Roadha Mihaaru
ރިޔާސީ އިންތިހާބަށް އަޑީ ވިސްނުމެއް އޮވެދާނެ: އިދިކޮޅު

އިންތިހާބު ގާތްވެފައި ވަނިކޮށް ގާނޫނަށް އިސްލާހު ހުށަހެޅުމަކީ އަޑީ ވިސްނުމެއް ގެންގުޅެފާނެ ކަމެއް: އިދިކޮޅު

19 މާޗް 2023

މި އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހު ހުށަހެޅުމުގެ ފަހަތުގައި އެ ކޮމިޝަނާއި ސަރުކާރުން ގެންގުޅޭ އަޑީ ވިސްނުމެއް އޮވެދާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހު ހުށަހެޅުމުގެ ފަހަތުގައި އެ ކޮމިޝަނާއި ސަރުކާރުން ގެންގުޅޭ އަޑީ ވިސްނުމެއް އޮވެދާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ލަފާ ހޯދަން އެކުލަވާލި ގައުމީ ލަފާ ދޭ ކޮމިޓީ އަށް ހާއްސަކޮށް، އިލެކްޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި ގޮތުގައި، އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަކީ އެހެން ގޮތަކަށް މާނަ ކުރަން ފުރުސަތު އޮންނާނެ ކަމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހިޔާލު ދިނަސް ގާނޫނަށް އިސްލާހު ހުށަހަޅަނީ ސަރުކާރުގެ ފަރާތުން ކަމަށް ވުމުން އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް، އިސްލާހުތައް ހުށަހެޅުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބު ކައިރިވެފައި ވަނިކޮށް އިސްލާހު ހުށަހެޅުމުގައި އަޑީ ވިސްނުމެއް ވެސް އޮވެދާނެތީ، އަޅުގަނޑު އަހާލަން ރިޔާސީ އިންތިހާބު މިހާ ގާތްވެފައި ވަނިކޮށް އަޑީ ވިސްނުމެއް އެބައޮތްތޯ،" ސުވާލު އުފައްދަވައި ޝިޔާމް އެއްސެވި އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު (ވ) އާއި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު (ވ) އާއި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާގެ އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ގާނޫނަށް އިސްލާހު ހުށަހެޅީ އިންތިހާބާ ދިމާކޮށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެޓާނީ ޖެނަރަލް އޮފީހަށް، އެ އިސްލާހުތައް ފޮނުވާފައިވާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ.

"އިންތިހާބުތަކަށް އިސްލާހު ހުށަހަޅަން އަޅުގަނޑުމެން ފޮނުވަން ޖެހޭނީ އޭޖީ އޮފީހަށް. އޭޖީ އޮފީހަށް އޮންނަނީ މަޖިލީހަށް ފޮނުވުމުގެ ބާރު. އަޅުގަނޑުމެންނަކަށް ސީދާ މަޖިލީހަކަށް ނުފޮނުވޭ. ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ފަހު އަޅުގަނޑުމެން ފޮނުވި އިސްލާހުތަކާއި އަދި 2019 ގައި ފޮނުވި އިސްލާހުތަކާ އެކު މިހާރު ދެ އަހަރެެއް ވަރު ވެއްޖެ އަޅުގަނޑުމެން އިސްލާހުތައް ފޮނުވާފައިވާތާ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންތިހާބާ އެހާ ކައިރިކޮށްފައި އެހާ ބައިވަރު އިސްލާހުތަކެއް ހުށަހެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މަގުސަދެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އިސްކަން ދޭނީ ވެސް އިންތިހާބާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމަށް. އިންތިހާބާ ގުޅިގެން އާދަޔާ ހިލާފު އިސްލާހުތަކެއް ހުށަހެޅިފައި ނުވާނެ. މިހާރު [ހުށަހެޅިފައި] މި ހުރީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ އިސްލާހުތަކެއް."

ހަބީބް ވިދާޅުވިގޮތުގައި، އިންތިހާބު އިންސާފުވެރިކަން ކަށަވަރު ކުރުމަށާއި ކެނޑިޑޭޓުންގެ ހައްގު ރައްކާތެރި ކުރުމަށް އެންމެ މަތީ ދަރަޖައިގައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ އެވެ.