Roadha Mihaaru
ނަޝީދުގެ ވިސްނުންފުޅާ މައުމޫނު، ވަހީދު ދެކޮޅު

ނަޝީދުގެ ވިސްނުންފުޅާ މައުމޫނާއި ވަހީދު ދެކޮޅު ހައްދަވައިފި

19 އެޕްރީލް 2021

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ދެކޮޅު ހައްދަވައިފި އެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ފޮނުއްވި މެސެޖެއްގައި ނަޝީދު ފާޅުކުރެއްވުމާ ގުޅިގެން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ހިންގާ ރިޔާސީ ނިޒާމަށް ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ދީފައިވާ ކަމަށެވެ.

"ވެރިކަމުގެ ނިޒާމު އިރުއިރުކޮޅަކުން ބަދަލެއް ނުކުރެވޭނެ،" ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައަޅަން އޮގަސްޓް 18، 2007 ގައި ވޯޓު ނެގިއިރު ރައީސަކަށް ހުންނެވި މައުމޫން ވިދާޅުވި އެވެ.

އެ ވޯޓުގައި 62 ޕަސެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމު ކަމަށެވެ. އެ ފަހަރު ބަރުލަމާނީ ނިޒާމަށް ތާއީދުކުރީ ނަޝީދުގެ އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭރު ހިންގެވި ޕީއޭ އިން އެކަންޏެވެ. ދެން ހުރިހާ ޕާޓީއަކުން ތިބީ ރިޔާސީ ނިޒާމާ އެއްކޮޅަށެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ރޭ ވިދާޅުވީ، 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި [2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި] ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވެ އެވެ.

ފެށުނީއްސުރެ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެންނަން ވަކާލާތު ކުރައްވާ ނަޝީދުގެ މި ވިސްނުންފުޅާ ގިނަ ބަޔަކު މިހާރު ދަނީ ދެކޮޅު ހަދަމުންނެވެ.

ކުރީގެ ރައީސް ވަހީދު ވިދާޅުވިގޮތުގައި، ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީއެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމުގައި ނިންމަން ޖެހޭނީ އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވަހީދު ވެސް އެ ވިދާޅުވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުން ނަމަ އެކަމުގައި ގޮތް ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމެވެ.

ބައެއް މީހުންގެ ވިސްނުމުގައި ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ބޭނުންފުޅުވަނީ ވެރިކަމުގެ ދަހިވެތިކަމުގަ އެވެ. ކޯލިޝަނަކާ ނުލައި ނޫން ގޮތަކަށް މިހާތަނަށް އެމްޑީޕީ އަށް ވެރިކަން ލިބިފައި ނުވާއިރު، އެ ޕާޓީ އަށް އެންމެ ފަސޭހައިން މަގު ކޮށެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށް ވާތީ ނަޝީދު އެ ސްޓޭންޑް ނަންގަވަނީ ކަމަށް ބައެއް މީހުން ދެކެ އެވެ.

ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރާއްޖެ ހިންގޭނީ ބަރުލަމާނީ ނިޒާމަކުން ކަމަށާއި ރައްޔިތުން ބާރުވެރިކުރެވޭނީ އެ ނިޒާމުން ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހަކުން ބަދަލުކޮށްފި ނަމަ އެ އިސްލާހެއް ތަސްދީގު ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން އެކަމަށް ތާއީދު ލިބުމުންނެވެ.