13 ޖޫން 2023
"މީގެ ކުރިން ވެސް އަޅުގަނޑު މިތާ [ރިޔާސަތުގައި] އިނދެފިން. ތި މައްސަލައެއް އެއިރު ނުނަންގަވާ،" ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ދިފާއުގައި ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑު މިތާ [ރިޔާސަތުގައި] އިނދެފިން. ތި މައްސަލައެއް އެއިރު ނުނަންގަވާ،" ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ދިފާއުގައި ވިދާޅުވި އެވެ.
އިއްޔެގެ ޖަލްސާގައި މައްސަލަ ބޮޑުވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަތުމުން ރިޔާސަތަށް އަފީފު ވަޑައިގަތުމުންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން އައްސަވަމުން ގެންދެވީ އަފީފު ރިޔާސަތުގައި އިންނެވީ ކޮން ހައިސިއްޔަތަކުންތޯ އެވެ.
މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ފަހުގައި މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ.
އެ މާއްދާގެ (ނ) ގައި ބުނަނީ އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. މެމްބަރުކަމުގެ މުއްދަތު ދެ މެމްބަރެއްގެ ދޭތެރޭގައި ހަމަހަމަ ވެއްޖެ ހިނދެއްގައި، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށީ ކަމަށް އިސްކަންދީގެން ކަމަށް ވެސް ބުނެފައި ވެ އެވެ.
ނަވާރަ ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަފީފްގެ އިތުރުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.
ފަސް މެމްބަރުންގެ ތަރުތީބަށް ބަލާއިރު، އެންމެ ކުރީގައި އިންނަވަނީ އަފީފެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ މެމްބަރުންގެ ތެރޭގައި އަފީފް ހިމެނިވަޑައިގަންނަވަ އެވެ. ރިޔާސަތު ބެލެހެއްޓުމާ މެދު އެމްޑީޕީ މެމްބަރުންގެ މި ޝަކުވާ އުފަންވީ ވެސް އެ ދަނޑިވަޅާ ދިމާކޮށެވެ.
މި ޝަކުވާގެ އަސާސް ބިނާކުރަނީ 19 މަޖިލީހުގެ ފުރަތަމަ ޖަލްސާއަށެވެ.
"...ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިދެންނެވި މިންގަނޑަށް ރިއާޔަތްކޮށް، މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނ،ީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކަމުގައި ދަންނަވަން،" މިއީ މެއި 28، 2019 ގައި 19 މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގެ ކުރިން، ފުރަތަމަ ޖަލްސާގެ ރިޔާސަތު ހަވާލުކުރައްވަން އިދާރީ މޭޒުން އިއުލާނު ކުރެއްވި ގޮތެވެ.
އެގޮތުން ބަލާއިރު، އެމްޑީޕީ މެމްބަރުން ޖައްސަވާ މައްސަލައިގެ ބުރަދަން އެބަހުއްޓެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި ނީންނެވޭ ވަގުތުތަކުގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ސިޔާމެވެ.
އެކަމަކު އެ ގަވާއިދުގެ ދަށުން، ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތަރުތީބު، މަޖިލީހުގެ ރައީސް ކަނޑައަޅުއްވަންޖެހިވަޑައިގަންނަވާއިރު، އެކަން ކުރައްވާފައި ވަނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން، ޖޫން 3، 2019 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
"...މަޖިލީހުގެ އަމީން އާއްމަށް ފާހަގަވާ ގޮތުގައި އެ ފަސް ބޭފުޅުންނަކީ، މިހާރުގެ ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހަސަން އަފީފު."
ސީދާ ވަކި ތަރުތީބެއް ނަޝީދު އެ ދުވަހު ވިދާޅުވި ނުވި ނަމަވެސް، އެންމެ ފުރަތަމަ ފާހަގަކުރެއްވީ މަޖިލީހުގައި 1990 ވަނަ އަހަރުން ފެށިގެން އަފީފްގެ ދިގު ހިދުމަތުގެ ތާރީހެވެ. އޭގެފަހުން ދެން ތިއްބެވި މެމްބަރުންގެ ހިދުމަތުގެ ރެކޯޑް ވެސް ވަކި ވަކިން ފާހަގަކުރެއްވި އެވެ.
ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ނަން އިއުލާނުކުރެއްވުމަށް ފަހު، ގަވާއިދުގައި ހިމަނާފައި ނެތަސް، ނަޝީދު އެ ދުވަހު ވަނީ އޭގެތެރެއިން ތިން މެމްބަރަކަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ވެސް ދެއްވައިފަ އެވެ.
އޭގެތެރެއިން ވެސް ފުރަތަމަ ފުރުސަތު ނަޝީދު އަރުވާފައިވަނީ އަފީފަށެވެ.
ނަވާރަ މަޖިލީހުގެ ހަތަރު ވަނަ އަހަރު ގުނަމުންދާއިރު، ނަޝީދާއި އީވާ ރިޔާސަތުގައި ނީންނަވާ ވަގުތުތަކުގައި ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ. މިގޮތުން، އާންމުކޮށް ޖަލްސާތަކުގެ މެންދުރު ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ. މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ އެންމެ ކުރީގައި އިންނެވީ އަފީފެވެ.
ލިސްޓުގެ އެންމެ ކުރިއަށް އަފީފް ލައިގެން، ތަރުތީބު ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ވިޔަސް، މީގެ ކުރިން އެއްވެސް މެމްބަރަކު އެކަން ފާހަގަކުރައްވައި، އެ ޝަކުވާ އުފުލާފައެއް ނުވެ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
"ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ"
މެމްބަރުން ނެތިގެން އިމްތިޔާޒް މައްސަލަ ޕާކުކޮށްފި
ހަލަބޮލިކޮށް ޖަލްސާ ހުއްޓުވުނީ ރިޔާސަތުން ފުރުސަތު ދިނީމަ
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
އީވާ އާއި އަފީފް ރިޔާސަތުން ދުރުކުރަން ހުށަހަޅައިފި
އީވާއާއި އަފީފް އިމްތިޔާޒަށް އަރައިގަތްކަމަށް ނިންމައިފި
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި