Roadha Mihaaru
ކެރެލާ ފުލުހުންގެ ހިދުމަތަށް ރޮބޮޓެއް ނެރެފި

ކެރެލާ ފުލުހުންގެ ހިދުމަތަށް ރޮބޮޓެއް ނެރެފި

22 ފެބުރުއަރީ 2019

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފުލުހުންގެ ހިދުމަތަށް ރޮބޮޓެއް ނެރެ، އޭގެ ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފުލުހުންގެ ހިދުމަތަށް ރޮބޮޓެއް ނެރެ، އޭގެ ބޭނުންކުރަން ފަށައިފި އެވެ.

އަންގާރަ ދުވަހު ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖާޔަން ވެސް ބައިވެރިވަޑައިގެންނެވި ހަފުލާއެއްގައި ރަސްމީކޮށް ލޯންޗް ކުރި ރޮބޮޓް ފުލުހަށް ދީފައިވާ ނަމަކީ "ކޭޕީ-ބޮޓް: ހިއުމަނައިޑް" އެވެ.

މި ރޮބޮޓް ތައްޔާރުކުރީ ކެރެލާގެ ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ސައިބަޑްރޯމް އާއި އެސިމޯވް ރޮބޮޓިކް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. އޭތި ތައްޔާރުކޮށްފައި ވަނީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ވެސް ހިމަނައިގެންނެވެ.

ކެރެލާ ފުލުހުން ބުނި ގޮތުގައި މި ރޮބޮޓަކީ އިންސާނަކާ ދާދި އެއްކަހަލަ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރާނެ އެއްޗެކެވެ. އެކަމަކު މި ވަގުތު ރޮބޮޓް ފްރަންޓް ލައިނަށް ނެރުމުގެ ބަދަލުގައި ބޭނުން ކުރަނީ އިދާރީ މަސައްކަތްތަކަށެވެ.

އެގޮތުން އެކި ކަންކަމާ ގުޅިގެން ކެރެލާ ޕޮލިސް ޑިޕާޓްމަންޓަށް ދާ މީހުންނަށް މައުލޫމާތު ފޯރުކޮށްދީ، މުއާމަލާތް ކުރުމުގެ ކަންކަން "ކޭޕީ-ބޮޓް" ކުރާނެ އެވެ. އޭގެ ތެރޭގައި ރިސެޕްޝަނުގެ ހިދުމަތާއި މައްސަލަތަކުގައި ގެންދެވޭ މީހުންގެ މައުލޫމާތުތައް ރިކޯޑްކޮށް ފޮޓޯ ނެގުމާއި އެޕޮއިންޓްމަންޓް ހަދައި ދިނުން ފަދަ ކަންކަން ކުރާނެ އެވެ.

"މި ރޮބޮޓްގެ ސަބަބުން ފުލުހުންގެ އިދާރީ ހިދުމަތްތައް ދިނުމުގައި އަވަސްވެފައި ފަސޭހަވެގެން ދާނެ" ކެރެލާ ފުލުހުންގެ އެޑިޝަނަލް ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް (އޭޑީޖޭޕީ) މަނޯޖް އަބްރަހަމް އެންޑީޓީވީ އަށް ވިދާޅުވި އެވެ. "މީގެ މަސައްކަތް އިންސާނަކު މަސައްކަތް ކުރާ ގޮތާ މާ ބޮޑު ތަފާތެއް ނުހުންނާނެ. އެހެންވެ މީގެ ނަމަކަށް ހިއުނައިޑް ވެސް ބޭނުންކޮށްފައި އިނީ."

އޭނާ ވިދާޅުވި ގޮތުގައި ކެރެލާ ފުލުހުންގެ އަމާޒަކީ މާ ދުރު ނޫން މުސްތަބުލެއްގައި ރޮބޮޓްގެ ހިދުމަތް ފުޅާކޮށް މައްސަލަތައް ތަހުގީގު ކުރުމުގަ އާއި ޓްރެފިކް ބެހެލެއްޓުން ފަދަ ކަންކަމުގައި ވެސް ބޭނުން ކުރުމެވެ.