Roadha Mihaaru
ޔާމީނަކީ ވަރަށް ކަންނެތް މީހެއް: އަބްދުއްރަހީމް

ޔާމީނަކީ ވަރަށް ކަންނެތް މީހެއް، ވެރިކަމަށް މަގުފަހިކޮށްދިނީ އަޅުގަނޑުމެން: އަބްދުއްރަހީމް

27 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް "ކަންނެތް މީހެއް" ކަމަށާއި އެ މަނިކުފާނަށް ސިޔާސީ ޕްލެޓްފޯމެއް ގާއިމްކޮށް. ވެރިކަމަށް މަގުފަހިކޮށްދިނީ އޭރު އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް "ކަންނެތް މީހެއް" ކަމަށާއި އެ މަނިކުފާނަށް ސިޔާސީ ޕްލެޓްފޯމެއް ގާއިމްކޮށް. ވެރިކަމަށް މަގުފަހިކޮށްދިނީ އޭރު އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ޔާމީން ދައްކަވާ ގިނަ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ޔާމީން ހޭދަކުރެއްވި ފަސް އަހަރާއި އޭގެ މާ ކުރިން ވެސް މަސައްކަތްޕުޅު ކުރެއްވީ ޔާމީނާ އެކުގައި ކަމަށާއި ޔާމީން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޔާމީނަކީ އަމިއްލައަށް ސިޔާސީ ޕްލެޓްފޯމެއް ކުރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ،"

ވެރިކަން ލިބުނު ގޮތާއި ވެރިކަން ހޯއްދަވަން ކުރެއްވި މަސައްކަތާ އެކަމުގައި ޝާމިލްވާ މީހުން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފަހަކާ ޖެހެން ދެން ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޔާމީނަކީ އެއްވެސް އިރެއްގައި އަމިއްލަފުޅު މަސައްކަތުން ސިޔާސީ މައިދާނުން ޖާގަ ހޯއްދެއްވި ބޭފުޅެއް ނޫނެވެ.

"ޔާމީނަކީ އަމިއްލަ އަށް ސިޔާސީ ޕްލެޓްފޯމެއް ކްރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން މަގުފަހި ކޮށްދިނީ."

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އެރުވުން: އަބްދުއްރަހީމަކީ ކުރިން ޔާމީންގެ އެންމެ އަރިސް ބޭފުޅާ.---ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އެރުވުން: އަބްދުއްރަހީމަކީ ކުރިން ޔާމީންގެ އެންމެ އަރިސް ބޭފުޅާ.---ފޮޓޯ: މިހާރު

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޕީއޭ އުފައްދަވައިގެން އެ ޕާޓީ އަށް 3،000 މެންބަރުން ހަމަނުވެގެން އުޅުއްވަން ފެއްޓެވުމުން އެކަމަށް ހައްލު ހޯއްދަވަން ނުކުމެވަޑައިގަތީ އެ މަނިކުފާނާއި އޭރުގެ ވެސް އަދި މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަދަ ބޭފުޅުން ކަމަށެވެ.

ނަމަވެސް އެ ހުރިހާ ބޭފުޅުންނާ މެދު ވެސް ޔާމީން އަމަލު ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވުން - ފޮޓޯ: ނިޝާން އަލީ | މިހާރު

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވުން - ފޮޓޯ: ނިޝާން އަލީ | މިހާރު

އަދި، 2018 ގައި ޕީޕީއެމްގެ ޕްރައިމަރީ ޔާމީނަށް ކާމިޔާބުވީ، ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"[ޕްރައިމަރީ ކާމިޔާބުވީ] ޔާމީންގެ މަސައްކަތަކުން ނޫން، ޔާމީނަށް އޮތް ތާއީދަކުން ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ޔާމީނަށް އެ ވަރުގެ ތާއީދާކާ ސަޕޯޓު އޮތް ނަމަ ވެރިކަމާއި ސުޕަމެޖޯރިޓީ އޮވެމެ 2018 ގައި ވެރިކަން ދިފާއު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ދުވަހު އަޅުގަނޑަށް އެނގުނީ ރައީސް ޔާމީނަށް ގައުމެއް ވެސް މުހިންމު ނޫންކަން. ޕާޓީއެއް ވެސް މުހިންމެއް ނޫން ކަން. ރައްޔިތުންނެއް ވެސް މުހިންމު ނޫންކަން. ރައީސް ޔާމީނަށް މުހިންމީ ޔާމީން ކަން: އަބްދުއްރަހީމް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ކާމިޔާބު އެއްބޭފުޅާ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޔާމީނު އެއް އިރެއްގައި ވެސް މާ ބޮޑަށް ގަޔާވި ބޭފުޅެއް ނޫން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ތިން ފަހަރެއްގެ މަތިން އެ މަގާމުން ވަކިކުރައްވަން ޔާމީން މަސައްކަތްޕުޅު ކުރެއްވުމެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކަން އެގޮތަށް ނުކުރެއްވުނީ އެކި ސަބަބުތަކާ ގުޅިގެން ވަށައިގެން ތިއްބެވި ބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށެވެ.

އޭގެ މިސާލެއް ނަންގަވަމުން އަބްުދުއްރަހީމް ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖުގެ އެއް ލޭނު މަދުކަން ޔާމީނަށް ނާންގަވައި ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެ، "ރައީސް މުއިއްޒު ކީރިތިފުޅު ކުރެއްވެން ދެން ބަވާލި" ކަމަށެވެ. އެކަން ކުރެއްވީ ކެބިނެޓާއި ޕާޓީގެ އިސް ބޭފުޅުންގެ ކުރިމަތީގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމުން ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމުން ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށާއި ޔާމީން އަމިއްލަފުޅަށް އޭރުގެ އިކޮނޮމިކް ކައުންސިލް ޗެއާ ކުރައްވަމުން، ބްރިޖުގެ މަސައްކަތްތައް ވެސް ޔާމީން އަމިއްލަފުޅަށް ބެއްލެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭރު ވެސް ޔާމީން ހުންނެވީ ރައީސް މުއިއްޒާ "އެ ލެވެލަށް ދިމާކުރައްވާފައި" ކަމަށާއި ރައީސް މުއިއްޒަށް ވެރިކަން ލިބުމުން އެކަންވީ ޔާމީން ގަބޫލުފުޅު ކުރަން ވަރަށް ދަތިވީ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި އިހުތިރާމް ގެއްލިގެން ދިޔައީ ރައީސް ވެރިކަމަށް ވަޑައިގަތުމާ އެކު، ކަންތައް ކުރެއްވި ގޮތުން ކަމަށެވެ. އޭގެ ކުރިން ހީފުޅު ކުރެއްވީ ޔާމީނަކީ ގައުމު އިސްކުރައްވާނެ ބޭފުޅެއް ކަމަށް ވިޔަސް އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމާ އެކު ހަގީގަތް ހާމަވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑަށް އެނގުނީ ރައީސް ޔާމީނަށް ގައުމެއް ވެސް މުހިންމު ނޫންކަން. ޕާޓީއެއް ވެސް މުހިންމެއް ނޫން ކަން. ރައްޔިތުންނެއް ވެސް މުހިންމު ނޫންކަން. ރައީސް ޔާމީނަށް މުހިންމީ ޔާމީން ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރީގައި ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މި ހާލަތަށް އައީމާ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން. ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ."

ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ފަސް އަހަރު ވެވަޑައިގެންނެވި ގުރުބާނީ އެގޮތަށް އަގު ކުރެއްވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ޔާމީންގެ ޕީއެންއެފުން ފަހަކަށް އައިސް ބާއްވާ ޖަލްސާތަކުގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ބައެއް އިސްވެރިންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ޒާތީ ވާހަކަތަކާއި ދޮގު ތުހުމަތު އަޅުވަމުންދާ ކަަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވި އެވެ.