Roadha Mihaaru
އިދިކޮޅު ޕާޓީތަކުން އީސީ އަށް އިތުބާރެއް ނުކުރޭ

އިދިކޮޅު ޕާޓީތަކުން ބުނަނީ އީސީ އަށް އިތުބާރު ނުކުރެވޭ ކަމަށް

25 ޖޫން 2023

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެ ކޮމިޝަނަށް އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެ ކޮމިޝަނަށް އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އީސީ އާ މެދު ކަންބޮޑުވުން ފާޅު ކުރުމަށް މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް އާއި ޑިމޮކްރެޓްސް އާއި އެމްއާރްއެމްގެ އިތުރުން އެމްއެންޕީ އަދި ޖޭޕީން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން އީސީ އާއި ދައުލަތުގެ އެކި އިދާރާތަކުން ކުރަމުން އަންނަ ކަންކަމާ މެދު އިދިކޮޅު ހުރިހާ ޕާޓީއަކުން ކަންބޮޑުވާ ކަމަށެވެ.

ޑިމޮކްރެޓްސް އުފައްދަން ޖޫން 1 ގައި ހުށަހެޅި އިރު މި މަހު 15 ގައި އޭގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އީސީން އަންގާފައިވާ ކަމަށެވެ. މިއަދު އަނެއްކާވެސް ވިދާާޅުވެފައި ވަނީ އަންނަ އާދީއްތަ ދުވަހު ހުއްދަ ދޭން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު ވެސް އެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އިފިކޮޅުން ބޭއްވި ޕްރެސްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މިހާރު

އިފިކޮޅުން ބޭއްވި ޕްރެސްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. -ފޮޓޯ: މިހާރު

"އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން ހުއްދަ ދެއްވަން އުޅޭ ކަމަކަށް. މިއަދުގެ މިހާތަނަށް ހުއްދައެއް ނުލިބޭ. އިތުބާރެއް ނެތް އިލެކްޝަންސް ކޮމިޝަން ހިނގަމުން ދާ ގޮތާމެދު،" ހަސަން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާއިރު އެކަމާ ބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އެއްވެސް މުއައްސަސާއަކުން ނާޅާ ކަމަށެވެ.

އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން ހުއްދަ ދެއްވަން އުޅޭ ކަމަކަށް. މިއަދުގެ މިހާތަނަށް ހުއްދައެއް ނުލިބޭ. އިތުބާރެއް ނެތް އިލެކްޝަންސް ކޮމިޝަން ހިނގަމުން ދާ ގޮތާމެދު -- ހަސަން ލަތީފް

ހުރިހާ ސިޔާސީ ޕާޓީތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ކޮމިޓީ ވެސް ނޯޓިސް ބޯޑަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިފިކޮޅު ޕްރެސް

އިފިކޮޅު ޕްރެސް

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާއެކީ ހިނގަން ޖެހޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެކަންޏެއް ނޫން ކަމަށެވެ.

ވަށައިގެން ހިނގާ ހުރިހާ ދުވަހެއްގައި ވެސް އެ ކޮމިޝަންގެ ދައުރު މުހިންމު ކަމަށާއި، ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާތީ ކަމަށް ކަންކަން މި ގޮތަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އެމްއާރްއެމްގެ ފަރާތުން ފާޅުކުރި ކަންބޮޑުވުމަކީ އެ ޕާޓީ އަށް ހުއްދަ ނުދޭން ނިންމި މައްސަލަ އެވެ. އިދިކޮޅު ޕާޓީތަކާއެކު ގުޅެން ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އީސީ ހިނގާ ގޮތާ މެދު އެމްއާރްއެމްގެ ވެސް ކަންބޮޑުވުން އޮތް ކަމަށް ބުންޏެވެ.