Roadha Mihaaru
ބަނޑޮހުން ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

ބަނޑޮހުން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި

13 ޖުލައި 2023

ބަނޑޮސް އައިލެންޑް ރިސޯޓުން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަނޑޮސް އައިލެންޑް ރިސޯޓުން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި އެވެ.

އިއްޔެ ކުޅުނު ފައިނަލްގައި ބަނޑޮހުން ވަނީ ސީދާ ތިން ސެޓުން އަނަންތަރާ ކިހަވައް ވިލާސް ބަލިކޮށްފަ އެވެ. ބަނޑޮހުން މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 25-20، 25-21 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ ސްރީލަންކާ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކަ އެވެ. ގުރޫޕް ސްޓޭޖުގައި ބަނޑޮހުން ކާމިޔާބުކުރި ދެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ބަނޑޮހުން ވަނީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ފާއިތުވި ހަތަރު އަހަރު ޒޯން 1 ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ބަނޑޮސް، މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތިރަށް އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ޖެހިގެން އައި ދެ މެޗު އެޓީމުން ކާމިޔާބު ކުރި އެވެ.

ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި އަނަންތަރާ ފައިނަލަށް އައީ، ދެވަނައިގައި ނިންމި ވައްކަރު މޯލްޑިވްސްގެ މައްޗަށް ސެމީ ފައިނަލްގައި ކުރި ހޯދައިގެންނެވެ. މިއީ އަނަންތަރާ މިއަހަރުގެ ޒޯން ބުރާއި ޗެމްޕިއަންސް ލީގުގައި ވެސް ވައްކަރުގެ މައްޗަށް ކުރިހޯދި ހަމައެކަނި ފަހަރެވެ.