Roadha Mihaaru
ހަޅޭކާއި އަވަގުރާނައިގެ ތެރޭގައި މަޖިލިސް ހުއްޓުވާލައިފި

ހަޅޭކާއި އަވަގުރާނައިގެ ތެރޭގައި މަޖިލިސް މެދުކަނޑާލައިފި!

14 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާ ކުރި މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހަލަބޮލިކޮށް، ކުރިއަށް ގެންދަން ހުރަސް އެޅުމާ ގުޅިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާ ކުރި މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހަލަބޮލިކޮށް، ކުރިއަށް ގެންދަން ހުރަސް އެޅުމާ ގުޅިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ.

ނަމަވެސް އާދަމް ޝަރީފް މައްސަލަ ހުށަހަޅައްވަން މަސައްކަތް ކުރައްވަނިކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވީ އެވެ. އާޒިމް ނެންގެވީ މައްސަލަ އެޖެންޑާއި އޮތް ނަމަވެސް އެޖެންޑާގެ ތަރުތީބު އެ ހިސާބަށް ނުދާތީ ނިޒާމީ މައްސަލަ އާޒިމަށް ދެއްވަން ރިޔާސަތުން ހަސަން އަފީފް ކޮންމެވެސް އިއުތިރާޒް ކުރެއްވި އެވެ. އެކަމަކު، ފުރުސަތު ދެއްވިޔަސް މަޖިލިހުގެ ނިޒާމު ވަރަށް ބޮޑަށް ގޯސްވުމުން ޖަލްސާ މެދުކަނޑާލުމާ ހަމައަށް ވެސް އާޒިމަށް އަސްލު ޕޮއިންޓާ ހަމައަށް ދެވޭވަރެއް ނުވެ އެވެ. ނިޒާމީ މައްސަލައިގެ ގިނަ ވަގުތު ހޭދަކުރެއްވީ ސިޔާސީ އެހެން ވާހަކަތަކުގަ އެވެ.

އާޒިމް ފާހަގަ ކުރެއްވި މައްސަލައަކީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ވަރު ބަލާ ކޮމިޓީގެ 64 ޕަސެންޓު އެމްޑީޕީ އަށް ދޭން ނިންމާފައިވާ މައްސަލަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާ ނުކޮށް އެޖެންޑާގައި ހިމެނުމެވެ.

އެ ވާހަކަ ވިދާޅުވާން އާޒިމް ނިޒާމީ މައްސަލައެއް ނެންގެވި ނަމަވެސް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވެސް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގައި އަޑުގަދަ ކުރައްވަމުންނެވެ.

އެހެންވެ، ނިޒާމީ މައްސަލަ ހުށަނޭޅި އެތައް އިރެއް ވީއިރު ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު އަފީފް ގެންދެވީ އެހެން މެންބަރުންގެ ނިޒާމީ މައްސަލަ މަޑުޖައްސާލައި އާޒިމްގެ މައްސަލަ ރަނގަޅަށް ހުށަހަޅަން ފުރުސަތު ދެއްވަމުންނެވެ.

އިދިކޮޅު ފަރާތްތަކާ އެކު އާޒިމް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ | މިހާރު

އިދިކޮޅު ފަރާތްތަކާ އެކު އާޒިމް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ | މިހާރު

އެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން ވެސް އަޑުގަދަ ކުރަން ފެއްޓެވި އެވެ. އެ ޒުވާބުގެ ތެރޭގައި ސަރުކާރުގެ ފަޅީގެ މެންބަރަކު ހުތުރު ބަސްތަކެއް ވިދާޅުވި އަޑު އިވުނެވެ. ރިޔާސަތުގެ މައިކް ޖައްސާފައި ހުރުމުން އެ މެމްބަރުގެ އެ އަވަގުރާނައިގެ އަޑު ބްރޯޑްކާސްޓް ވެސް ވި އެވެ. އެއާ އެކު، އާޒިމް ހެއްދެވި ގޮތަކީ އޭނާގެ މައިކް ޖެއްސި ވަގުތު، އެ މެމްބަރު ގޮވި އަވަގުރާނަ މަޖިލިހުގެ ރެކޯޑްގައި ވިދާޅުވީ އެވެ. އެ އަޑު ވެސް ބްރޯޑްކާސްޓްވި އެވެ.

އާޒިމް ތަކުރާރު ކުރެއްވި އެ އަވަގުރާނަ ފުރަތަަމަ ގޮވީ ކޮން މެމްބަރެއްކަން ސާފެއް ނޫނެވެ.

އާޒިމް މައްސަލަ ހުށަނާޅާތީ އަނެއްކާވެސް ރިޔާސަތުން އާދަމް ޝަރީފަށް ފުރުސަތު ދިނުމުން އާޒިމް ވަނީ އާދަމް ޝަރީފްގެ މޭޒު ކައިރިޔަށް ވަޑައިގެން އާދަމް ޝަރީފްގެ މައިކް އަތުލައްވައި ވެސް ނިޒާމީ މައްސަލަ ކަމަށް ވިދާޅުވެ، އަޑުގަދަ ކުރައްވައިފަ އެވެ. އެންމެ ފަހުން މައިކަށް ގެއްލުން ވެފައިވާތީ ކުއްލި މައްސަލަ ހުށަހަޅަން އުޒުރުވެރިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާޒިމްގެ ނިޒާމީ މައްސަލާގައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓުވުމަށް ފަހު ރިޔާސަތުން ވަނީ އެހެން މެންބަރުންނަށް ވެސް ނިޒާމީ ނުކުތާތައް ނަންގަވަން ފުރުސަތު ދެއްވައިފަ އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ މައްސަލައެއް ނަންގަވައި، މަޖިލިސް ކުރިޔަށް ގެންދަން ހުރަސް އަޅުއްވާ މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުނެރޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އާޒިމަށް ރިޔާސަތުން ދެ ފަހަރަށް ނަސޭހަތްތެރިވި އެވެ. ގަވައިދުގައިވާ ގޮތުން ތިން ފަހަރަށް ނަސޭހަތްތެރިވުމަށް ފަހު ދެން ނަން އިއްވައި ތަޅުމުން ނެރެވެ އެވެ. އެކަމަކު، ރިޔާސަތުން މިއަދުގެ ޖަލްސާގެ އެފަދަ ކަމެއް ނުކުރެއްވި އެވެ.

އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވަމުން ދިޔަ ގަޑީ ބައެއް އިދިކޮޅު މެންބަރުންނާ ހިނގި ޒުވާބުތަކުގެ ތެރެއިން "ގަޔަށް ބޮލަށް" ނާރަން ގޮވައި ހަޅޭއްލަވާ އަޑު މަޖިލީހުގެ ތެރޭގަ އިވެ އެވެ.

މެންބަރުންތައް ވަރަށް ރުޅިގަދަވެ، އެއް ބޭފުޅެއް އަނެއް ބޭފުޅަކާ ދިމާލަށް ދާ މަންޒަރު ވެސް މަޖިލީހުގެ ތަޅުމުން ފެނުނެވެ.

ޖަލްސާ އެއްގޮތަކަށް ވެސް ކުރިޔަށް ނުގެންދެވޭ ގޮތް ވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މިކަން ހައްލު ކުރެއްވުމަށް ފަހު މަޖިލިސް ފެއްޓެވުމަށެވެ.

އެ ނިޒާމީ މައްސަލަ ބަލައިގަނެ، ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލެއްވީ އެވެ.

މަޖިލީހުގެ ނިޒާމް ގެއްލި ހުއްޓުމަކަށް އައިސްފައި ވަނީ ކޮމިޓީތައް އެކުނުލެވޭތީ އެވެ. މިއަދު ސަރުކާރު މެންބަރުން ބޭނުންވާ ގޮތަށް އެ މަސައްކަތް އެޖެންޑާ ކުރި ނަމަވެސް އެކަން ކުރިއަކަށް ނުގެންދެވުނެވެ.