Roadha Mihaaru
އާާމިރު ހާންގެ ޕްރޮޑަކްޝަނުން ހަތަރު ފިލްމު ގެނެސްދެނީ

އާާމިރު ހާންގެ ޕްރޮޑަކްޝަނުން ހަތަރު ފިލްމު ގެނެސްދެނީ

06 ޖުލައި 2023

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަތަރު ފިލްމު ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަތަރު ފިލްމު ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ރިޕޯޓްކުރި ގޮތުގައި، އާމިރުގެ ޕްރޮޑަކްޝަނުން އަންނަނީ ސްޓޫޑިއޯ މޮޑެލްއަށް ބައިވަރު ފިލްމުތައް އަހަރެއްގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންނެވެ. ގިނަ ފިލްމުތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، ހަތަރު ފިލްމެއްގެ މަސައްކަތް ފަށަން މުޅިން ތައްޔާރުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

އެ ފިލްމުތަކަކީ؛

1. ކިރަން ރާއޯ ޑައިރެކްޓުކުރާ "ލާޕަތާ ލޭޑީސް"

2. ސުނިލް ޕާންޑޭ ޑައިރެކްޓުކުރާ "ޕްރިތަމް ޕިޔާރޭ"

3. އާރުއެސް ޕްރަސަނާ ޑައިރެކްޓުކުރާ "ޗެމްޕިއަންސް"

4. ސީމާ ޕަވަން ޑައިރެކްޓުކުރާ "ޖާޔާ ޖާޔާ ޖާޔާ ޖަޔަހޭ"

"ޗެމްޕިއަންސް" އަކީ ސްޕެނިޝް ސްޕޯޓްސް ޑްރާމާ ފިލްމެއްގެ ރީމޭކެކެވެ. އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ ފަރުހާން އަކްތަރެވެ. އަދި "ޖާޔާ ޖާޔާ ޖާޔާ ޖަޔަހޭ" އަކީ ވެސް މަލަޔާލަމް ފިލްމެއްގެ ރީމޭކެވެ. އެ ފިލްމުގެ ލީޑު ރޯލު ދީފައި ވަނީ އާމިރުއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ފާތިމާ ސަނާ ޝެއިހް އަށެވެ.

މިހާރު ޕްރޮޑަކްޝަން ސްޓޭޖުގައި އޮތް "ޕްރީތަމް ޕިޔާރޭ"ގެ ލީޑުން ފެންނާނީ ސަންޖޭ މިޝްރާ އެވެ. އެ ފިލްމުގައި އާމިރު ހާއްސަ ފެނިލުމަކުން ވެސް ފެންނާނެ އެވެ. އަދި ދެން އޮތް ފިލްމު "ލާޕަތާ ލޭޑީސް"އާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.

އާމިރު ޕްރޮޑިއުސްކުރާ މި ހުރިހާ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.