Roadha Mihaaru
ބަނޑޮސް ފައިނަލަށް، ސެމީގައި ވައްކަރާއި އަނަންތަރާ

ބަނޑޮސް އެއްވަނައިގައި ފައިނަލަށް، ސެމީގައި ވައްކަރާއި އަނަންތަރާ

10 ޖުލައި 2023

ލީގު ބުރުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ފަހު ދެ މެޗު ކާމިޔާބު ކޮށްގެން ބަނޑޮސް މޯލްޑިވްސް އިން އެއްވަނަ ޓީމުގެ ގޮތުގައި އިންޓަ އޮފީސް ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލީގު ބުރުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ފަހު ދެ މެޗު ކާމިޔާބު ކޮށްގެން ބަނޑޮސް މޯލްޑިވްސް އިން އެއްވަނަ ޓީމުގެ ގޮތުގައި އިންޓަ އޮފީސް ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެންމެ ފަހު ތިން މުބާރާތުގެ ވެސް ޗެމްޕިއަން ބަނޑޮސް ކުޅުނު ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ 3-1 ސެޓުން އަނަންތަރާ ކިހަވައް ވިލާސް ބަލިކޮށްފަ އެވެ. އަދި މި ބުރުގެ ފަހު މެޗުގައި އިއްޔެ ބަނޑޮހުން ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކަގެ މޮޅު ކުޅުމާ އެކު 25-23، 25-17، 25-14 އިން ސެޓުތައް ގެންގޮސްގެން ސީދާ ތިން ސެޓުން ވައްކަރު މޯލްޑިވްސް ބަލިކޮށްފަ އެވެ.

ބަނޑޮހާއި ވައްކަރަށް ވެސް ދެ މެޗު ކާމިޔާބުކޮށްފައި ވާއިރު، އަނަންތަރާ އާއި ރީތިރަށް ވެސް ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ބަނޑޮހުން އެއްވަނަ ހޯދީ ސެޓުގެ ތަފާތުންނެވެ. އެހެންވެ، ހަތަރު ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ އެންމެ ފުލަށް ދިޔައީ ރީތިރަށެވެ.

ފުރަތަމަ މެޗުގައި ބަނޑޮސް އަތުން މޮޅުވިޔަސް ރީތިރަށް ވަނީ ކުޅުނު ދެވަނަ މެޗުގައި 3-1 ސެޓުން ވައްކަރު އަތްދަށުވެފަ އެވެ. އަދި އިއްޔެ ކުޅުނު މެޗުގައި އަނަންތަރާ އަތްދަށުވީ ސީދާ ތިން ސެޓުންނެވެ. އަނަންތަރާ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-23، 25-23، 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އަހުމަދު ފާޒިލް އެވެ.

ބަނޑޮހަށް ފައިނަލުން ޖާގަ ލިބިފައި ވާއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ވައްކަރާއި އަނަންތަރާ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު ބަނޑޮހުގަ އެވެ. ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހު އެވެ.

ފައިނަލްގައި ވާދަކުރާ ބަނޑޮހުން ވަނީ ޒޯން ބުރުގައި، ޒޯން 1 ގެ ޗެމްޕިއަން ހޯދައިފަ އެވެ. ބަނޑޮހުން ޒޯންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ރީތި ރަށް ބަލިކޮށްފަ އެވެ.

ސެމީގައި ވާދަކުރާ އަނަންތަރާ އާއި ވައްކަރަކީ ޒޯން 5/6 ގައި ވާދަކުރި ދެ ޓީމެވެ. އެ ޒޯންގެ ފައިނަލުގައި އަނަންތަރާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވައްކަރެވެ.