Roadha Mihaaru
ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް ނުބުނެދިން

ޕާސްޕޯޓު ހިފެހެއްޓި ސަބަބު އެއްވެސް އިދާރާއަކުން ނުބުނި: ޝިދާތާ

22 ފެބުރުއަރީ 2017

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓިތާ މަސް ދުވަސް ވާން ގާތްވެފައިވާ އިރު ވެސް، ޕާސްޕޯޓު ހިފެހެއްޓި ސަބަބު ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުބުނެދޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓިތާ މަސް ދުވަސް ވާން ގާތްވެފައިވާ އިރު ވެސް، ޕާސްޕޯޓު ހިފެހެއްޓި ސަބަބު ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުބުނެދޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާ ހިފެހެއްޓީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި މާލެ ވަޑައިގަތް ތަނުންނެވެ. އޭގެ ފަހުން، އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑި އިރަށް ވުރެ ގިނައިރު ބެއިންދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ވިދާޅުވީ އެ ދުވަހު އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނި ނަމަވެސް، ކޯޓު އަމުރެއް ނުދައްކާ ކަމަށެވެ. އަދި ފަހުން ޓޫރިސްޓު ޕޮލިހަށް އޭނާ ހާޒިރު ކުރުމަށް ފަހު ވެސް ފުލުހުން ބުނީ ކޯޓު އަމުރަކަށް އެތަނުން ނޭދޭ ކަމަށާއި އިމިގްރޭޝަނުން ހަވާލު ކުރީމާ ސުވާލު ކުރުމަށް އެ ތަނަށް ގެންދިޔައީ ކަމަށެވެ. އަދި ކޯޓު އަމުރެއް ވެސް އަދި އިތުރު ސުވާލެއް ވެސް އެ ތަނުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ދީފައިވާ ލިޔުމުގައިވާ ގޮތުން ކޯޓު އަމުރު ނެރެފައި އޮތީ ކްރިމިނަލް ކޯޓުން ކަމަށް ވުމުން، ފަހުން ޝިދާތާ އާއި އޭނާގެ ވަކީލު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ އެ އަމުރު ނެރުނު ސަބަބު ހޯދުމަށް ކޯޓުގައި އެދިފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެ އަމުރު ނެރުނީ ފުލުހުންގެ އެދުމަކަށް ކަމަށާއި އެހެންވެ، އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމަށް ކޯޓުން ބުނި ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެދުނީ ފުލުހުންގެ ރެކޯޑު ސާފު ކުރުމަށް. އެކަމަކު ފުލުހުންގެ އެއްވެސް ރެކޯޑެއްގައެއް ނެތް އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ މައްސަލައެއް ހުށަހަޅާފައިވާ ކަމަކަށް ވެސް." ޝިދާތާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ބޭރު ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓުމަކީ އޭނާގެ ހައްގެއް ދައުލަތުން ހިފެހެއްޓުން ކަމަށާއި އަދި އެއަށް ވުރެ ބޮޑަށް އެ ހިފެހެއްޓި ސަބަބު އެއްވެސް އިދާރާއަކުން ބުނެދެވިފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި މިކަމުގައި ކޮންމެވެސް އެއް އިދާރާއަކުން ދޮގު ހަދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަލީ ހުސައިން ވިދާޅުވީ ދިވެހި ރައްޔިތެއްގެ ހައްގު އެއްވެސް އުޒުރަކާ ނުލައި ހިފަހައްޓާފައިވާތީ، މިކަން އިތުރަށް ސާފުކޮށް ދައުލަތުގެ މައްޗަށް މިކަމާ ގުޅޭ ގޮތުން ދައުވާ ކުރުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސަބަބެއް ނެތި ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް، ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރަން އޭނާ ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅަން ކަމަށެވެ. އަދި އެއީ އަންހެން ސިޔާސީ ލީޑަރުން އުފައްދަން އަދާލަތު ޕާޓީން ކުރަމުން އަންނަ މަސައްކަތްތައް ފަނޑުކޮށްލަން، ހައްދުފަހަނަ އަޅާފައިވާ ވިސްނުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުނެފައި ވެ އެވެ.