Roadha Mihaaru
ފޭކް ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާ މީހަކު ހޯދަނީ

ރާއްޖޭގައި ވަޒީފާއަދާކުރާ އިންޑިއާ މީހަކު ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި ހޯދަނީ

25 ޖޫން 2023

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހަކު ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި ހޯދުމުގެ މަސައްކަތް އެ ގައުމުން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހަކު ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި ހޯދުމުގެ މަސައްކަތް އެ ގައުމުން ފަށައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭކް ސެޓްފިކެޓެއްގެ މައްސަލާގައި ހޯދަނީ މިވަގުތު ރާއްޖޭގައި ހުރި އަބިން ސީ ރާޖް ނަމަކަށް ކިޔާ މީހެކެވެ. އެކަމަކު ރާއްޖޭގައި އޭނާ އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއް ކަމެއް ސާފެއް ނުވެ އެވެ.

އޭނާއަކީ އިންޑިއާގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށްވެ އެވެ.

ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ.

ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓްތަކެއް ހެދިކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެ އެވެ.

އޭނާއާ ގުޅޭ ގޮތުން މި ފަހުން ފަޅާއެރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ފޭކް ޑިގްރީ ސެޓްފިކެޓެއް ހެދި މައްސަލަ އެވެ. ފުލުހުންނަށް ދިން ބަޔާނުގައި ނިކިލް ބުނީ ފޭކް ސެޓްފިކެޓް އަބިން ހަދައިދިނީ ދެ ލައްކަ ރުޕީސް ދީގެން ކަމަށެވެ.

އަބިންގެ އެކައުންޓަށް ނިކިލް ދެ ލައްކަ ރުޕީސް ޖަމާކޮށްފައިވާ ކަމުގެ ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެެ.

ނިކިލްއަކީ ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގެ އޭރިއާ ސެކްރެޓަރީކަން ވެސް ކުރިން ކުރި މީހެކެވެ. އަދި އަބިން އަކީ ވެސް އެސްއެފްއައިގެ ލީޑަރެކެވެ.

ކުރިން ނިކިލް ފުލުހުން ގާތު ބުނެފައި ވަނީ އޭނާއަށް ފޭކް ސެޓްފިކެޓް ދިނީ ބޭރުގައި މަސައްކަތްކުރާ އޭނާގެ ރައްޓެއްސެއް ކަމަށެވެ. އެއީ އޭނާ ކިޔަވަމުން އައި ޑިގްރީ ކޯހުން ފާސް ނުވުމުން، ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ސެޓްފިކެޓެއް ކަމަށް ބުންޏެވެ.

އެހެންވެ، ކެރެލާ ޔުނިވާސިޓީގައި ކިޔެވުމަށް ހުރަހެއް ނޯންނާނެ ކަމަށް ބުނެ، ފޭކް ސެޓްފިކެޓެއް ހަދައިދިނަސް އެކަން ފަޅާ އެރީ އެހެން މީހަކާ އެކު ޖެހުނު ޒާތީ މައްސަލައެއްގެ ތެރެއިން އެމީހާ ގޮސް އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، އޭގެ ތަހުގީގުގެ ތެރެއިންނެވެ.

އެހެންވެ، އޭނާ އަނބުރާ ގައުމަށް ގެންގޮސް އެކަމުގެ ތަހުގީގުކުރާނެ ކަމަށް ކެރެލާ ފުލުހުން ބުނެ އެވެ.