Roadha Mihaaru
މަޖިލިސް ހުއްޓިފައި، އެކަމަކު ނަޝީދު ކުޑަދަށުގައި!

މަޖިލިސް ހުއްޓިފައި، އެކަމަކު ނަޝީދު އިދިކޮޅު މެމްބަރުންނާ އެކު ކުޑަދަށުގައި!

20 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތި، ގާނޫނީ ހުސްކަމަކަށް ގޮސްފައިވާއިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފެނުނީ އެ އިދާރާގެ ގޯތިތެރޭގެ ކުޑަދަށުގައި އިދިކޮޅުގެ ބައެއް މެމްބަރުންނާ އެކު އިންނަވަނިކޮށެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތި، ގާނޫނީ ހުސްކަމަކަށް ގޮސްފައިވާއިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފެނުނީ އެ އިދާރާގެ ގޯތިތެރޭގެ ކުޑަދަށުގައި އިދިކޮޅުގެ ބައެއް މެމްބަރުންނާ އެކު އިންނަވަނިކޮށެވެ.

ނަޝިދާ އެކު، ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅުމުން ރިޔާސަތު ބަލަހައްޓަވަން އެ ދެ ބޭފުޅުން ވެސް ވަނީ އިންކާރު ކުރައްވައިފަ އެވެ.

ނަޝީދާއި އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

އެހެންވެ، ރިޔާސަތުގެ ގޮނޑީގައި އިށީންނަވާނެ ބޭފުޅަކު ނެތިގެން މިއަދު ބާއްވަންޖެހޭ ޖަލްސާ ވެސް ތާވަލެއް ނުކުރެ އެވެ. މާދަމާ ވެސް ޖަލްސާ ނޯންނާނެ ކަން ނަޝީދު ވަނީ އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އިއުލާން ކުރައްވައިފަ އެވެ. މިއީ މަޖިލިހުގެ ތާރީހުގައި ވެސް މިހެން ދިމާވި ފުރަތަމަ ފަހަރެވެ.

ނަމަވެސް މަޖިލިހުގެ އިދާރާ އަށް ނަޝީދު ވަޑައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުންނާ އެކު ކުޑަދަށުގައި އިންނަވަނިކޮށް ފެނުނެވެ. މީގެ ކުރިން ވެސް މަޖިލިސް "ހުއްޓުމަކަށް" ގެނެސް ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތް އިރު ވެސް ނަޝީދު މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި މިހެން އިންނަވާ ފޮޓޯތައް ވަނީ އާންމުވެފަ އެވެ.

މަޖިލިހުގެ ޖަލްސާ މިއަދު ނެތް ނަމަވެސް އިދިކޮޅުގެ މެމްބަރުން މިއަދު ވަނީ މަޖިލިހުގެ އިދާރާ އަށް ރަސްމީކޮށް ވަޑައިގެންފަ އެވެ. އެ ބޭފުޅުން ވަޑއިގެން މިހާރު ގެންދަވަނީ މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވަނީ އިިދިކޮޅުގެ މީޑިއާ ބްރީފިން ފެށުމުގެ އިރުކޮޅެއް ކުރިން މަޖިލިހުގެ އިދާރާ އިން ވަޑައިގެންފަ އެވެ.

މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އިންކާރު ކުރެއްވީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސް" އާ އެއްގޮތަށް ކަމަށެވެ.

އަދި މަޖިލީހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އިސްތިއުފާ ނުދެއްވަނީ މައްސަލާގައި ސޮއި ކުރެއްވި ނަމަވެސް، ވޯޓު އެހެން ގޮތަކަށް ދެއްވުމުގެ ވިސްނުން ބައެއް މެމްބަރުން ގެންގުޅުއްވާތީ ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

އެހެންކަމުން، އެފަދަ މެމްބަރުންގެ ވިސްނުން ހުރި ގޮތެއް ސީދާ ސާފުވާނީ ވޯޓާ ހަމައަށް ދިޔުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އިއްޔެ ތުހުމަތު ކުރެއްވި ގޮތުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އެމްޑީޕީން އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ.

އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނަޝީދު އެދިވަޑައިގަތީ މަޖިލިސް ހުއްޓޭ ގޮތަށް އަމަލުނުކުރައްވައި، އީވާގެ މައްސަލަ އަނބުރާ ނެންގެވުމަށެވެ.

"... މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ. އޭގެ ފަހުން އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ނުހުއްޓުވާ ރީތިކޮށް ގެންގޮސް ނިންމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.