Roadha Mihaaru
ޔޫކްރޭންގެ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަނީ

ޔޫކްރޭންގައި ރަޝިޔާ އިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަނީ

03 މާޗް 2022

ރަޝިޔާ އިން މިހާރު ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގައި އާންމުން ދިރިއުޅޭ ތަންތަނަށް ގަސްދުގައި ބޮން އަޅަމުންދާ ކަމުގެ ތުހުމަތުތަކާ އެކު، ޔޫކްރޭންގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް، އދ. އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ރަޝިޔާ އިން މިހާރު ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގައި އާންމުން ދިރިއުޅޭ ތަންތަނަށް ގަސްދުގައި ބޮން އަޅަމުންދާ ކަމުގެ ތުހުމަތުތަކާ އެކު، ޔޫކްރޭންގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް، އދ. އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް)ގެ އިސް ޕްރޮސެކިއުޓާ ކާރިމް ޚާން ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ހެކި ހުރީ ލިބިފަ އެވެ. އެ ކޯޓުން މި މައްސަލަ ތަހުގީގު ކުރަން މި ފެށީ، ޔޫކްރޭންގައި ރަޝިޔާ އިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް އެދި، 39 ގައުމަކުން އދ.ގެ އާންމު މަޖިލީހުގައި ގޮވާލާފައިވަނިކޮށެވެ.

އައިސީސީ އިން ބުނި ގޮތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް އާއި ދެ ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ޚަރްކީވް އާއި މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޚެރްސޯން ހިމެނެ އެވެ. މިއީ ޔޫކްރޭން ހަނގުރާމައިގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެންމެ ވަރުގަދަ ހަމަލާތައް އަމާޒުކުރި ތަންތަނެވެ.

ރަޝިޔާ ސިފައިން ޚަރްކީވް އަށް ދިން ވައިގެ ހަމަލާތަކުގައި ސަރުކާރު އިމާރާތަކަށާއި ކޮންސެޓް ހޯލަކަށާއި އޮޕެރާ ހައުސްއަކަށް ހަމަލާދީ އާންމުންގެ ބަޔަކު މަރައިލުމާ ގުޅިގެން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ވަނީ، ރަޝިޔާ އިން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބުނި ގޮތުގައި ޔޫކްރޭންގައި ރަޝިޔާ އިން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު އަމާޒުކުރާނީ ހަމައެކަނި މިހާރު ކުރަމުންދާ ހަނގުރާމައަކަށް ނޫނެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ކްރީމިއާ ހިފުމުގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޔޫކްރޭންގެ ބިމުގައި ރަޝިޔާ އިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރާނެ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ.

މައްސަލަ ތަހުގީގުކޮށް ވަކި ބައެއްގެ މައްޗަށް ދައުވާކުރަން ނިންމިޔަސް، އެ ބަޔަކު ހައްޔަރު ކުރުމުގެ ބާރެއް، އެ ކޯޓަށް ލިބިގެން ނުވެ އެވެ. ތުހުމަތު ކުރެވޭ މީހުން އެ ކޯޓާ ހަވާލުކުރުމަށް، އެ މީހަކު ނިސްބަތްވާ ގައުމެއްގައި ކޯޓުން އެދުމުން، އެމީހަކު ކޯޓާ ހަވާލުކުރުމަކީ އެ ގައުމެއްގެ ޒިންމާއެކެވެ.

ޔޫކްރޭންގެ ކުއްލި ނުރައްކަލުގެ ހާލަތްތަކާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، މިމަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި، ޔޫކްރޭންގެ އެކި ސަހަރުތަކުން މަރުވި އާންމުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ މަތިވެފަ އެވެ. ރަޝިޔާގެ ހަމަލާތަކުން ސަލާމަތްވުމުގެ ގޮތުން، ޔޫކްރޭންގެ އެކި ސަހަރުތަކުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖްރަ ކޮށްފި އެވެ.