Roadha Mihaaru
ސައިކަލް ޓެކްސީ ރަނގަޅަށް ފެށެން ދުވަސްކޮޅެއް ނަގާނެ

ސައިކަލް ޚިދުމަތް ރަނގަޅަށް ދޭން ދެ ހަފުތާއެއްވަރު ނަގާނެ: އޮފިޝަލް

30 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް އިއްޔެ ތައާރަފްކުރި ނަމަވެސް އެކަން މުޅިން ފުރިހަމައަށް ދޭން އަދި ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ސްކޫޓެކްސީ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސައިކަލް ޓެކްސީގެ ޚިދުމަތް އިއްޔެ ތައާރަފްކުރި ނަމަވެސް އެކަން މުޅިން ފުރިހަމައަށް ދޭން އަދި ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ސްކޫޓެކްސީ އިން މިއަދު ބުނެފި އެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ދޭ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ސައިކަލް ޓެކްސީކުރާ މީހުންނަށް ޓްރާންސްޕޯޓުން ދޭ ލައިސަންސް ލިބޭ މިންވަރަކުން އިތުރު ސައިކަލްތައް ނެރޭނެ ކަމަށެވެ.

"މިވަގުތު ފަސް މީހުންނަށް ލައިސަންސް ލިބުނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ފުރިހަމަވާ އިރު ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ފެށޭނެ އެވެ. އޭރުން ފޯނުކޮށްގެން ވެސް ސައިކަލް ޓެކްސީ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫޓެކްސީން ނިންމާފައި ވަނީ ޖުމްލަ 20 ސައިކަލް ހިދުމަތަށް ނެރޭށެވެ. އެކަމަކު މި ވަގުތު ބޭނުންކުރަނީ ފަސް ސައިކަލެވެ.

"މި ވަގުތު އަޅުގަނޑުމެންގެ އަމިއްލަ ފަސް ސައިކަލް އެބަހުރި. ޑްރައިވަރުންގެ އަމިއްލަ ފަސް ސައިކަލް އެބަހުރި. ބައެއް މީހުން ބޭނުމެއް ނުވޭ އަމިއްލަ ސައިކަލުގައި ރީނދޫ ބޯޑެއް ޖަހަން. އެއީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

ސްކޫޓެކްސީން ހިދުމަތް ދެނީ އަންހެން ދެ ޑްރައިވަރުންނާއި ފިރިހެނުން ތިން ޑްރަައިވަރުންނެވެ. އެ ސެންޓަރުން މަހު ފީގެ ގޮތުގައި ކޮންމެ ސައިކަލަކަށް ނަގަނީ 700ރ. އެވެ. ދަތުރަކަށް ނަގަނީ ދިހަ ރުފިޔާ އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ގިނަ މީހުން ޝައުގުވެރިވާ ގޮތަށް މަހު ފީ ވެސް ބަހައްޓަން. މިވަގުތު ކަނޑައަޅާފައިވާ އަދަދަކީ އެންމެ އެކަށީގެންވާ ރޭޓް. އެ އަގަކީ އެ މަސައްކަތްކުރާ މީހުންނަށް ވެސް ކޮންމެ ވެސް ރަނގަޅު އެއްޗެއް ލިބޭނެ ކަމަށް ބަލާފައި ކަނޑައެޅި އަގެއް،" އޮފިޝަލް ވިދާޅުވި އެވެ.

ސްކޫޓެކްސީން ބުނެފައި ވަނީ ސައިކަލް ޓެކްސީގެ އެޕްލިކޭޝަން އެޕް ސްޓޯ އާއި ގޫގުލް ޕްލޭ ސްޓޯއަށް ވެސް ވަރަށް އަވަހަށް ލާނެ ކަމަށެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަވާލުކޮށްފައި ވަނީ ދެ ކުންފުންޏަކާ އެވެ. ނަމަވެސް މިވަގުތު ހިދުމަތް ދެނީ ހަމައެކަނި ސްކޫޓެކްސީންނެވެ.