Roadha Mihaaru
ދިވެހި ކުއްޖަކަށް އިންޑިއާގައި އާ ފަރުވާއެއް

މަދުން ފެންނަ ބައްޔަކަށް ދިވެހި ކުއްޖަކަށް އިންޑިއާގައި އާ ފަރުވާއެއް

29 ޖޫން 2023

"ހައިޕާ އައިޖީޑީ ސިންޑްރޮމް" ނަމަކަށް ކިޔާ ޖެނެޓިކް ބައްޔެއް ހުންނަ ދިވެހި އަންހެން ކުއްޖަކަށް އިންޑިއާގައި މުޅިން އަލަށް ތަޖުރިބާކުރާ ފަރުވާއެއް ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

"ހައިޕާ އައިޖީޑީ ސިންޑްރޮމް" ނަމަކަށް ކިޔާ ޖެނެޓިކް ބައްޔެއް ހުންނަ ދިވެހި އަންހެން ކުއްޖަކަށް އިންޑިއާގައި މުޅިން އަލަށް ތަޖުރިބާކުރާ ފަރުވާއެއް ދީފި އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗިލްޑްރެންސް ރެއިންބޯ ހޮސްޕިޓަލުގައި ދިން މި ފަރުވާއަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް ދެވުނު ފަރުވާއެކެވެ. އެއީ 'ކެނަކިނުމަބް' ނަމަކަށްކިޔާ ބޭހެއް ބޭނުންކޮށްގެން ދިން ފަރުވާއެކެވެ.

ދިފާއީ ނިޒާމު ބަލިކަށިކޮށްލައި، ހުން އައުމާއި ހުޅުތައް ދުޅަވެ ރިއްސުމާއި ބަނޑުގައި ރިއްސުން ފަދަ އުނދަގޫތައް ކުރިމަތިވާ މި ޖެނެޓިކް ޑިސްއޯޑާ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ފެންނަ މިންވަރު މަދެވެ. މި ބަލި ދެނެގަތުމަށް ވެސް ގިނަ ފަހަރު އުނދަގޫތައް ކުރިމަތިވާއިރު، މި ފަރުވާ ދިން ހަތަރު އަހަރުގެ އަންހެން ކުއްޖާގެ ގައިން ބަލި ދެނެގަނެވިފައިވަނީ އުމުރުން އެންމެ ހަ މަހުގަ އެވެ.

ފަރުވާ ދިން ހޮސްޕިޓަލްގެ ޑޮކްޓަރު ޗަންދްރިކާ ބަޓް އިންޑިއާގެ ނޫހަށް ވިދާޅުވެފައިވާ ގޮތުގައި، އެ ކުއްޖާގެ ގައިން އެންމެ ފުރަތަމަ ފެންނަން ފެށި އަލާމަތްތަކުގެ ސަބަބުން ފުރަތަމަ ބެލުވުނީ އެއީ އާދައިގެ އިންފެކްޝަނެއް ކަމަށެވެ. އެހެންވެ ވަރަށް ގިނައިން އެންޓިބަޔޮޓިކް ދިނެވެ.

ޑޮކްޓަރު ފާހަގަކުރައްވާފައިވާ ގޮތުގައި ކުއްޖާ އަބަދުހެން ހުން އައިސް، ލޭގެ ހިއުމަގްލޮބިން ލެވެލް ވަރަށް ބޮޑަށް ދަށްކޮށްލަ އެވެ. ހިއުމަގްލޮބިން އާއްމުކޮށް ހުންނަ ރޭންޖަކީ 12 ނަމަވެސް، 3-4 އަށް ވެސް ވެއްޓޭކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަތަރު އަހަރުގެ ކުއްޖާގެ ދިފާއީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެފައިވުމުން ބަލީގެ އަސްލު ދެނެގަތުމަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވި އެވެ. އެންޓިބަޔޮޓިކް ދިނުމަށްފަހު ކުއްޖާ ބާއްވާފައި އޮތީ ވެސް އައިސީޔޫގަ އެވެ. އަސްލު ބަލި ދެނެގަނެވުނީ، ރިއުމަޓޮލޮޖީ ސެޕަޝަލިސްޓުންނަށް ކުއްޖާ ދެއްކުމަށް ފަހު ޖެނެޓިކް ޓެސްޓްތަކެއް ހެދުމުން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ބަލި ދެނެގަނެވުމުން އެނގުނީ އިންޑިއާގައި އެ ބައްޔަށް ދެވޭނެ ފަރުވާތަކެއް ނެތް ކަމެވެ.

އެކަމަކު ޑޮކްޓަރުން ކުރި ދިރާސާތަކުން އެނގުނީ "ހައިޕާ އައިޖީޑީ ސިންޑްރޮމް"އަށް 'ކެނަކިނުމަބް' ބޭސް ކާމިޔާބުކަމާ އެކު ދުނިޔޭގެ ބައެއް ގައުމުތަކުން ބޭނުން ކުރަމުން އަންނަ ކަމެވެ.

އިންޑިއާގައި އެ ބޭސް ލިބެން ނެތުމުން ކުއްޖާއަށް ފަރުވާ ދޭން ބޭސް ޖެހުނީ އެ ގައުމަށް އެތެރެކުރާށެވެ. އެ ބޭހާ އެކު ފަރުވާ ފެށުމާ އެކު އެ ކުއްޖާއަށް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ހުން އައުން ވަރަށް ބޮޑަށް ކުޑަވެ، އާންމު ދިރިއުޅުމަކަށް ކުއްޖާއަށް ވާސިލުވެވުމުގެ އުއްމީދު ޑޮކްޓަރުންނަށް އެބައޮތެވެ.

އެ ޑޮކްޓަރު ގަބޫލުކުރައްވާ ގޮތުގައި މިއީ މި ބަލި ތަހައްމަލު ކުރަމުންދާ އެހެން މީހުންނަށް ވެސް ލިބުނު ތަސައްލީއެކެވެ.

މިހާތަނަށް ބޭހުގެ ތިން ޑޯޒް އެ ކުއްޖާއަށް ދީފައިވާއިރު، ޖުމްލަ ހަ ޑޯޒް ފުރިހަމަ ކުރަން ޖެހެ އެވެ.