Roadha Mihaaru
ގައުމީ ޓީމާއެކު އޭދަފުށިން ކުރާ 30 އަހަރުވީ ދަތުރެއް

ގައުމީ ޓީމާ އެކު އޭދަފުށިން ކުރާ 30 އަހަރުވީ ދަތުރަށް ނިމުމެއް ނެތް

22 ޖޫން 2023

ފުޓްބޯޅައިގައި ރަން މެޑަލް އަކަށް ދިވެހިން އިންތިޒާރު ކުރަން ފެށީ، ސްރީ ލަންކާގެ ކޮލަމްބޯގައި 1991 ގައި ބޭއްވި ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލަށް ދެވުނު ހިސާބުންނެވެ. އެފަހަރު ފައިނަލުގައި ޕާކިސްތާން އަތުން ރާއްޖެ ބަލި ނަމަވެސް، ސަރަހައްދީ ފުޓްބޯޅައިން ރާއްޖެ އަށް ރަން މެޑަލް ހޯދޭނެކަން ދިވެހިންނަށް ޔަގީންވި އެވެ. އޭރު ދިވެހި ޓީމަށް ރިހި މެޑަލް ހޯދައި ދިނުމުގައި ހިއްސާވި އެއް ކުޅުންތެރިޔަކީ އަށްޑިހައިގެ ފަހުކޮޅާއި 90 ގެ ކުރީކޮޅު، ރާއްޖޭގެ ފުޓްބޯޅައިގައި ވިދާލި މަޝްހޫރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ޓީމަށް ކުޅުނު އިތުބާރު ޑިފެންޑަރު އަބްދުލްވާހިދު ހުސައިން އެވެ.

މުހައްމަދު ޒަޔާން ޒާހިރު ބެންގަލޫރު މުހައްމަދު ޒަޔާން ޒާހިރު

ފުޓްބޯޅައިގައި ރަން މެޑަލް އަކަށް ދިވެހިން އިންތިޒާރު ކުރަން ފެށީ، ސްރީ ލަންކާގެ ކޮލަމްބޯގައި 1991 ގައި ބޭއްވި ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލަށް ދެވުނު ހިސާބުންނެވެ. އެފަހަރު ފައިނަލުގައި ޕާކިސްތާން އަތުން ރާއްޖެ ބަލި ނަމަވެސް، ސަރަހައްދީ ފުޓްބޯޅައިން ރާއްޖެ އަށް ރަން މެޑަލް ހޯދޭނެކަން ދިވެހިންނަށް ޔަގީންވި އެވެ. އޭރު ދިވެހި ޓީމަށް ރިހި މެޑަލް ހޯދައި ދިނުމުގައި ހިއްސާވި އެއް ކުޅުންތެރިޔަކީ އަށްޑިހައިގެ ފަހުކޮޅާއި 90 ގެ ކުރީކޮޅު، ރާއްޖޭގެ ފުޓްބޯޅައިގައި ވިދާލި މަޝްހޫރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ޓީމަށް ކުޅުނު އިތުބާރު ޑިފެންޑަރު އަބްދުލްވާހިދު ހުސައިން އެވެ.

އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ޖޯޒީ އެންމެ ފުރަތަމަ ގަޔަށް މަހާލި ކުޅުންތެރިޔަކީ ވާހިދެވެ. އޭގެ ފަހުން ރާއްޖޭގެ ސީނިއާ ފިރިހެން ޓީމުން ހޯދި ކޮންމެ ކާމިޔާބެއްގައި އޭދަފުށީ ކުޅުންތެރިންގެ ބޮޑު ހިއްސާއެއް އޮވެއެވެ. ގައުމީ ޓީމާ އެކު އޭދަފުށިން ކުރާ މި ދަތުރު ނުނިމި ކުރިއަށްދާތާ މިއަހަރަށް 32 ފުރުނީ އެވެ.

އިންޑީއާގައި އިއްޔެ ފެށި ސާފް ޗެމްޕިއަންޝިޕްގައި މިފަހަރުގެ ސްކޮޑުން ވެސް އެއް ރަށަކަުން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ އޭދަފުށިންނެވެ.

މީގެ ކުރިން އެއްފަހަރާ އެންމެ ގިނައިން ގައުމީ ޓީމުގައި ހިމެނުނު އޭދަފުށީގެ ކުޅުންތެރިންގެ އަދަދަކީ ތިނެކެވެ. މި އަހަރު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑުގައި އޭދަފުށީގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ އޭދަފުށީ ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން (ބިޑި) ގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ނިޝާމް، ފާސިރު، ހަމްޒާ އަދި ހައިޝަމް ގައުމީ ޓީމުގެ ޕްރެކްޓިސްގައި.-- ފޮޓޯ: އެފްއޭއެމް

ނިޝާމް، ފާސިރު، ހަމްޒާ އަދި ހައިޝަމް ގައުމީ ޓީމުގެ ޕްރެކްޓިސްގައި.-- ފޮޓޯ: އެފްއޭއެމް

ސެންޓޭ އާއި ހަމްޕު އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އިތުރު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިންނެއް ނޫނެވެ. ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސްކޮޑުގައި އިސް ދައުރެއް މިދެ ކުޅުންތެރިން އަދާކުރި އެވެ. ބަންގްލަދޭޝްގެ މަޝްހޫރު ބަންގްބަންދު ސްޓޭޑިއަމްގައި އިންޑިއާ ކޮޅަށް ރާއްޖެއިން ވައްދާލި ދެވަނަ ލަނޑަކީ ހަމްޕްގެ ހިތް ތޫރޫ ބޯޅަ އަކުން ސޭންޓޭ ޖެހި ލަނޑެކެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފަ އެވެ.

ހައިޝަމް އަކީ 2019 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ލެފްޓު ބެކެވެ. ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ހައިޝަމްގެ ވިދުން ގަދަވެ، ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް އޭނާ އަށް ލިބުނެވެ.

މިއަހަރުގެ މުބާރާތަކީ ނިޝާމް ގައުމީ ޓީމާ އެކު މުބާރާތެއްގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. މިދިޔަ އަހަރު ގައުމީ ޓީމްގެ ސޮކޮޑުގައި ނިޝާމް ހިމެނުނު ނަމަވެސް މިހާތަނަށް މެޗެއްގައި ކުޅެލުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކްލަބް ލެވެލްގައި އޭނާ އަކީ އީގަލްސް ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.

އެއް ރަށަކަށް ނިސްބަތްވާ އެއް ކުޅުންތެރިއަކަށް ވުރެ ގިނަ ކުޅުންތެރިން ދެން ހިމެނެނީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމުގައި އޭދަފުށްޓަށް ދޫ ނުކުރާނެ އދ. މަހިބަދޫ އިންނެވެ. އެރަށަށް ނިސްބަތްވާ ކުޅުންތެރިންނަކީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި އަލަށް ގައުމީ ޓީމުން ޖާގަ ހޯދި އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.

ގައުމީ ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނާއި ނިސްބަތްވާ ރަށް:

◂ ހއ. މާރަންދޫ: ހުމެއިދު ހުސެއިން

◂ ހއ. އުތީމު: އަހުމަދު އައިހަމް (ފަތޯ)

◂ ހދ. ނޮޅިވަރަންފަރު: (އިބްރާހިމް ވަހީދު ހަސަން)

◂ ށ. ފުނަދޫ: އިބްރާހިމް އައިސަމް (ޓޯނީ)

◂ ނ. ވެލިދޫ: އަލީ ނާޖިހު (ނާޖީ)

◂ ކ. މާލެ: ހަސަން ޝިފާޒް (ޑުންގާ)

◂ ކ. ގުރައިދޫ: އަހުމަދު ނޫމާން (ހެލްމެޓް)

◂ ވ. ކެޔޮދޫ: މުހައްމަދު ޝަފީއު (ޗެކް)

◂ ދ. ރިނބުދޫ: ނާއިޒް ހަސަން (ދާދު)

◂ ތ. ތިމަރަފުށި: މުހައްމަދު އިރުފާން

◂ ތ. ކިނބިދޫ: ހުސެއިން ޝަރީފް

◂ ލ. ގަން: މުހައްމަދު ނިޒާމް (ޕީކޭ)

◂ ލ. ކުނަހަންދޫ: ހުސެއިން ސިފާއު ޔޫސުފް (ކުރޯ)

◂ ލ. މާބައިދޫ: ހުސެއިން ނިހާން (ނިހާޓް)

◂ ގއ. ދެއްވަދޫ: އަހުނަފް ރަޝީދު (އަހުއްކޮ)

◂ ސ. ހިތަދޫ: ހަސަން ރާއިފް އަހުމަދު (ހަންނަ)

◂ ސ. ފޭދޫ: އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)