Roadha Mihaaru
ނަޝީދު ހޯމަ ދުވަހު މުރައިދޫގެއިން ނުކުންނަވަނީ

ނަޝީދު ހޯމަ ދުވަހު މުރައިދޫގެއިން ނުކުންނަވާނެކަން އަންގަވައިފި

22 ޖޫން 2023

އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު، ރަސްމީ ގެކޮޅު، މ. މުރައިދޫގެއިން ނުކުންނަވާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މަޖިލީހަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު، ރަސްމީ ގެކޮޅު، މ. މުރައިދޫގެއިން ނުކުންނަވާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މަޖިލީހަށް އަންގައިފި އެވެ.

އެ މަނިކުފާނުގެ އޮފީހުގެ ޗީފް އެގްޒެކެޓިވް، އަހުމަދު މައުސޫމް ސޮއިކުރައްވައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދު ހުންނަވާ ރަސްމީ ގެކޮޅު، މ. މުރައިދޫއިން ގ. ބޭރުވެލި އަށް، ހޯމަ ދުވަހު ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.

އެއީ އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވާ ދުވަހެވެ.

އެހެންވެ، އެކަމާ ގުޅިގެން އަންގަންޖެހޭ ދައުލަތުގެ އިދާރާތަކަށް އަންގައިދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

ބޭރުވެލި ގެ އަކީ، ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް ވެސް ހިންގާ ގެ އެވެ.

ނަޝީދު ދިރިއުޅުއްވަން މުރައިދޫގެ ހަމަޖެއްސީ އެ މަނިކުފާނު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެންނެވެ.

ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށްފަހު، ގާނޫނަށް ގެނައި އިސްލާހާއެކު އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުންޏެވެ.

އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.

އެމްޑީޕީގެ ރައީސަކަށް ވެސް މިހާތަނަށް ހުންނެވި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ 54 މެމްބަރަކު ސޮޔާއެކުގަ އެވެ. އެ މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން، މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު، "މުރައިދޫ" ގޭގައި ހުންނެވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ބޭނުންފުޅު ވަނީ އަމިއްލަގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވުމަށް ކަމަށް އެ ދުވަހު ވިދާޅުވި އެވެ. "ދެން ރިޔާސަތުގައި އިނދެގެން އަޅުގަނޑު އިނާޔަތްތައް ނަގާނަންތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން. މުރައިދޫގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގެ ހުންނަ ގޮތާއި އަނދިރިކަމާއި ހުރިހާ ދިމާލަކުން ލައްޕާހުރި މިންވަރު އެތެރެ ނުފެންނާތީ މީހުންނަށް ނޭނގޭނެ އެވެ. "އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ.، މިހާރު ވެސް ކިރިޔާ އަޅުގަނޑު މިހުރީ،" ނަޝީދު ވިދާޅުވި އެވެ.