Roadha Mihaaru
އެއްކޮށްލި ދެ އެޕާޓްމަންޓު ރާނާތީ އަތުނުލާން ނިންމައިފި

ހިޔާގެ އެއްކޮށްލި ދެ އެޕާޓްމަންޓު އަލުން ރާނާތީ އަތުނުލާން ނިންމައިފި

20 ޖޫން 2023

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރުމުގެ މަސައްކަތް ފްލެޓްގެ ވެރިފަރާތުން ކުރަން ފަށާފައި ވާތީ އެތަން އަތު ނުލާން އާބަންކޯއިން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރުމުގެ މަސައްކަތް ފްލެޓްގެ ވެރިފަރާތުން ކުރަން ފަށާފައި ވާތީ އެތަން އަތު ނުލާން އާބަންކޯއިން ނިންމައިފި އެވެ.

ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ހިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރިފަރާތުން އެގޮތަށް އަމަލު ނުކުރުމުން އެ ތަނުގެ އެއްބަސްވުން ބާތިލް ކުރަން އާބަންކޯއިން އޮތީ ނިންމައިފަ އެވެ.

މި ނިންމުމާ އެކު ތަން ހުސްކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ދީފަ އެވެ.

އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވުމުން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.

އެ ފަހުން ފްލެޓްގެ ވެރިފަރާތުން އެދުނީ ފާރު ރޭނުމަށް ތިން މަސް ދިނުމަށެވެ. ނަމަވެސް އާބަންކޯއިން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހަތް ދުވަސްތެރޭ ފާރު ރާނަން އަންގައިފަ އެވެ. އެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް މިއަދު ވިދާޅުވީ ފްލެޓްގެ ވެރިފަރާތުން ދެ އެޕާޓްމެންޓް ވަކިކޮށްލުމަށް ފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއްކޮށްލި ދެ އެޕާޓަމަންޓުގެ އެތެރެ: ފްލެޓްގެ ފާރު ތަޅާލި މައްސަލާގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ފެލްޓްގެ ވެރިފަރާތުން ވަނީ ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެދިފައި.

އެއްކޮށްލި ދެ އެޕާޓަމަންޓުގެ އެތެރެ: ފްލެޓްގެ ފާރު ތަޅާލި މައްސަލާގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ފެލްޓްގެ ވެރިފަރާތުން ވަނީ ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެދިފައި.

"ދިން ހަތް ދުވަހުގެ މުއްދަތުގައި ފާރު ރޭނުމުގެ މަސައްކަތް ފަށާފައި ވަނީ. އެހެންވެ އާބަންކޯއިން ނިންމާފައި ވަނީ ފްލެޓް އަތުނުލާން. އެއީ އެ މަސައްކަތް ކުރާތީ،" އޭނާ ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ 30 ދުވަސްތެރޭ ދައްކަން އާބަންކޯއިން އެންގި ނަމަވެސް ފްލެޓްގެ ވެރިފަރާތުން އެދުނީ ޖޫރިމަނާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށެވެ.

މިމްރާހު ވިދާޅުވީ ފްލެޓް ކުރީގެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ޖޫރިމަނާއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ދެ އެޕާޓްމެންޓެއް އެއްކޮށްލި އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.

އެ ދެ ތަން ވަނީ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ. އޭނާ ގަވައިދުން އެތަނަށް ކުލި ވެސް ނުދައްކާ ކަމަށްވެ އެވެ.