Roadha Mihaaru
ރީރަޖިސްޓްރޭޝަން މަރުހަލާއާ މެދު ކަންބޮޑުވުން ގިނަ

ރީރަޖިސްޓްރޭޝަން މަރުހަލާއާ މެދު ކަންބޮޑުވުން ގިނަ

06 ޖުލައި 2023

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭ ގޮތް ހެދުމާއި މި އިންތިހާބުގައި އެ މަރުހަލާ އަލުން ފަށަންޖެހުމާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭ ގޮތް ހެދުމާއި މި އިންތިހާބުގައި އެ މަރުހަލާ އަލުން ފަށަންޖެހުމާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އޮންލައިންކޮށް ރީރަޖިސްޓްރީކުރެވޭ ގޮތަށް މި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފަ އެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ މީހުން މި ފަހަރު އަލުން ރީރަޖިސްޓްރީ ވާންޖެހޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ރީރަޖިސްޓްރީކުރެވުމާ މެދު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ރީރަޖިސްޓްރީވާން އޮންލައިންކޮށް ހުށަހަޅާ ފޯމަކީ އެ މީހާ ބޭނުންވެގެން ހުށަހަޅާ ފޯމެއްކަން ކަށަވަރުކުރަން ގާއިމުކޮށްފައިވާ ނިޒާމާ މެދު ސުވާލުތައް އެބަހުއްޓެވެ.

ކުރީގެ އިންތިހާބުތަކުގައި، އެހެން މީހެއްގެ ފަރާތުން ފޯމު ހުށަހަޅާއިރު، ފޯމު ހިފައިގެން އަންނަ މީހާގެ އައިޑީކާޑާއި މައުލޫމާތު ވެސް ހުށަހަޅަންޖެހެ އެވެ. އަދި މީހެއްގެ ފަރާތުން ސިޔާސީ ޕާޓީތަކުން ހުށަހަޅައިދޭ ފޯމުގައި އެ ޕާޓީއެއްގެ ފަރާތުން އެކަމަށް ޒިންމާވާންޖެހޭ ފަރާތެއްގެ ސޮއި އޮންނަންޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"އެކަމަކު އޮންލައިންކޮށް ރީރަޖިސްޓްރީ ކުރާއިރު އެގޮތަށް ފޯމުތައް ވެޓުކޮށް ސައްހަކަން ކަށަވަރުކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ. މީގެ މާނައަކީ، ރީރަޖިސްޓްރީވާން ބޭނުންނުވާ މީހާގެ ނަމުގައި ވެސް ފޯމެއް ހުށަހަޅައިގެން އެ މީހަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ޖާގަ ލިބުން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މި އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ މީހުން އަލުން ރީރަޖިސްޓްރީވާން ޖެހުމަކީ ޝިޔާމްގެ އަނެއް ކަންބޮޑުވުމެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި.

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީން ލިބިދޭ، ވޯޓުލުމުގެ ހައްގު ހަނިކޮށް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އިންތިޒާމުތައް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

"މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ރަޖިސްޓްރީވެފައި އޮތް ތަނުގައި ބޭއްވީމާ ނިމުނީ ނޫންތޯ. އެ މުއްދަތުގެ ތެރޭގައި އެ މީހަކު ހުރި ތަން ނޫން އެހެން ތަނެއްގައި ތިބޭނީ ނިސްބަތުން މަދު ބަޔަކު. އެހެންވީމާ ކީއްކުރަންތޯ އަނެއްކާ ސުމަކުން ފަށަންވީ؟،" ޝިޔާމް ސުވާލުކުރެއްވި އެވެ.

ރީރަޖިސްޓްރީވާން 21 ދުވަހުގެ މުއްދަތެއް ލިބޭއިރު، ކަންކަން އުނދަގޫކޮށްފައި އޮތުމުން ވޯޓުގައި ބައިވެރިނުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އީސީގެ ރައީސް ދެއްވާ ޔަގީންކަން

ޝިޔާމްގެ އިތުރުން، އީސީން ސިޔާސީ ޕާޓީތަކާ އެކު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވީ އޮންލައިންކޮށް ރީރަޖިސްޓްރީވާން ފުރުސަތު ދެނީ އެ މަރުހަލާ ވީހާ ވެސް ފަސޭހަކޮށް ދިނުމަށް ކަމަށާއި ފޯމު ހުށަހަޅާއިރު އޮޅުވައިނުލެވޭ ގޮތަށް ނިޒާމު ފަރުމާކުރެވިފައިވާ ކަމަށެވެ.

މިގޮތުން، އޮންލައިންކޮށް ރީރަޖިސްޓްރީވާން ހުށަހެޅުމާ އެކު އެ މީހާގެ ލައިވް ފޮޓޯއެއް ވެސް ފޮނުވަންޖެހޭނެ ކަމަށާއި، އެ ފޮޓޯ އެ މީހާގެ އައިޑީކާޑާ ދިމާވޭތޯ އީސީން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ފޮޓޯ ތަފާތުވަންޏާ އަޅުގަނޑުމެން ގުޅާފައި އިތުރަށް ސުވާލު ކުރާނެ. ޝައްކުވާ ކަމަށްވަންޏާ އަޅުގަނޑުމެން ސާފުކުރާނަން،" ފުއާދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ސުވާލު އުފެދޭ ނަމަ، ރީރަޖިސްޓްރީ ފޯމު ލާން އެ މީހަކަށް އީސީން އަންގާނެ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ މީހުން މި އިންތިހާބުގައި އަލުން ރީރަޖިސްޓްރީވާން ޖެހުމާ މެދު އޮތް ކަންބޮޑުވުން ފުއާދު ގަބޫލުކުރައްވަ އެވެ.

އެކަމުގައި އީސީގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ރީރަޖިސްޓްރޭޝަން ސުމަކުން ފަށަން ނުޖެހޭނެ ގޮތެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޮންމެ އިންތިހާބެއްގައި ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ރަޖިސްޓްރީވެ އެވެ.

މި އިންތިހާބުގައި އެކި ކަންކަމުގައި 5,500 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. މިހާތަނަށް ލިބުނީ 3,300 އޮފިޝަލުން ކަމަށް ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލާ ގޮތަށް އޮތީ މި މަހުގެ 23 އިން އަންނަ މަހުގެ ހަތަކަށެވެ.

މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެކަމަކު ޝަކުވާގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުން އެކަށީގެންވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.