Roadha Mihaaru
އަސްލަމްގެ ތުހުމަތު މަޖިލިހުގެ އިދާރާއިން ދޮގުކޮށްފި

ޖަލްސާ ބާއްވާކަން އެނގުމާއެކު މެމްބަރުންނަށް އެންގިން: މަޖިލީހުގެ އިދާރާ

05 ޖުލައި 2023

ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް ފޮނުވީ، މަޖިލިހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންނަށް އެ ޖަލްސާ އަށް ވަޑައިނުގެންނެވޭ ގޮތަށް ބަލައި ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށް އެ ޕާޓީން ދައްކާ ވާހަކަ އެ އިދާރާ އިން މިއަދު ދޮގުކޮށްފި އެެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުރުން ބޭރުން މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް ފޮނުވީ، މަޖިލިހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންނަށް އެ ޖަލްސާ އަށް ވަޑައިނުގެންނެވޭ ގޮތަށް ބަލައި ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށް އެ ޕާޓީން ދައްކާ ވާހަކަ އެ އިދާރާ އިން މިއަދު ދޮގުކޮށްފި އެެވެ.

އެ އިދާރާ އިން "މިހާރު" އަށް ބުނީ، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް، މަޖިލިހުގެ ދައުރުން ބޭރުން ހޯމަ ދުވަހު ޖަލްސާއެއް ބާއްވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލް ކުރެއްވުމާ އެކު، އެކަން މެމްބަރުންނަށް އެންގި ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތުހުމަތު ކުރައްވާ ގޮތުގައި، މަޖިލިހުގެ އިދާރާ އިން އެ ޖަލްސާއާ ގުޅޭ ގޮތުން އަމަލުކުރީ އެ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުވާލަން ގަސްދުގަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ، އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމާ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް،" މަޖިލީހުގެ އިދާރާ އަށް ވެސް ރައްދުވާ ގޮތަށް އަސްލަމް ތުހުމަތު ކުރެއްވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ތާވަލުކުރުމާއި އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސް ކަމަށެވެ.

"އެޖެންޑާ ކަނޑައަޅުއްވައި އަޅުގަނޑުމެންނަށް [އިދާރާ] އެންގެވުމާ އެކު ޖަލްސާ އޮންނަ ކަން މެމްބަރުންނަށް ވަގުތުން އެންގިން،" ޒިޔާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އެދުމުގެ މަތިން ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާ ކުރީ މިހާރު ދިގުލައިގެން ގޮސްފައިވާ މަޖިލިހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތެވެ.

އެކަމަކު، ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ރައީސް ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެ ބަދަލާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ތަމްސީލް ކުރައްވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އަފީފް ޖަލްސާ ނިންމަވާލެއްވީ ފެށިތާ ފަސް ވަރަކަށް މިނިޓްގެ ތެރޭގަ އެވެ.

މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އަފީފް އަމަލުކުރެއްވި ގޮތާ މެދު ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން، ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގޮތެއް ނިންމަން ވެސް ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހެޅި ހުށަހެޅުމުގައި ހިމަނާފައި ވެ އެވެ.

އެއާ އެކު، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފިޔަވައި، އެހެން ކަމެއް ހޯމަ ދުވަހު ބޭއްވި ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނެތުމުގެ ޝަކުވާ ވެސް އެމްޑީޕީން ކުރި އެވެ.

މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތައް އާންމުކޮށް އެޖެންޑާގައި ހިމަނާއިރު، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޒިޔާއު ދެއްވީ ހަމަ އެއް ޖަވާބެކެވެ.

"ޖަލްސާގެ އެޖެންޑާ ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް. އެއީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތް،" އޭނާ ވިދާޅުވި އެވެ.

ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދޭން އެމްޑީޕީން އެދިފައިވީ ނަމަވެސް، ހޯމަ ދުވަހުގެ ފަހުން އިތުރު ޖަލްސާއެއް އަދި ތާވަލެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް އަނެއްކާ ވެސް އައިސްފައިވާ ބަދަލުތަކުގެ ރިޕޯޓު މެމްބަރުންނާ ހިއްސާކޮށް، ހިޔާލު ހުށަހެޅުއްވުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެހެންކަމުން، ދައުރުން ބޭރުން އިތުރު ޖަލްސާއެއް ދެން އެންމެ އަވަހަށް ވެސް ތާވަލުކުރާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގަ އެވެ.