Roadha Mihaaru
ޑެހެއާ އަށް އިތުބާރު އެބަ އޮތް: ސޯލްޝެއާ

ޑެހެއާ އަށް އިތުބާރު އެބަ އޮތް: ސޯލްޝެއާ

30 އެޕްރީލް 2019

މެންޗެސްޓާ (އޭޕްރީލް 30) - އެންމެ ފަހުން ކުޅުނު މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނު ނަމަވެސް އަދިވެސް އޭނާ އަށް އިތުބާރު އެބަ އޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޭޕްރީލް 30) - އެންމެ ފަހުން ކުޅުނު މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނު ނަމަވެސް އަދިވެސް އޭނާ އަށް އިތުބާރު އެބަ އޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޑެހެއާގެ ކުޅުމަށް އަސަރުކޮށްފައިވަނީ ކޮންމެވެސް ކަމެއްގެ ސަބަބުން ކަމަށާއި އޭނާ މެޗުތަކަށް އަންނަނީ އެންމެ ރަނގަޅަށް ތައްޔާރުވެގެންތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ޕްރިމިއާ ލީގުގެ އެނަލިސްޓް އަދި އާސެނަލްގެ ކުރީގެ ފޯވާޑް އިއާން ރައިޓްސް ވަނީ ދާދި ފަހުން ބުނެފަ އެވެ. އަދި ޔުނައިޓެޑުން ޑެހެއާގެ ބަދަލުގައި އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ އަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު ބާސެލޯނާ، އެވަޓަން، މެންޗެސްޓާ ސިޓީ އަދި ޗެލްސީ މި ހުރިހާ މެޗެއްގައި ވެސް ކުރީ މެޗުތަކުގައި ނުފެންނަ ވަރުގެ ގޯސްތައް ޑެހެއާގެ ފަރާތުން ފެނުނެވެ. އެކަމަކު ޔުނައިޓެޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޑެހެއާއާ މެދު އަދިވެސް އުއްމީދު ދޫކޮށެއް ނުލަ އެވެ.

"ޑެހެއާ ވަނީ މި ކްލަބަށް އާދަޔާހިލާފު ހިދުމަތްތަކެއް ކޮށްދީފައި. އެކަންކަމަށް ސަޕޯޓަރުން ވެސް ހެކިވާނެ. ޕޮއިންޓްތަކެއް ގެއްލިގެން ޑެހެއާ ބަދުނާމުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑާ އެކު ޑެހެއާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ ކޮންޓްރެކްޓް އާނުކޮށްފި ނަމަ އޭނާ ވިއްކާލަން އެ ކްލަބަށް މަޖުބޫރުވާނެ އެވެ. ޔުނައިޓެޑުން އަންނަނީ ޑެހެއާގެ އެއްބަސްވުން އާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަަނަށް އެއްބަސްނުވެވި އޮތީ މުސާރައާ މެދު އެވެ. ޔުނައިޓެޑުން ހުށަހަޅަނީ ބޯނަސްތަކާ އެކު ހަފްތާއަކު 350،000 ޕައުންޑެވެ. އެކަމަކު ޑެހެއާ ބޭނުންވަނީ ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒަށް ދެމުން އަންނަ ވަރުގެ މުސާރައެކެވެ. އެއީ ބޯނަސްތަކާ އެކު ހަފުތާއަކު 500،000 ޕައުންޑެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑެހެއާގެ ފޯމު ދަށްވުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އާ ކޮންޓްރެކްޓްގެ މަޝްވަރާތަކާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ. އެ މައްސަލައިގައި ޔުނައިޓެޑްގެ ބޯޑުން ވަނީ ސޯލްޝެއާގެ ލަފާ ވެސް ހޯދައިފަ އެވެ.

"ޔުނައިޓެޑަށް އެންމެ ކުޅޭހިތުން ކުޅޭ އެއް ކުޅުންތެރިއަކީ ޑެހެއާ. އަހަރެން އޭނައާ ވާހަކަ ދައްކާނަން. ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދައި ޑެހެއާ ރަނގަޅު ފޯމުގައި އަދި ފެންނާނެ،" ސޯލްޝެއާ ބުންޏެވެ.

ދާދި ފަހުން ރެއާލުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ސްޕެއިން ގައުމީ ޓީމުގެ ވެސް އެއް ވަނަ ކީޕަރު ޑެހެއާ ހިމެނެ އެވެ.

ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. އުމުރުން 28 އަހަރުގެ ކީޕަރު 2015 ވަނަ އަހަރު ރެއާލަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ މުއްދަތު ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ.

ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި ނަމަ ޔުނައިޓެޑުން ގެންނަން މަސައްކަތްކުރާނެ ކީޕަރަކީ އެތުލެޓިކޯ އަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ކީޕަރު ޔެން އޮބްލަކް އެވެ. މިދިޔަ އަހަރު ލިވަޕޫލުން ވެސް ވަނީ އޮބްލަކް ގެންނަން މަސައްކަތް ކޮށްފަ އެވެ.