Roadha Mihaaru
ފާރުތަޅާލި ދެ ފްލެޓްގެ ޖޫރިމަނާގެ ލުޔެއް ނެތް

އެޕާޓްމަންޓް އަތުނުލިޔަސް ޖޫރިމަނާ އަށް ލުޔެއް ނުދޭނަން: އާބަންކޯ

20 ޖޫން 2023

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް އަތުނުލިޔަސް، ޖޫރިމަނާ އަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް އަތުނުލިޔަސް، ޖޫރިމަނާ އަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ހިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލިކަން ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެ ތަނުގެ ވެރިފަރާތް [ކޮންމެ އެޕާޓްމަންޓެއްގެ ވެރިފަރާތް] 100،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރިފަރާތުން އެގޮތަށް އަމަލު ނުކުރުމުން އެ ތަނުގެ އެއްބަސްވުން ބާތިލް ކުރަން އެ ކުންފުނިން ކުރިން ނިންމި އެވެ.

އެ ނިންމުމާ އެކު، ތަން ހުސްކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިނެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވުމުން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.

އެހެންވެ، ފްލެޓްގެ ވެރިފަރާތުން ފަހުން އެދުނީ ފާރު ރޭނުމަށް އިތުރު ތިން މަސް ދިނުމަށެވެ. ނަމަވެސް އާބަންކޯއިން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހަތް ދުވަހުގެ ތެރޭގައި ފާރު ރާނައި ނިންމުމަށް އަންގައިފަ އެވެ. އެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ވަނީ ހަމަވެފަ އެވެ. އޭގެ އިތުރުން، ޖޫރިމަނާ ފައިސާ ދެއްކުމުގައި ވެސް ލުއެއް ހަމަޖައްސައިދިނުމަށް އެ ދެ ފްލެޓުގެ ވެރިން އެދުނެވެ.

ނަމަވެސް، އާބަންކޯއިން މިއަދު ބުނީ ޖޫރިމަނާއަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ. އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ ވެސް އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް އާބަންކޯއިން ބުންޏެވެ.

އެ ދެ ތަން ވަނީ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ.