްދަން ކުރާ މަސައްކަތް ފަނޑުކޮށްލަން: އަދާލަތު

28 ޖެނުއަރީ 2017

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓީ، ގާބިލް ސިޔާސީ ލީޑަރުން އުފައްދަން އެ ޕާޓީން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓީ، ގާބިލް ސިޔާސީ ލީޑަރުން އުފައްދަން އެ ޕާޓީން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

މިިދިޔަ ބުރާސްފަތިދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާ ހިފެހެއްޓީ، މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި މާލެ ވަޑައިގަތް ތަނުންނެވެ. އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ޝިދާތާގެ ޕާސްޕޯޓް ދޫކޮށްލަން ގޮވާލައި އަދާލަތުން ނެރުނު ބަޔާނުގައި ބުނީ، އެއްވެސް ސަބަބެއް ނެތި ޕާސްޕޯޓް ހިފެހެއްޓީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް، ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރަން އޭނާ ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅަން ކަމަށެވެ. އަދި އެއީ އަންހެން ސިޔާސީ ލީޑަރުން އުފައްދަން އަދާލަތު ޕާޓީން ކުރަމުން އަންނަ މަސައްކަތްތައް ފަނޑުކޮށްލަން، ހައްދުފަހަނަ އަޅާފައިވާ ވިސްނުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

"މިކަމަކީ އަދުލް އިންސާފާއި ހަމަހަމަކަމުގެ އިމުގެ ބޭރުން ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމާ ދެކޮޅަށް ސާބިތުކަމާއެކު އެކަމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި އަދި ވަކިން ހާއްސަކޮށް ނުހައްގުން ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އެހެނިހެން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށްޓަކާ މެދުކެނޑުމެއްނެތި އަޑުއުފުއްލަވާ، އެކަމަށް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅު ހުއްޓާލެވިދާނެކަމުގެ އުއްމީދުގައި ހިންގާ ފިނޑި ޖަރީމާއެކެވެ،" ބަޔާނުގައިވެ އެވެ.

މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް، ޝިދާތާ އަށް ސަރުކާރުން ކުރަމުންގެންދާ ފުރައްސާރަތަކަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ދެކޮޅުނުޖެހޭ ކަންތައްކަން އަދާލަތުން ބުންޏެވެ.

އިދިކޮޅު އިިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ޝިދާތާ ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފަ އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީ ދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.