Roadha Mihaaru
އަބުރުގެ ގާނޫނުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ޚިޔާލު ފާޅުކުރުން ހަނިކުރާ ގާނޫނުގެ ބައެއް ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި

30 ޖެނުއަރީ 2017

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

ނޫސްވެރިންނާއި އިދިކޮޅު ޕާޓީތަކުގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، މިދިޔަ އަހަރުގެ އޮގަސްޓްމަހު އަމަލުކުރަން ފެށި، ހިޔާލު ފާޅުކުރުމާ ދެކޮޅު ގާނޫނުގެ މާއްދާތަކެއް ގާނޫނުއަސާސީއާ ޚިލާފް ކަމަށް ބުނެ އެ މާއްދާތައް ބާތިލްކުރަން ކޯޓަށް ހުށަހެޅީ ވަކީލް މައުމޫން ހަމީދާއި ވަކީލް ހަސަން މައާޒް ޝަރީފް އަދި ވަކީލް އިބްރާހިމް ޝަމީލެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ހުށަހެޅި މި މައްސަލާގައި ބާތިލްކުރުމަށް އެދިފައި ވަނީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ ށ. ނ. ރ. އާއި 9 ވަނަ މާއްދާ އަދި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ނ. އާއި ރ. އަދި 18 ވަނަ މާއްދާގެ ނ. އާއި ރ. އާއި 21 ވަނަ މާއްދާ އިން 31 ވަނަ މާއްދާއާ ހަމަ އަށް ހުރި މާއްދާތަކާއި 32 ވަނަ މާއްދާގެ ހ. އާއި ށ. އާއި ނ. އަދި ރ. ގެ އިތުރުން 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އަދި 40 ވަނަ މާއްދާގެ ށ. އެވެ.

މި މައްސަލާގައި އެދިފައިވަނީ އެ މާއްދާތައް ބާތިލްކޮށް، މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ހަ މަސް ތެރޭގައި އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި މައްސަލަ ނިމެންދެން، ގާނޫނަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

ހިޔާލު ފާޅުކުރުމާ ދެކޮޅު ގާނޫނު މަޖިލީހުން ފާސްކުރީ އެންމެ ފުރަތަމަ އެ ބިލް މަޖިލީހަށް ހުށަހެޅިއިރު އޮތް ގޮތަށް ވުރެ ހަރުކަށިކޮށްފަ އެވެ. އެ ގާނޫނުގައި ނޫސްވެރިންނާ ބެހޭގޮތުން ހުރި ބައެއް މާއްދާތަކާއި ބޮޑެތި ޖުރިމަނާތަކުގެ ސަބަބުން މީޑިއާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.