Roadha Mihaaru
އާމިރާއި ރަންބީރް އެކުގައި މަސައްކަތްކުރަނީ

އާމިރާއި ރަންބީރް އެކުގައި މަސައްކަތްކުރަނީ

07 މެއި 2022

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، އާމިރް ޚާނާއި ރަންބީރް ކަޕޫރް، އެކުގައި ފިލްމެއްގެ މަސައްކަތްކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، އާމިރް ޚާނާއި ރަންބީރް ކަޕޫރް، އެކުގައި ފިލްމެއްގެ މަސައްކަތްކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑައިރެކްޓަރު އަދި ސްކްރީން ރައިޓާ އަނުރާގް ބާސޫ އަންނަނީ އެ ދެ ތަރިން ފެންނާނެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ބޮޑު ބަޖެޓަކާ އެކު ހަދާ ފިލްމެއް ކަމަށްވެ އެވެ. އަދި އެ ފިލްމަކީ އާމިރްގެ ޕްރޮޑަކްޝަން ހައުސް އިން ޕްރޮޑިއުސްކުރާނެ ފިލްމެކެވެ.

އެ މަސައްކަތުގައި އުޅޭ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހަކު މީޑިއާތަކަށް ކިޔައިދިން ގޮތުގައި މިހާރު އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތްކުރަމުން އަންނައިރު، ފިލްމުގެ އެއްވެސް މަސައްކަތެއް އަވަސް އަރުވާލައިގެން ކުރަން އެމީހުން ބޭނުމެއް ނުވެ އެވެ.

އެކަމަކު ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ، އަންނަ އަހަރުގެ ތެރޭގައި އެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެ އެވެ.

އަނުރާގް ވަނީ މީގެ ކުރިން ވެސް ރަންބީރާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ބަރްފީ" އާއި "ޖައްގާ ޖާސޫސް" ހިމެނެ އެވެ.

އެންމެ ފަހުން 2018 ގައި ނެރުނު "ތަގްސް އޮފް ހިންދުސްތާނުން" އިން ފެނުނު އާމިރްގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. އެ ފިލްމު އަޅުވަނީ އޮގަސްޓް 11 ގަ އެވެ.