Roadha Mihaaru
ވައްކަރާއި ބަނޑޮސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި

އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް: ވައްކަރާއި ބަނޑޮސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި

24 ޖޫން 2023

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިއަށް ގެންދާ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ވައްކަރު މޯލްޑިވްސް އާއި ބަނޑޮސް މޯލްޑިވްސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިއަށް ގެންދާ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ވައްކަރު މޯލްޑިވްސް އާއި ބަނޑޮސް މޯލްޑިވްސް ވެސް ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.

ބަނޑޮހުން ޒޯން 1 ގެ ޗެމްޕިއަންކަން ހޯދީ ވަން އެންޑް އޮންލީ ރީތި ރަށާ ދެކޮޅަށް އިއްޔެ ކުޅުނު ފައިނަލް މެޗު 3-2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮސް ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ.

ރީތި ރަށުން ފުރަތަމަ ސެޓު 25-22 އިން ގެންގޮސްފައި ވަނިކޮށް ދެވަނަ ސެޓު 25-21 އިން ގެންދިޔައީ ބަނޑޮހެވެ. ޖެހިގެން އައި ސެޓު 25-22 އިން ކާމިޔާބުކޮށް ރީތި ރަށުން ދެވަނަ ފަހަރަށް ކުރި ހޯދާފައި ވީ ނަމަވެސް ބަނޑޮހުން ވަނީ ޖެހިގެން އައި ދެ ސެޓު 25-17 އަދި 15-7 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޒޯން 1 ގެ ޑްރީމް ޓީމުގައި ހިމެނުނީ ބަނޑޮސް ޓީމުގެ ބަޓިސް އާއި ހުސެއިން ރައްޒާން އަދި އަލީ އާމިރާއި ކަވިޝްކާ މަދުޝަންކަ ގެ އިތުރުން، ރީތި ރަށުގެ ހުސެއިން އިބްރާހިމާއި އަހުމަދު ނަބީލް އަދި އަލީ ހުޒާމް (ހުޒާންޓޭ) އެވެ. އެންމެ މޮޅު ކޯޗަކީ ބަނޑޮހުގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކީ ބަޓިސް އެވެ.

ރީތި ރަށް ވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބަނޑޮސް އަތުން ބަލިވެފަ އެވެ. އެޓީމުން ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޖުމެއިރާ މޯލްޑިވްސް ބަލިކުރި ފޯ ސީޒަންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޒޯން 5 އަދި 6 ގެ ޗެމްޕިއަން ވައްކަރު، ތައްޓާ އެކު.-- ފޮޓޯ: ވީއޭއެމް

ޒޯން 5 އަދި 6 ގެ ޗެމްޕިއަން ވައްކަރު، ތައްޓާ އެކު.-- ފޮޓޯ: ވީއޭއެމް

ވައްކަރުން ވަނީ ބުދަ ދުވަހު ކުޅުނު ޒޯން 5 އަދި 6 ގެ ފައިނަލްގައި އަނަންތަރާ ކިހަވައް މޯލްޑިވްސް 3-2 ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައްކަރުގެ ބިދޭސީ ކުޅުންތެރިޔާ ގުރުންގް ވިދުރަ އެވެ. ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 25-21 އިން ވައްކަރު ގެންދިޔަ ނަމަވެސް އަނަންތަރާއިން ވަނީ ދެވަނަ ސެޓު 25-23 އިން ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓު 25-21 އިން ވައްކަރު ކާމިޔާބު ކޮށްފައި ވަނިކޮށް އަނަންތަރާ އިން ވަނީ ހަތަރުވަނަ ސެޓު 25-23 އިން ކާމިޔާބުކޮށް ނަތީޖާ އެއްވަރު ކޮށްފަ އެވެ. ވައްކަރު މޮޅުވީ 15-10 އިން ފަސްވަނަ ސެޓު ކާމިޔާބު ކޮށްގެންނެވެ.

ޒޯންގެ ޑްރީމް ޓީމުގައި ހިމެނުނީ ވައްކަރުގެ އިބްރާހިމް ފަޒީލް، ހަސަން ނިލާމް، ޝަދޫދު ޒަކީ ގެ އިތުރުން އަނަންތަރާގެ އަހުމަދު ފާޒިލް، އާދަމް ފައިރޫޒް، ކަވިންދު ޕްރަބާސަރާ އަދި ސައުދު އަހުމަދެވެ. ޒޯންގެ އެންމެ މޮޅު ކޯޗަކީ ވައްކަރުގެ މުހައްމަދު ޝިހާމް އެވެ.

މުބާރާތުގައި މިހާރު ކުރިއަށްދަނީ ޒޯން 2 އަދި 4ގެ މެޗުތަކެވެ. ކޮންޜެޑް މޯލްޑިވްސްގައި މެޗުތައް ކުރިއަށްދާ މި ޒޯންގައި މިހާތަނަށް ދެ މެޗު ކުޅެފައި ވެއެވެ. ވިލަމެންދޫއާ ވާދަކޮށް ކޮންރެޑުން ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި ވާއިރު ދެވަނަ މެޗުގައި ކޮންރެޑު ވަނީ ވޮލްޑޯފް އެސްޓޯރިއާ އަތުން ބަލިވެފަ އެވެ.

ކޮންރެޑާއި ވިލަމެންދޫ އަދި ވޮލްޑޯފް އެސްޓޯރިއާގެ އިތުރުން މި ޒޯނުގައި ދެން ހިމެނެނީ ޑަބްލިއު މޯލްޑިވްސް އެވެ. ލީގު ބުރުގެ އެއްވަނައަށް ދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނައަށްދާ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. ޒޯންގެ ފައިނަލް އޮންނާނީ ޖުލައި ދެވަނަ ދުވަހުގެ ހަވީރު އެވެ.