Roadha Mihaaru
އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީން: ނަޝީދު

މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީން: ނަޝީދު

06 ނޮވެމްބަރ 2018

އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ދޭން ފެންނަނީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ދޭން ފެންނަނީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި، އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްދޭން ޖެހޭނީ، ޕްރައިމަރީއަކުން ކަމަށް މި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި އެ ދާއިރާތަކުގެ ޓިކެޓް އަލުން ދިނުމަށް ކޯލިޝަން ލީޑަރުން އެއްބަސްވި މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭން ޖެހޭކަމަށް ދެކެވަޑައިގެން އެ މެމްބަރުން ވާހަކަ ދެއްކެވި އެވެ.

ނަޝީދުގެ ވާހަކަފުޅުން، އެގޮތަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަތް ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އެ މަނިކުފާނު މިއަދު ވަނީ އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެމްޑީޕީގެ އުސޫލަކަށް ވާންޖެހޭނީ ޕްރައިމަރީ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ ޓުވީޓް.

ނަޝީދު ވިދާޅުވީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިއްމު ކަމަށެވެ. އެ އުސޫލަށް ތާއީދު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ، މެމްބަރުންނަށް ޓިކެޓް ދޭން ޕްރައިމަރީ ބާއްވަނީ ދުނިޔޭގައި ވެސް ވަރަށް މަދު ސިޔާސީ ޕާޓީތަކުން ކަން ފާހަގަކުރެއްވި އެވެ.

"މިއީ، ފައިދާ އާއި ގެއްލުން ހުރި ކަމެއް ކަން އެމްޑީޕީން ތަޖުރިބާކޮށްފިން. އެހެނަސް ދެން ވެސް އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހެނީ، އިންސާފުން ބޭރުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިގެން، އެ މެމްބަރުންގެ ދާއިރާތައް ތަމްސީލު ނުކުރެވި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުން ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ދެކެ އެވެ. މި ކަންބޮޑުވުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވެސް ހުށަހަޅައި، މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ލީޑަރުން އެއްބަސްވި ކަމަށް ދޭހަވާ މޭރަމަކުން މިހާތަނަށް ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެ މަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ. އެ މެމްބަރުންގެ ތެރޭގައި، ގިނައީ މައުމޫންގެ ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި އެއްވެސް މީހަކަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ވާދަކުރުމެއް ނެތި، ޓިކެޓް ކަށަވަރުކޮށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށް ބުނެ، އެ މަގަށް މަޖިލީސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ ކަންކަން ނުގެންދަން ވެސް ސޯޝަލް މީޑިއާގައި އާއްމުން ދަނީ ގޮވާލަމުންނެވެ.