Roadha Mihaaru
ނޯބަލްގެ ޕެނަލްޓީ ދިފާއުކުރި ޑެހެއާ ބަތަލަކަށް

ނޯބަލްގެ ޕެނަލްޓީ ދިފާއުކޮށް ޑެހެއާ ބަތަލަކަށް

19 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 19) - މެޗުގެ އެންމެ ފަހު ވަގުތުގައި ވެސްޓްހަމް ޔުނައިޓެޑްގެ މާކް ނޯބަލް ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ޔުނައިޓެޑް މޮޅުކޮށްދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ސެޕްޓެމްބަރު 19) - މެޗުގެ އެންމެ ފަހު ވަގުތުގައި ވެސްޓްހަމް ޔުނައިޓެޑްގެ މާކް ނޯބަލް ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ޔުނައިޓެޑް މޮޅުކޮށްދީފި އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މެޗު ތަފާތު ގޮތަކަށް ޔުނައިޓެޑުން ކާމިޔާބު ކުރުމުން، މި މެޗުވެފައި ވަނީ އަވޭގައި އެ ޓީމުން މި ސީޒަންގައި ކާމިޔާބު ކުރި އެންމެ ހާއްސަ މެޗަށެވެ. ވެސްޓްހަމް އިން ފުރަތަމަ ލީޑް ނަގައިފައި ވަނިކޮށް ޔުނައިޓެޑުން ފަހަތުން އަރައި އެއްވަރު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުންނެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ވެސްޓްހަމް އަށް ލީޑު ނަގައިދިނީ، އަލްޖީރިއާގެ ފޯވާޑް، މުހައްމަދު ސާއިދު ބެން ރަހްމާ އެވެ. އޭނާ ލަނޑު ޖެހީ ޖެރޯޑް ބޮވްން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބެން ރަހްމާ ބޯޅަ ފޮނުވާލިއިރު ކީޕަރު ޑެހެއާ އަށް ހުރެވުނީ ބޯޅައިގެ މިސްރާބު އޮޅިފަ އެވެ. ބޯޅަ ގޯލަށް ވަނީ ދަނޑިކައިރިން ގޮހެވެ. ލީޑު ނަގައިގެން ވެސްޓްހަމަށް ހިތްހަމަޖައްސައި ލެވުނީ ފަސް މިނެޓެއް ހާއިރު އެވެ.

ޔުނައިޓެޑް އަށް ލީޑު ނަގައިދިނުމަށް ފަހު ލިންގާޑް އުފާފާޅު ކުރަނީ --- ފޮޓޯ: ރެކްސް

ޔުނައިޓެޑް އަށް ލީޑު ނަގައިދިނުމަށް ފަހު ލިންގާޑް އުފާފާޅު ކުރަނީ --- ފޮޓޯ: ރެކްސް

ބުރުނޯ ފެނާންޑޭޒް ވެސްޓްހަމްގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރޮނާލްޑޯ ކަނާތު ފައިގެ އަރިމަތިން ޖެހުމުން ބޯޅަ ސީދާ އަމާޒުވީ ކީޕަރު ލޫކަޒް ފަބިއަންސްކީ ހުރި ދީމާލަށެވެ. އޭނާ ބޯޅަ ދިފާއުކުރި ނަމަވެސް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ. ރިބައުންސްވި ބޯޅަ ރޮނާލްޑޯ ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މެޗުގައި ހީރޯ އަކަށްވީ ޑެހެއާ އެކަންޏެއް ނޫނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖެސީ ލިންގާޑް ވަނީ މެޗުގެ 89 ވަނަ މިނެޓްގައި ލަނޑު ޖަހައި ޔުނައިޓެޑް މޮޅުކޮށްދީފަ އެވެ. މި ލަނޑަކީ ލިންގާޑަށް ހާއްސަ ލަނޑެވެ. މިދިޔަ ހަފުތާގެ ޗެމްޕިއަންސް ލީގު މެޗުގައި ޔަންގް ބޯއީސް އަތުން ޔުނައިޓެޑް ބަލިވީ ލިންގާޑަށް ހެދުނު ބޮޑު މިސްޓޭކަކުންނެވެ. އެ ހާލަތު ބަދަލުކޮށް ލިންގާޑް ވަނީ މިރޭގެ މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

ނެމެންޏާ މަޓިޗް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ލިންގާޑް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ނޯބަލް (ކ) ޕެނަލްޓީ ނާކާމިޔާބު ވުމުން މާޔޫސް ވެފައި --- ފޮޓޯ: ރެކްސް

ނޯބަލް (ކ) ޕެނަލްޓީ ނާކާމިޔާބު ވުމުން މާޔޫސް ވެފައި --- ފޮޓޯ: ރެކްސް

ވެސްޓްހަމް އަށް ލިބުނު ޕެނަލްޓީ އަކީ އެ ޓީމުން ނެގި ހުރަހެއް ލޫކް ޝޯ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފަހު ވަގުތު ދިން ޕެނަލްޓީ ދިފާއުކޮށް މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ޕޮއިންޓުގެ ގޮތުން އެއް ވަނައިގައި އޮތް ލިވަޕޫލާ ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށް ވެސް 13 ޕޮއިންޓެވެ. މިއަދު ކުޅުނު އަނެއް މެޗުގައި ބްރައިޓޮން އިން ވަނީ ލެސްޓާ ސިޓީގެ މައްޗަށް 2-1 އިން މޮޅުވެފަ އެވެ.