Roadha Mihaaru
ނަޝީދާއި އީވާ މަޖިލިސް ހައިޖެކް ކޮށްފި: ރޮޒެއިނާ

ނަޝީދާއި އީވާ މަޖިލިސް ހައިޖެކް ކޮށްފި: ރޮޒެއިނާ

13 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ އިތުބާރު ނެތް، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަގާމު ދިފާއުކުރަން މުޅި މަޖިލިސް "ހައިޖެކް" ކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ އިތުބާރު ނެތް، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަގާމު ދިފާއުކުރަން މުޅި މަޖިލިސް "ހައިޖެކް" ކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިނުގަތުމުން ޖަލްސާ ނުބޭއްވުނެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ބުނެ މައްސަލަ ހުށަހެޅުމުން ވެސް އިސްތިއުފާ ނުދެއްވައި، މަގާމު ދިފާއު ކުރައްވަން މަޖިލިސް ހައިޖެކް ކޮށްފައިވާ ކަމަށެވެ.

"އިތުބާރު ނެތް ރައީސް އަކާއި ނައިބު ރައީސެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކް ކޮށްފި. އިސްތިއުފާ ނުދެއްވާ. އެކަމަކު ރިޔާސަތަށް އަރަން އުޒުރުވެރިވޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް އަމީން އާންމު ފާތިމަތު ނިއުޝާ އިއުލާނު ކުރެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރާ އިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ރައީސް ކަމަށް ވިދާޅުވެ އެވެ.

އެއީ މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ބައިވެރިވެވަޑައެއް ނުގަންނަވާތީ އެވެ.

"މި މައްސަލާގައި ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މި ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ވާހަކަ މެންބަރުންނަށް ދަންނަވާލަން." ނިއުޝާ ވިދާޅުވި އެވެ.

އީވާގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދާފަ އެވެ.

އެ އާއެކު އެއް މައްސަލައި އޮއްވައި، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި މަޖިލިސް "ޑެޑްލޮކް" އެއްގައި އޮންނަތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހުނީ، އީވާ އާ އެކު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ.