Roadha Mihaaru
ފުލުހުން ފްލެޓްތައް ނުނިމި އަނެއްކާ އިތުރު މަހެއް!

ފުލުހުންގެ ފްލެޓްތައް ނުނިމި އަނެއްކާ ދިގުލައިފި، މި ފަހަރު ވެސް އަންނަ މަހު!

18 ޖޫން 2023

ހުޅުމާލޭގައި އިމާރަތް ކުރާތާ އަހަރުތަކެއްވީ ފުލުހުންގެ ފްލެޓްތައް މި މަހު ވެސް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އިމާރަތް ކުރާތާ އަހަރުތަކެއްވީ ފުލުހުންގެ ފްލެޓްތައް މި މަހު ވެސް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފުލުހުންގެ ފްލެޓްތައް ހަދަން މީގެ 10 އަހަރު ކުރިން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް ހަދަން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު، އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރުމަށް ފަހު، އެ މަސައްކަތް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ނަމަވެސް ކޮވިޑާ އެކު އައިލެންޑް އެކްސްޕާޓް ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2021 ވަނަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ. ސިފައިންގެ ފްލެޓުތައް ނިންމަން ފަހުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ ހަވާލުކޮށްގެން މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.

ފުލުހުންގެ ފްލެޓުތައް އަމިން ކޮންސްޓްރަކްޝަނަށް 2021 ވަނަ އަހަރު ހަވާލުކުރީ 275 މިލިއަން ރުފިޔާއަށެވެ. މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިތަކާ ހެދި އެ ފްލެޓުތައް ނިންމަން ދިން މުއްދަތުތަކުގައި އެކަން ނުވެ ވަނީ ފަހަނައަޅައި ގޮސްފަ އެވެ.

އެގޮތަށް، ތިން ޓަވަރުގެ 361 ފްލެޓާއި 20 ޕެންޓް ހައުސް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން އެންމެ ފަހުން ދިން މުއްދަތަކީ މި މަހެވެ.

އެކަމަކު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ފުލުހުންގެ ފްލެޓްތައް މި މަހު ނުނިމޭނެ އެވެ. އަނެއްކާ ވެސް ވިދާޅުވީ، ޖެހިގެން އަންނަ މަހަށް ފުލުހުންގެ ފްލެޓްތައް ނިންމަން މަސައްކަތް ކުރާ ކަމަށެވެ.

އަކްރަމް ވިދާޅުވީ އަންނަ މަސް ނިމޭ ހިސާބަށް އެ ފްލެޓްތައް ނިންމޭތޯ މަސައްކަތް ކުރާ ކަމަށެވެ.

އެ އެޕާޓްމަންޓުތަކުގައި އޭސީ ހަރުކޮށް، މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ.

ފުލުހުންގެ ފްލެޓުތައް ލިބޭ މީހުން ހޮވައި، އެ މީހުންގެ އަތުން އަހަރެއް ވަންދެން ޑައުންޕޭމަންޓް ވެސް ނެގި އެވެ. ނަމަވެސް، މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓުނީ އެވެ. މިހާރު ވެސް އެ ތަންތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ