Roadha Mihaaru
ފުލުހުންގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި

ފުލުހުންގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި

19 މާޗް 2024

ދިގު އިންތިޒާރަކަށް ފަހު ފުލުހުންގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިގު އިންތިޒާރަކަށް ފަހު ފުލުހުންގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި އެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް މިއަދު ވިދާޅުވީ ފްލެޓުތަކުގައި މީހުން ދިރިއުޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް، މި ވަގުތު ލިފްޓް ހަރުކޮށްފައި ނެތުމުން މީހުން އުޅެމުން އަންނަނީ ފަސް ވަނަ ފްލޯއާ ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ މަހުގެ 20 ގެ ކުރިން ކޮންމެ ޓަވަރެއްގައި އެއް ލިފްޓް ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ. ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2021 ވަނަ އަހަރު އެ ދެ މަޝްރޫއު އިން ވަކިވި އެވެ.

ފުލުހުންގެ ފްލެޓުތަކުގެ ބައެއް މަސައްކަތްތައް ނިންމަން ސަރުކާރުން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ. އަނެއް ބައި ކަންކަން ނިންމަން ދިނީ ފުލުހުންގެ ވެފްފެއާ ކުންފުނި، ޕޮލްކޯއަށެވެ.

އެ އެއްބަސްވުމުގައި ވާ ގޮތުން ސެޕްޓެމްބަރު 20، 2022 ގައި ފްލެޓްތަކުގެ މަސައްކަތް ނިންމަންޖެހެ އެވެ. ނަމަވެސް، އެކި މައްސަލަތަކާ ހެދި މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ.

ސިފައިންގެ ފްލެޓުތައް ނިންމަން ފަހުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ. އެ މަސައްކަތްތައް ނިންމުމަށްފަހު އެ ތަނުގައި މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ.

ފުލުހުންގެ ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ އެވެ. އެ ތަންތަނަށް 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.