Roadha Mihaaru
61 ކިލޯ ޑްރަގް އުފުލި ހަ މީހުން އުމުރަށް ޖަލަށް

ދޯނީގައި 61 ކިލޯ ޑްރަގް ގެނައި ހަ މީހުން އުމުރަށް ޖަލަށް

22 ޖޫން 2023

ޕާކިސްތާނާއި އީރާންގެ ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރެއިން، 61 ކިލޯގެ މަސްތުވާތަކެތި އުފުލި ދޯނީގައި ތިބި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޕާކިސްތާނާއި އީރާންގެ ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރެއިން، 61 ކިލޯގެ މަސްތުވާތަކެތި އުފުލި ދޯނީގައި ތިބި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާކޮށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ހުކުމް އައި މީހުންނަނީ؛

● އަހްމަދު ޝިފާޒް، ހުޅުމާލެ ފްލެޓް 06 ޖީ 04

● އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ

● ހުސައިން ސުނާޒް، މ.މުލި/ސޯސަންވިލާ

● މުހައްމަދު މާއިދު، މ.ކޮޅުފުށި/އޯޝަންވިއު

● މުހައްމަދު ރިޝްވާން އިބްރާހިމް، މ.މުލި/މުޝްތަރީގެ

● ސައުދުﷲ ރަޝީދު، މ. ކެޕްރިކޯން

މި މީހުން ބަންދުގައި ތިން އަހަރާއި ދެ މަހާއި ފަސް ދުވަސް ހޭދަކޮށްފައި ވާތީ ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި ނުވަ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.

ދައުވާ ލިބުނު މީހުންގެ ތެރެއިން ކުށް ސާބިތުުނުވި މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރި އަހުމަދު ވިސާމް، ގ. ބޮއިލިންފިޝް ހިމެނެ އެވެ. އޭނާގެ އިތުރުން ކުށް ސާބިތު ނުވި މީހުންނަކީ މުހައްމަދު ހަމީދު، މުހައްމަދު ޝާމިން އަދި މުހައްމަދު މާއިޝް އެވެ. އިސް ގާޒީ އާދަމް މުހައްމަދު އަންގާރަ ދުވަހު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވީ އެ މީހުންނަކީ މަސްުތުވާތަކެތި ފެނުނު "އިރުއަލިމަސް" ދޯނީގައި ތިބި މީހުންނަށް ނުވުމުގެ އިތުރުން އެ ތަކެތި ދެއްކުމަށް އެ މީހުން ދޯންޏަށް ވެސް ގެންގޮސްފައި ނުވާތީ އާއި އެ މީހުންނާ ދޯންޏާއި މަސްތުވާތަކެއްޗާ އޮތް ގުޅުން ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭނެ ހެކި ހުށަހަޅާފައި ނެތުމުން ކަމަށެވެ.

"އިރުއަލިމަސް" ދޯނީގައި މާކަނޑަށް ނުކުމެ މަސްތުވާތަކެތި ހިފައިގެން އައިސް މާލޭ ޓީ ޖެޓީ ސަރަހައްދަށް މާޗް 26، 2020 ވަނަ ދުވަހުގެ ފަތިހު ވަން ވަގުތު އަތުލައިގަނެ 11 މީހަކަށް ދައުވާ އުފުލި އެވެ. ނަމަވެސް މައްސަލަ ކުރިއަށްދަނިކޮށް މީގެ ތެރެއިން މުހައްމަދު ނަޝީދު، މ.މުލި/ހުދުފިނިފެންމާގެ ނިއާވީ އެވެ.

ފުލުހުން ނުވަ ދުވަސް ވަންދެން ކަނޑުމަތީ ރެޔާއި ދުވާލު ލޯންޗަކާއި ކުޑަ ޑިންގީއެއްގައި ތިބެގެން ދޯންޏަށް ފާރަލަމުން ގޮސް އަތުލައިގަނެ ފާސްކުރި އިރު ދޯނީގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި 61 ކިލޯ ޑްރަގް ފެނުނުވެ. ދޯނި ވެމްކޯ ޖެޓީއާ ކައިރިކުރި ވަގުތު ދޯނިން އެއްބަޔަކު މޫދަށް ފުންމާލައިގެން ފިލަން މަސައްކަތްކުރި ނަމަވެސް އެ މީހުން އެ ވަގުތު އަތުލައިގަތެވެ. އަދި ފަޅުގައި އޮތް އެހެން އުޅަނދަކަށް އަރައިގެން އެއްގަމަށް ފައިބައި ފިލި މީހަކު ވެސް ހޯދައި އަތުލައިގަތެވެ.

ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތި އުފުލި އިރުއަލިމަސް ދޯނި.- ފޮޓޯ: ޕޮލިސް

ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތި އުފުލި އިރުއަލިމަސް ދޯނި.- ފޮޓޯ: ޕޮލިސް

އއ. ތޮއްޑޫއާ ދިމާލު ބޭރަށް ދޯންޏެއް ފޮނުވައިގެން މަސްތުވާތަކެތި ނެގުމުގެ އިންތިޒާމް ހަމަޖައްސައި އެކަމަށް ބޭނުންވާ ސާމާނު ހޯދައިދިނީ އަހްމަދު ވިސާމް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ދައުވާ ލިބޭ އެހެން މީހުންނާ ވިސާމް މުއާސަލާތުކުރި ކަމުގެ ހެކި އެބަހުރި ކަމަށާއި އޭނާ އަކީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ދައުވާގައިވެ އެވެ. އަދި މުހައްމަދު ހަމީދަކީ ވެސް ހަމަ މި ދައުރު އަދާކުރި މީހެއް ކަމަށް ބުނެފައިވެ އެވެ.

ދައުވާ ލިބުނު މީހުންގެ ތެރެއިން ވިސާމް ވަނީ އޭނާއަށް ކުރާ ދައުވާ ސާފުނުވާ ކަމަށް ބުނެ ދައުވާއަށް ޖަވާބުދާރީވާން އިންކާރުކޮށްފަ އެވެ. އެހެންވެ އެކަށީގެންވާ ވަރަށް ދައުވާ ސާފުކޮށްދެވުނު ކަމަށް ޝަރީއަތުން ކަނޑައެޅުމަށް ފަހު ނިންމީ އޭނާ ދައުވާއަށް އިންކާރު ކުރަނީ ކަމަށެވެ. މައްސަލާގައި ދެން ހިމެނުނު މީހުން ދައުވާތަކަށް އިންކާރުކުރީ އެވެ.

އެހެންވެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ގިނަ އަދަދެއްގެ ހެކި ހުށަހެޅި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފުލުހުންނާއި ދައުވާ ލިބޭ ބައެއް މީހުންގެ ބޭންކް ސްޓޭޓްމަންޓުތަކާއި މަސްތުވާތަކެތި އުފުލި ދޯނީގައި ބޭނުންކުރި ސެޓެލައިޓް ފޯނު ގަތުމާ ގުޅޭ ގޮތުން ހުރި ހެކިތަކާއި ފޯނުން ކޮށްފައިވާ މުއާމަލާތް ފަދަ ކަންކަން ހިމެނެ އެވެ.

މި މައްސަލާގައި، މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. ހައްޔަރުކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުންނެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ. މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.