Roadha Mihaaru
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން

މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން

01 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި "ދަ ޑިމޮކްރެޓްސް" ބައިވެރިވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި "ދަ ޑިމޮކްރެޓްސް" ބައިވެރިވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު އެކުލަވައިލައްވާ ސަރުކާރުގައި ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ އިސް މެމްބަރު މުހައްމަދު ނަޝީދު އެ ޕޯސްޓަށް ތާއީދު ވެސް ކުރެއްވި އެވެ. ނަަމަވެސް، ހަސަންގެ ފޯނަށް ޖަވާބު ނުދެއްވާތީ ތަފުސީލެއް ނުލިބެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ތިންވަނަ އަށް އެންމެ ގިނަ ވޯޓު އެ އިންތިހާބުގައި ހޯދާފަ އެވެ. އެއީ 15،000 ވޯޓެވެ. ނަމަވެސް، ދެ ވަނަ ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ކޮޅަކަށް ނޭރުމަށެވެ.

ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނާއި ގޮފިތަކުންނާއި އާންމު މެންބަރުން ދެ ވަނަ ބުރުގައި މުއިއްޒަށް ތާއީދުކުރި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީއާ ހިޔާލު ތަފާތުވެ، އެ ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން އިސްވެ އުފެއްދި ޕާޓީއެކެވެ. ނަޝީދު އިސްކޮށް ހުންނަވައި ޕާޓީ އުފެއްދިއިރު، އެ މަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގައި ޝައުގުވެރިކަން މިއަދު ފާޅުކުރައްވައިފަ އެވެ.

ނަޝީދުގެ ޑިމޮކްރެޓްސް އިން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީގެ ގިނަ މެންބަރުން އިންތިހާބަށް ފަހު ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ބަރުލަމާނީއާ ދެކޮޅުކަން ހާމަކުރައްވައި، ޑރ. މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ތާއިދެއް ވެސް ނެތެވެ.