Roadha Mihaaru
ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ

ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ، މިހާރު ހިލޭ ކްލަބް ބަދަލުކުރެވޭނެ

01 ޖުލައި 2023

މެންޗެސްޓާ (ޖުލައި 01) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދައިފައިވާ އެއްބަސްވުން ރޭގެ ނިިޔަލަށް ހަމަވުމާ އެކު ހިލޭ ކްލަބް ބަދަލުކުރުމުގެ ފުރުސަތު ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ލިބިއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (ޖުލައި 01) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދައިފައިވާ އެއްބަސްވުން ރޭގެ ނިިޔަލަށް ހަމަވުމާ އެކު ހިލޭ ކްލަބް ބަދަލުކުރުމުގެ ފުރުސަތު ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ލިބިއްޖެ އެވެ.

ޑެހެއާ، 32، "ފްރީ އޭޖެންޓް" އަކަށް ވީ އޭނާގެ އެއްބަސްވުން ހަމަވުމުގެ ކުރިން ޔުނައިޓެޑަށް އޭނާއާ އެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. ޔުނައިޓެޑުން އައީ މިދިޔަ ދުވަސްތަކުގައި ޑެހެއާގެ އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ޔުނައިޓެޑުން ކުރަމުން އައި މަޝްވަރާތައް މިހާރު ހުއްޓިފައި އޮތީ، މި ހަފްތާ ބަންދުގައި ޑެހެއާ ކައިވެނިކުރަން ހަމަޖެހިފައި އޮތުމާއި ގުޅިގެން ކުޑަ ބްރޭކެއް ދިނުމަށް ޑެހެއާ އެދުމުންނެވެ.

މިއަދުން ފެށިގެން އިންގްލެންޑުން ބޭރުގެ ކޮންމެ ކްލަބަކާ އެކު ހިލޭ އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު ޑެހެއާ އަށް ލިބޭނެ އެވެ. އެކަމަކު އެ ފުރުސަތު އޮތަސް ޔުނައިޓެޑަށް ޑެހެއާ އެކު އާ އެއްބަސްވުމަކަށް ދިއުމުގެ ދޮރު ބަންދެން ނުވާނެ އެވެ.

ޔުނައިޓެޑަށް މީގެ 12 އަހަރު ކުރިން ބަދަލުވެ ޑެހެއާ ވަނީ މިހާތަނަށް 545 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރުތަކުގައި ޑެހެއާ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެންމެ މަތީ ފަންތީގައި ނުކުޅެވޭ ކަމަށް ބުނެ އޭނާ އަށް ފާޑުކިޔުން އަމާޒުވެ އެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 17 މެޗު ގޯލެއް ނުވަދެ ނިންމާލައި ޑެހެއާ ވަނީ "ގޯލްޑެން ގްލޯވް" ހޯދައިފަ އެވެ. ޔުނައިޓެޑްގައި ހޭދަކުރި 12 އަހަރުތެރޭ އެންމެ ގިނަ ކްލީން ޝީޓްގެ އެވޯޑް ޑެހެއާ ވަނީ ދެ ސީޒަނުގައި ހޯދައިފަ އެވެ.

ޑެހެއާ 2019 ވަނަ އަހަރު ޔުނައިޓެޑާ އެކު ހެދި އެއްބަސްވުމާ އެކު އޭނާ އަށް ހަފްތާއަކު 476،000 ޑޮލަރު ލިބެ އެވެ. ޔުނައިޓެޑުން ބޭނުންވަނީ ޑެހެއާ އަށް ހަފްތާއަކު ދޭ މުސާރަ ކުޑަކުރާށެވެ. އެ އަގު ކުޑަކުރިޔަސް ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބޭ ކީޕަރުންގެ ތެރޭގައި ޑެހެއާ ހިމެނޭނެ އެވެ. އެހެންވެ މުސާރަ ކުޑަކޮށްގެން ވެސް ޑެހެއާ ޔުނައިޓެޑްގައި ހުރުމުގެ ފުރުސަތު ބޮޑެވެ.

ޔުނައިޓެޑާ އެކު ފަސް ތަށި ހޯދައިފައިވާ ޑެހެއާ ވަނީ އެ ކްލަބުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު އަހަރު ހޯދައިފަ އެވެ. ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި ނަމަ އެއީ ކޯޗު އެރިކް ޓެން ހާގަށް ދިމާވާނެ މައްސަލައެކެވެ.

ޑެހެއާއާ ރަނގަޅު ވާދައެއް ކުރުމަށް އިތުރު ކީޕަރެއް ގެންނާނެ ކަމަށް ޓެން ހަގް ވަނީ ބުނެފަ އެވެ. ޔުނައިޓެޑުން މިހާރު މަސައްކަތްކުރަމުން އަންނަނީ އިންޓަ މިލާނަށް ކުޅޭ ކެމެރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ގެންނާށެވެ. މިދިޔަ ސީޒަނުގައި 27 އަހަރުގެ ގޯލްކީޕަރު ވަނީ އިންޓަގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިހާރު ތިބި ގޯލްކީޕަރުންނަށް ބަލާއިރު ޔުނައިޓެޑުން ވަނީ ތަޖުރިބާކާރު ގޯލްކީޕަރު ޓޮމް ހީޓަން އިތުރު އަހަރަކު ކްލަބްގައި މަޑުކުރުވަން ނިންމައިފަ އެވެ. ހީޓަން ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން އެވެ. ހެންޑަސަން މިދިޔަ ސީޒަނުގައި ނޮޓިންހަމް ފޮރެސްޓަށް ލޯނު އުސޫލުން ކުޅުމަށް ފަހު މިހާރު ވަނީ އެނބުރި ޔުނައިޓެޑަށް އައިސްފަ އެވެ.