Roadha Mihaaru
މަސައްކަތް ނުކުރާތީ ފޭދޫ ބޯޅަދަނޑުގަ ކެޔޮ އިންދައިފި

މަސައްކަތް ނުހިނގާތީ ފޭދޫ ފުޓުބޯޅަ ދަނޑުގައި ފަތްކެޔޮ އިންދައިފި

28 ޖޫން 2023

ށ. ފޭދޫ ފުޓުބޯޅަ ފަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށުގެ ޒުވާނުން ނުކުމެ އެތަނުގައި ފަތްކެޔޮ އިންދައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ށ. ފޭދޫ ފުޓުބޯޅަ ފަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށުގެ ޒުވާނުން ނުކުމެ އެތަނުގައި ފަތްކެޔޮ އިންދައިފި އެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް ވިދާޅުވީ މިއަދު ހެނދުނު ހޭލިއިރު ދަނޑުގައި ކެޔޮ އަދި ފަޅޯ އިންދާފައިވާ ކަމަށެވެ.

ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރު ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ދަނޑުގައި ކެޔޮ އިންދީ ރަށުގެ ޒުވާނުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްކޮޅު މިއީ ވަރަށް ގިނަ ޒުވާނުން ރަށަށް އަރާ އުޅޭ ދުވަސްކޮޅެއް، އެހެންވީމަ ބޮޑަށް ހީވަނީ މަސައްކަތް ހުއްޓިި ދަނޑު ނިމުން ލަސްވާތީ އެކަމާ ހިތްހަމަނުޖެހިގެން ޒުވާނުން ކޮށްފައި އޮތް ކަމެއްހެން،"

ށ. ފޭދޫ ފުޓުބޯޅަދަނޑުގައި ކެޔޮގަސް އިންދާފައި.--

ށ. ފޭދޫ ފުޓުބޯޅަދަނޑުގައި ކެޔޮގަސް އިންދާފައި.--

ރައިސަމް ވިދާޅުވީ ދަނޑު ނުނިމި ލަސްވުމަކީ ކައުންސިލްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ރައީސް ވެރިކަމަށް އައުމުގެ ކުރިން ރަށަށް ވީ ވައުދެއް އެއީ މި ރަށުގަ ދަނޑެއް އަޅައިދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެ ރަށު ފުޓުބޯޅަދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެއީ ނުވަ މަސްތެރޭ ނިންމުމަށެވެ. މަސައްކަތް ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގް އާ އެވެ. އެެކަމަކު އެކި ސަބަބުތަކާ ހުރެ މިހާރު އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

އެ ރަށު ދަނޑުގައި ފަޅޯގަސް ޖަހާފައި.--

އެ ރަށު ދަނޑުގައި ފަޅޯގަސް ޖަހާފައި.--

މީގެ ކުރިން ވެސް ބައެއް ރަށްރަށުގެ ފުޓުބޯޅަ ދަނޑާއި ފުޓްސެލް އަދި ވޮލީ ކޯޓުތަކުގެ މަސައްކަތް ލަސްވެ ފަތްކެޔޮ އިންދުން ފަދަ ކަންކަން ކޮށްފައި ވެ އެވެ. އަދި ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ތައްޔާރުވެފައި ވަނިކޮށް ޓާފްތަކުގައި ވެސް ރޯކޮށްލައިފައި ވެ އެވެ.