Roadha Mihaaru
ޑެހެއާގެ އަމާޒު ޔުނައިޓެޑުގެ ކެޕްޓަން ކަމަށް

ޑެހެއާގެ އަމާޒު ޔުނައިޓެޑުގެ ކެޕްޓަން ކަމަށް

23 ޖުލައި 2019

ލަންޑަން (ޖުލައި 23) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާ ކުރުމަށް އެއްބަސްވެފައިވާ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެ ޓީމުގެ ކެޕްޓަންކަން ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 23) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާ ކުރުމަށް އެއްބަސްވެފައިވާ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެ ޓީމުގެ ކެޕްޓަންކަން ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ރެއާލް މެޑްރިޑާއި ޕީއެސްޖީން ހޯދަން މަސައްކަތްކުރި އުމުރުން 28 އަހަރުގެ ޑެހެއާ މިހާރު ވަނީ ޔުނައިޓެޑާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އޭނާ މި ވަގުތު ޔުނައިޓެޑުގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ.

ޑެހެއާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމާ މެދު ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެއްބަސްނުވެވި އޮތީ މުސާރައަކާ މެދު އެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ޔުނައިޓެޑުގެ އެއްބަސްވުން އާ ކުރަނީ ހަފުތާ އަކު 470،000 ޑޮލަރަށެވެ. އަދި ބޯނަހާ އެކު 550،000 ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިމިގެން ދިޔައީ ޑެހެއާ އަށް އެންމެ ރަނގަޅު ސީޒަނެއް ނޫނެވެ. އެކަމަކު ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އޭނާގެ އިތުބާރު ޑެހެއާ އަށް އޮތް ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޑެހެއާ މަޑުކުރުވުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު އެކަކަކީ ސޯލްޝެއާ އެވެ.

ޑެހެއާ ވަނީ ޔުނައިޓެޑުގެ ކެޕްޓަންކަން ކުރަން ލިބޭ ކޮންމެ ފަހަރަކީ ހާއްސަ އުފަލެއް ކަމަށް ބުނެފަ އެވެ.

"އަހަރެން ބައެއް މެޗުތަކުގައި ކެޕްޓަންކަން ކޮށްފައިވާނެ. ޔުނައިޓެޑް ކަހަލަ ޓީމެއްގެ ކެޕްޓަންކަން ކޮށް މި ޓީމުގެ ބެޖު ދިފާއުކުރަން ކުޅުމަކީ ލިބޭ ހާއްސަ އުފަލެއް. ޓީމުގެ ދާއިމީ ކެޕްޓަންކަން ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ،" ޑެހެއާ ބުންޏެވެ.

ޔުނައިޓެޑުގެ ކެޕްޓަނަކަށް މިދިޔަ ސީޒަނުގައި ހުރީ އެންޓޯނިއޯ ވެލެންސިއާ އެވެ. އޭނާ ނެތް މެޗުތަކުގައި އެޝްލީ ޔަންގް، ޕައުލް ޕޮގްބާ، ކްރިސް ސްމޯލިން އަދި ޑެހެއާ ވަނީ ބޭންޑް އަޅައިގެން ކުޅެފަ އެވެ. ޑެހެއާ ބުނީ ކެޕްޓަނަކަށްވެއްޖެ ނަމަ ލީޑަރަކަށްވެ ހުރެ ޓީމަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ވަރަށް ރަނގަޅުކުރަން އެބަޖެހޭ. މި ކްލަބު އެބަޖެހޭ އަލުން އެންމެ މައްޗަށް ގެންގޮސް ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ކްލަބަކަށް ހަދަން،" ޑެހެއާ ބުންޏެވެ.

ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. ޑެހެއާ 2015 ވަނަ އަހަރު ރެއާލަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ މުއްދަތު ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ. ރެއާލުން އަލުން ޑެހެއާ އަށް ބިޑްނުކުރަން ނިންމީ އެ ޓީމުގައި މިހާރު ހުރި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ މެދު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ހިތްހަމަޖެހޭތީ އެވެ.