Roadha Mihaaru
ކޮރިއެންޑާ ފަތުން ވަރަށް ގިނަ ފައިދާ

ކޮރިއެންޑާ ފަތުން ވަރަށް ގިނަ ފައިދާ

21 ޖޫން 2023

ކޮރިއެންޑާ ފަތަކީ ކެއްކުމާއި ގާނިޝް ކުރުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކޮރިއެންޑާ ފަތަކީ ކެއްކުމާއި ގާނިޝް ކުރުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތެކެވެ.

ދެކުނު އެމެރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުގެ އިތުރުން ރާއްޖެ ހިމެނޭހެން އޭޝިއާގެ ގިނަ ގައުމުތަކުގައި ވެސް މި ފަތަކީ މަގުބޫލު ފަތެކެވެ.

ތަފާތު ރިހަޔާއި އެކި ކަހަލަ ކެއުންތައް ތައްޔާރުކުރަން މި ފަތް ބޭނުންކުރެ އެވެ. އަދި ކޮރިއެންޑާ ގަހުގެ އޮށަކީ ވެސް ބައެއް ފަހަރު މުގުރައިގެން ކުޅި އެއްޗެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.

ކޮރިއެންޑާ ގަހުގެ ފަތާއި އޮށްތަކެއް.

ކޮރިއެންޑާ ގަހުގެ ފަތާއި އޮށްތަކެއް.

ދިރާސާތަކުން ދައްކާ ގޮތުގައި، މި ފަތަކީ ގިނަ އަދަދެއްގެ ސިއްހީ ފައިދާތަކެއް ލިބިދޭ، އާންމު ދިރިއުޅުމުގައި ކާން ބޭނުންކުރަން ވަރަށް ރަނގަޅު ފަތެކެވެ.

ލިބޭ ފައިދާތައް

1. އެންޓިއޮކްސިޑެންޓް ލިއްބައިދޭ

ކޮރިއެންޑާ ފަތަކީ ހަށިގަނޑުގެ ސެލްތަކަށް ދިމާވާ ގިނަ ގެއްލުންތަކުން ރައްކާތެރިކޮށްދޭ ބާވަތެއް ކަމަށްވާ އެންޓިއޮކްސިޑެންޓް ވަރަށް ގިނައިން އެކުލެވޭ ފަތެކެވެ. އޭގެ ސަބަބުން ދާއިމީ ބަލިތަކުން ރައްކާތެރިކޮށްދޭން އެހީތެރިވެދޭ ކަމަށް ސިއްހީ ލިއުންތަކުގައި ބުނެ އެވެ.

2. ހަޖަމުކުރުމަށް ފަސޭހަވާނެ

ކޮރިއެންޑާ ފަތުގެ ސަބަބުން ބަނޑުގައި ވައި ހެދުމާއި ގޭސްވުން ފަދަ ހަޖަމްކުރަން އުނދާގޫވާން ދިމާވާ ކަންކަމުން ރައްކާތެރިކޮށްދީ، ހަޖަމުކުރުމުގައި ފަސޭހަކޮށްދެ އެވެ.

3. ހިތުގެ ބަލިތަކުގެ ސަލާމަތްކޮށްދޭ

މި ފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާގެ ސަބަބުން ހިތާއި ނާރުތަކަށް ދިމާވާ ބައެއް ކަހަލަ ގެއްލުންތަކުން ރައްކާތެރިކޮށްދެ އެވެ. އަދި މި ފަތުގައި ކޮލެސްްޓްރޯލް ލެވެލް ދައްކޮށްދޭ މާއްދާތައް އެކުލެވޭތީ ވެސް ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދެ އެވެ.

4. ހަމަށް ފަރުވާއެއް

ކޮރިއެންޑާ ފަތުގައި ހިމެނޭ ވިޓަމިން ކޭ އަދި ވިޓަމިން އޭ ގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވުން ރަނގަޅުކޮށްދީ، ސެލްތައް ބޮޑުވުމުގައި އެހީވެ، ހަންގަޑު ރީތިކޮށްދެ އެވެ.

5. އެންޓި-އިންފްލަމެޓޮރީ މާއްދާތައް ހިމެނުން

މި ފަތުގައި ހިމެނޭ އެންޓި-އިންފްލެމެޓޮރީ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ތަންތަނުގެ ދުޅަ މަޑުކޮށްދީ ގައިގެ ތަންތަނުގައި ރިއްސުން މަދުކޮށްދެ އެވެ. އެހެންވެ، މި ފަތަކީ އިންފްލަމެޓޮރީ ބަލިތަކާއި އާތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިދާ ހުރި ފަތެކެވެ.

ކޮރިއެންޑާ ގަހުގެ ފަތާއި އޮށްތަކެއް.

ކޮރިއެންޑާ ގަހުގެ ފަތާއި އޮށްތަކެއް.

ގިނަ ބަޔަކަށް މި ފަތަކީ ރަނގަޅު ފަތަކަށް ވިޔަސް، ބައެއް ކަހަލަ ހާލަތްތަކުގައި މި ފަތް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅެވެ. އެއީ މި ފަތަކީ ގުދުރަތީ ޑިއުރެޓިކް ނުވަތަ ހަށިގަނޑުން ލޮނު މަދުކޮށްދޭ މާއްދާތައް ހިމެނޭ ފަތަކަށް ވުމުން، ހަކުރު އަދި ލޭގެ މައްސަލަ ހުންނަ މީހުން، މި ފަތް ކެއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.